13 Oct 2021, 13:06
ސާފް ޗެމްޕިއަންޝިޕްގައި މިރޭ ދިވެހި ގައުމީ ޓީމު އިންޑިއާއާ ދެކޮޅަށް ނިކުންނަ މެޗުން މޮޅުވެއްޖެނަމަ، ފައިނަލް މެޗާ ހަމައަށް މިއުޒިކް ޝޯ ބާއްވާނެ ކަން އިއުލާނުކުރުމުން ފާޑުކީ މީހުންނަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ރައްދުދެއްވައިފިއެވެ.
މަހުލޫފް އިއްޔެ ވަނީ މިއަދުގެ މެޗުގެ ފޯރި ނަގައި، ގިނަ ބަޔަކު ބައިވެރިކޮށްގެން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ނިންމައިފައިވާ ކަމަށާއި އެގޮތުން ކާނިވަލުގައި މެޗު އަޅުވައި، އެ ސަރަހައްދުގައި މިއުޒިކް ޝޯތަކެއް ކުރިއަށް ދާނޭ ކަމަށް ވިދާޅުވެފައެވެ.
މި ކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ މީސްމީޑިއާގައި މި ކަމާ ދެކޮޅަށް ވާހަކަ ދައްކައި، މިނިސްޓްރީގެ ނިންމުމަށް ފާޑުކިޔާފައެވެ.
ފާޑު ކީ މީހުންނަށް ރައްދު ދެއްވަމުން މިނިސްޓަރު މަހުލޫފް މިއަދު ވިދާޅުވީ ކާނިވާ ސަރަހައްދުގައި ބޮޑު ސްކްރީނުގައި މެޗު އަޅުވައިގެން ކުރިއަށް ގެންދާއިރު، ކުރިއަށް ދާނީ ބޮޑުބެރުގެ ހަރަކާތްތައް ކަމަށެވެ.
"މިރޭ ބޮޑު ސްކްރީންގަ މެޗު ބެލުމާއެކު ކުރިއަށްގެންދަން ރާވާފައިވަނީ ބޮޑުބެރު. އަޅުގަނޑުމެން މިއުޅެނީ ފުޓުބޯޅަ ފޯރިނަގާށެވެ، ނާޗަރަންގީ ކުޅޭކަށްނޫން. ދަނޑުގަ ބޮޑުބެރާއެކު ނަގާފޯރި ކާނިވާ ސަރަހައްދުން މެޗުބަލާ ސަޕޯޓަރުންނާއި ހަމައަށް ގެންގޮސްދިނުމަށް،" މަހުލޫފް ވިދާޅުވިއެވެ.
ސާފް ޗެމްޕިއަންޝިޕްގެ މެޗުތައް ބެލުމުގެ ފޯރި ގަދަވެ، ފާއިތުވި ދެ މެޗުގައި ރާއްޖެ ކުޅޭތަން ބެލުމަށް ޓިކެޓް ގަންނަން ކިއޫއަށް އެރި އެއްބައި މީހުންނަށް ޓިކެޓް ލިބިފައެއް ނުވެއެވެ.
އެހެންކަމުން މެޗު ބަލަން ދަނޑަށް ވަނުމުގެ ފުރުސަތު ނުލިބޭ ގިނަ އަދަދެއްގެ މީހުން ވަނީ ކާނިވާ ސަރަހައްދުގައާއި ސްޓެލްކޯ ބޮޑު ސްކްރީނުންވެސް މެޗު ބަލާފައެވެ.