12 Oct 2021, 22:13
ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ނެގި 3,898 ސާމްޕަލްގެ ތެރެއިން 110 މީހަކު ޕޮޒިޓިވް ވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ޕޮޒިޓިވްވެފައިވަނީ، އަތޮޅުތެރެއިން 75 މީހަކާއި މާލެއިން 26 މީހުންނެވެ.
މީގެ އިތުރުން، ރިސޯޓުތަކުން ނުވަ މީހަކު ޕޮޒިޓިވްވެފައިވެއެވެ.
ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ މިހާރު 1،192 އެވެ.
މި ބަލީގައި 13 މީހަކަށް މިހާރު ހޮސްޕިޓަލުތަކުގައި ފަރުވާދެމުން އެބަދެއެވެ. ބަލި ޖެހުނު މީހުންގެ އަދަދު 85،732 އަށް އަރައިފައިވާއިރު އޭގެ ތެރެއިން 84،292 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.
މިއަދު ވަނީ ގދ. ތިނަދޫ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ، ގއ. ގެމަނަފުށީގެ މީހަކު މަރުވެފައެވެ. އެއާއެކު މިއަދާ ހަމައަށް ކޮވިޑް ބަލީގައި ރާއްޖެއިން މަރުވެފައިވަނީ ޖުމްލަ 235 މީހުންނެވެ.