29 Feb 2012, 12:36
ކުރީ ސަރުކާރުގެ ދުވަސްވަރު ލީކް ކޮށްލާފައިވާ ފޯންކޯލްތަކުގައި ސިފައިންގެ އެއްވެސް ހިއްސާއެއް އޮތްތޯ ބައްލަވައި ފިޔަވަޅު އަޅުއްވާނެ ކަމަށް އެމްއެންޑިއެފުން ބުނެފި އެވެ.
ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި ސިފައިންގެ އިސް ކޮމާންޑަރުން މީޑިއާތަކުގެ އިސްވެރިންނާ މިއަދު ސިފައިންގެ މައި މަރުކަޒުގައި ބައްދަލުވުމުގައި ނޫސްވެރިޔަކު ދެންނެވި ސުވާލެއްގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންގެ ފޯން ކޯލްތަކަކެއް ކުރިން ލީކްވީ، ކިހިނެއްތޯ އަދި އެ ފޯން ކޯލުތައް ލީކްވީ ކޮން ދިމާލަކުންތޯ ބައްލަވައި ފިޔަވަޅު އަޅުއްވާނެ ކަމަށެވެ. ނަމަވެސް އެ މައްސަލަ ނުބަލަނީސް އެއީ ވަކި ބަޔަކު ކުރި ކަމެއް، ކަމެއް ކަމަށް ވިދާޅުވާން ނޭނގޭ ކަމަށާއި ސިފައިންގެ ބައިވެރިވުމެއް އުޅޭކަން ނުވަތަ ނޫންކަން ވެސް ނޭނގޭ ކަމަށެވެ.
ނާޒިމު ވިދާޅުވީ، އޭނާގެ އެޑްމިނިސްޓްރޭޝަންގެ ދަށުން، ހަމަ ޔަގީނުން ވެސް ކުރިއަށް އޮތް ތަނުގައި އެފަދަ ކަމެއް ނުހިނގާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.
އެމްއެންޑީއެފްގެ ސްޕޯކްސްޕާސަން ކާނަލް އަބްދުއްރަހީމް އަބްދުލްލަތީފު މިއަދު ސަން އަށް ވިދާޅުވީ ކުރިން ލީކްވެފައިވާ ފޯން ކޯލްތަކުގެ މައްސަލަ ބަލާނީ ސިފައިންގެ ތެރެއިން އުފައްދާ މިނިވަން ކޮމެޓީއަކުން ކަމަށެވެ.
މީޑިއާގެ އިސް ފަރާތްތަކާ އެކު އެމްއެމްޑީއެފުގެ އިސް ފަރާތްތަކުން ބޭއްވި ބައްދަލުވުމުގައި ތެދު ނޫން މައުލޫމާތު ނުފެތުރުމަށް އިލްތިމާސް ކުރެއްވި އެވެ. އަދި މައުލޫމާތެއް ޔަގީން ކުރުމަށް އެމްއެންޑީއެފުގެ ފަރާތުން ކުރިއަށް އޮތްތަނުގައި ދޭ އެއްބާރުލުން އިތުރު ކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ފޯނު ކޯލުތައް ލީކް ކޮށްލާފައިވާ މައްސަލަ ބަލައިދިނުމަށް ޕީޖީން ވަނީ ފުލުހުންނަށް ވެސް އަންގާފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވާހަކަ ދައްކަވާފައިވާ ކަމަށް ބުނާ އެއް އޯޑިއޯ ކްލިޕްގައި ވާހަކަ ދައްކަވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ކުޅުއްދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދާއި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމެވެ. ދެ ވަނަ އަށް ލީކްކޮށްލި ފޯން ކޯލްތަކުގައި ވާހަކަ ދައްކަވާފައި ވަނީ މުލަކު ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީނާއި ކުޅުއްދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދާއި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ދައްކަވާފައިވާ ވާހަކަތަކެއްގެ ފޯން ކޯލެވެ.