މަތީ ތައުލީމުގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ގްލޯނެޓުން ބާއްވާ ޔުނިވަސިޓީ އެޑިއުކޭޝަން ފެއާ (ޔޫއީއެފް) ރާއްޖޭގެ ތިން ރަށެއްގައި ބާއްވަން ހަމަޖައްސައިފި އެވެ.

ގްލޯނެޓް ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަސީމް މިއަދު ވިދާޅުވީ މިއަހަރު ގްލޯނެޓްގެ ފެއާ ރާއްޖޭގެ އުތުރުގައާއި ދެކުނުގައި ކުރިއަށްދާނެ ކަމަށާއި ފެއާގައި ގްލޯނެޓްގެ ޔުނިވާސިޓީ ތަކުންނާއި މެލޭޝިއާގެ ޔުނިވާސިޓީތަކުން ބައިވެރިވާނެ ކަމަށެވެ.

"މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް ޏ.ފުވައްމުލަކު އަތޮޅު ތައުލީމީ މަރުކަޒުގައާއި ހދ. ކުޅުދުއްފުށީގެ ޖަލާލުއްދީން ސުކޫލުގައި ފެއާ އޮންނާނެ. އަދި އައްޑޫ ހައިސުކޫލުގައި މިދިޔަ ހޯމަ ދުވަހުވަނީ ފެއާ ބާއްވާފަ. އަދި އެފެއާތަކުގައި މެލޭޝިއާގެ ތިން ޔުނިވާސިޓީއެއްގެ އިތުރުން ގްލޯނެޓްގެ ފަރާތުން އިންޑިއާ އަދި ރަޝިއާގެ ޔުނިވާސިޓީތަކުން ބައިވެރިވެ މައުލޫމާތު ދޭނެ،" ނަސީމް ވިދާޅުވި އެވެ.

އޭނާ އަދި ވިދާޅުވީ އަތޮޅުތަކުގައި ބާއްވާ ފެއާތަކުގައި ވެސް މާލޭގައި ބާއްވާ ފެއާތަކެކޭ އެއްގޮތަށް މަތީ ތައުލީމު ހާސިލް ކުރަން ބޭނުންވާ ދަރިވަރުންނާއި އެ ކުދިންގެ ބެލެނިވެރިންނަށް ބޭރުގެ ޔުނިވަސިޓީ ތަކާއި ކޮލެޖްތަކުގައި ހުރި އުގެނުމުގެ ފުރުސަތުތަކާ ގުޅޭ ގޮތުން މައުލޫމާތު ދޭނެ ކަމަށާއި ގްރޭޑް ހަތަކުން މަތީގެ ކުދިންނަށް ކެރިއާ ގައިޑަންސް ދިނުންވެސް އޮންނާނެ ކަމަށެވެ.

ގްލޯނެޓުގެ ފެއާއަކީ ދަރިވަރުންނާއި ބެލެނިވެރިންނަށް އަމާޒްކޮށް ކެރިއާ ގައިޑަންސް އާއި މަތީ ތައުލީމަށް ޝައުގުވެރިވާ ކުދިންނަށް އެފުރުސަތުތަށް ހޯދައިދިނުމަށް ކޮންމެ އަހަރަކު ބާއްވާ ފެއާ އެކެވެ.