މުދަލާ ހިދުމަތުގެ އަގުން ނަގާ ޓެކްސް، ޖީއެސްޓީ ނަގާ އެ ފައިސާ މީރާއަށް ނުދައްކާ 1200 އަށް ވުރެ ގިނަ ތަންތަން އެބަހުރި ކަމަށް މީރާއިން ބުނާއިރު އެފަދަ ފަރާތްތަކުގެ ބޭންކް އެކައުންޓްތައް ފްރީޒް ކުރުމަށް މީރާއިން ވިސްނަން ފަށައިފި އެވެ.

ޓެކްސްގެ އިދާރީ ގާނޫނުގެ ދަށުން ޓެކްސް ނުދައްކާ ފަރާތްތަކަށް ހަރުކަށި ފިޔަވަޅު އެޅުމުގެ ބާރު މީރާއަށް ލިބެ އެވެ.

ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަން ޔަޒީދު މުހަންމަދު ވިދާޅުވީ ބޭންކް އެކައުންޓްތައް ފްރީޒް ކުރުމުގެ ކުރިން ޖީއެސްޓީ ނުދައްކާ ފަރާތްތަކުގެ މައުލޫމާތު އާންމު ކުރައްވާނެ ކަމަށެވެ. އަދި އޭގެ ފަހުން އެފައިސާ ނުދައްކާނަމަ އެކައުންޓްތައް ފްރީޒް ކުރުމާއި ލީޒް ކޮށްގެން ހިންގާ ވިޔަފާރިއެއް ނަމަ ލީޒް ފީ މީރާއަށް ދައްކަން އަމުރުކުރާނެ ކަމަށެވެ.

"އެފަދަ ބާރުތައް އަޅުގަނޑުމެން ބޭނުންކުރަން ޖެހޭނެ. އެއީ ފައިސާ ނުދައްކަންޏާ އަދަބު ހުރިކަން ވެސް އެގެންޖެހޭ،" ޔަޒީދު ވިދާޅުވި އެވެ.

ޖީއެސްޓީ ދެއްކުމުގެ މުއްދަތު އިއްޔެގެ ނިޔަލަށް ވަނީ ހަމަވެފަ އެވެ. މަހަކު އެއްފަހަރު އަދި ތިން މަހުން އެއްމަހު ދައްކާ ޖީއެސްޓީގެ ފައިސާ މިދިޔަ ބުދަ ދުވަހާއި ހަމައަށް ނުދައްކާ 1200 ވުރެ ގިނަ ވިޔަފާރިތަކުން ތިބީއިރު މާލެއިން 800 އަށް ވުރެ ގިނަ ވިޔަފާރިތަކުން ޖީއެސްޓީ ނުދައްކަ އެވެ. އަދި އަތޮޅުތަކުން 400 އަށް ވުރެ ގިނަ ފަރާތްތަކުން ޖީއެސްޓީއެއް ނުދައްކަ އެވެ.

ޔަޒީދު ވިދާޅުވީ ގާނޫނުގެ ދަށުން ދޭންޖެހޭ އަދަބު ދިނުން ލަސްކުރީވެސް ޒިންމާދާރުގޮތެއްގައި އަދަބުދިނުމަށް ކަމަށާއި ގާނޫނާ އެއްގޮތަށް އަމަލުކޮށްގެންވެސް އެ ފައިސާ ހޯދާނެ ކަމަށެވެ.

ޓެކްސް ފައިސާ ނުދައްކައިގެން މީރާއިން މިހާރުވެސް އަންނަނީ ބައެއް ފަރާތްތަކުގެ މައްޗަށް ސިވިލް ކޯޓުގައި ދައުވާވެސް އުފުލަމުންނެވެ.