13 Oct 2021, 12:42
ޓެލެގުރާމާއި ސޯޝަލް މީޑިއާގައި މީހުންގެ ބަރަހާނާ ފޮޓޯ ލީކު ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރު ކޮށްފިއެވެ.
އެ މައްސަލައިގައި ދައުވާ އުފުލާފައިވަނީ، މއ. އިސްޕަންޖުގެ، މުހައްމަދު މަސާއިދު ބިން ސައީދުގެ މައްޗަށެވެ.
އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކާ ގުޅިގެން މިއަދު ސިއްރުން ބޭއްވި އަޑުއެހުމުގައި، ޝަރީއަތް ނިމެންދެން ބަންދުކުރުމުގެ އަމުރެއް ނެރެދީފައިވާ ކަމަށް ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުން ވަނީ ބުނެފައެވެ.
ކްރިމިނަލް ކޯޓުގައި ކުރިއަށްދާ އެ އަޑުއެހުންތައް ސިއްރުން ކުރިއަށް ގެންދަން ގާޒީ ނިންމާފައިވަނީ، ގިނަ ބައެއްގެ ޒާތީ މައުލޫމާތުތައް ސިއްރު ކުރުމަށް ކަމަށް ކޯޓުން ވަނީ ބުނެފައެވެ.
އޭނާގެ މައްޗަށް ޖުމްލަ 11 ދައުވާއެއް ވަނީ އުފުލާފައެވެ.
އެ ދައުވާތަކަކީ:
އޮރިޔާން ކާޑު ގެންގުޅުމުގެ ތިން ދައުވާ
އޮރިޔާން ކާޑު ފެތުރުމުގެ ތިން ދައުވާ
އެނގިހުރެ ހުއްދަނޫން ގޮތުގައި މައުލޫމާތު ހޯދުމުގެ ކުށުގެ ދައުވާ
އެނގިހުރެ ހުއްދަނޫން ގޮތުގައި މައުލޫމާތު ހޯދަން އުޅުމުގެ ކުށުގެ ދައުވާ
އަދުލު އިންސާފު ގާއިމްކުރުމަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާ
އެހެން މީހެއްގެ މުދަލެއްްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާ
އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ކުށުގެ ދައުވާ
އޭނާ ހައްޔަރުކުރީ އޮގަސްޓު މަހުގެ 22ވަނަ ދުވަހެވެ. އެއީ ފޯނެއް ހެކްކޮށް ފޮޓޯތަކެއް ލީކުކޮށްލި މައްސަލައަކާ ގުޅިގެންނެވެ.
ފުލުހުން ބުނީ މަސާއިދަކީ މީގެ ކުރިން ވެސް އެފަދަ މައްސަލައެއްގެ ރެކޯޑު އޮތް މީހެއްކަމަށެވެ.