13 Oct 2021, 11:11
ޕެންޝަން އޮފީހުގެ ސުލޫކީ މިންގަނޑުތަކާ ހިލާފުވެގެން އެ އޮފީހުގެ ސީއީއޯގެ މަގާމުގައި ހުރި ސީއީއޯ ޖޯން ގްރިންޑަލް މަގާމުން ވަކިކޮށްފިއެވެ.
ޕެންޝަން އޮފީހުގެ މެނޭޖާ އެންޑް ޕީއާރް އައިޝަތު ފަޒުނާ "ސަން" އަށް ވިދާޅުވީ ޖޯން ގްރިންޑަލްގެ ވަޒީފާގެ އެއްބަސްވުން އިއްޔެ ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ.
މިއީ އޭނާ އޮފީހުގެ ސުލޫކީ މިންގަނޑާ ހިލާފުވެގެން ނިންމި ނިންމުމެއް ކަމަށާއި ސީއީއޯ ވަޒީފާއިން ވަކިކުރީ ޖިންސީ ގޯނާގެ އެއްވެސް މައްސަލައެއްގައި ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
ސީއީއޯ މަގާމުން ދުރުކޮށްފައިވާއިރު، އެ އޮފީހުގެ ބޯޑު ދެ މެންބަރުން ވެސް ވަނީ އިސްތިއުފާ ދެއްވައިފައެވެ. ނަމަވެސް އިސްތިއުފާ ދެއްވި ސަބަބެއް ސާފެއްނުވެއެވެ.
ބައެއް ނޫސްތަކުން ވަނީ ޖޯން ގްރިންޑަލް މަގާމުން ވަކި ކުރީ ޖިންސީ ގޯނާގެ މައްސަލައެއްގައި ކަމަށް ބުނެ ހަބަރު ފަތުރައިފައެވެ.
ޖިންސީ ގޯނާގެ މައްސަލައެއްގައި ޖޯން ގްރިންޑަލް މަގާމުން ވަކި ކުރި ކަމަށް ބުނެ މީގެ ކުރިން ވެސް އަޑު ފެތުރިފައިވެއެވެ. ނަމަވެސް އެކަން ޕެންޝަން އޮފީހުން ވަނީ އެއިރު ދޮގުކޮށްފައެވެ.
އިނގިރޭސިވިލާތުގެ ބޭފުޅެއް ކަމަށްވާ ޖޯން ގްރިންޑަލް ސީއީއޯގެ މަގާމަށް އައްޔަންކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އޭނާއަކީ އިނގިރޭސިވިލާތާއި މޯލްޓާގައި މީގެ ކުރިން މަސައްކަތްކުރައްވައި، ޕެންޝަނާއި އިންޝުއަރަންސް ދާއިރާގައި 25 އަހަރުގެ ތަޖުރިބާ ހުރި ބޭފުޅެއް ކަމަށް މީގެ ކުރިން ޕެންޝަން އޮފީހުން ވަނީ ބުނެފައެވެ.