12 Oct 2021, 20:41
އުރީދޫ ސާޗްޗެމްޕިއަންޝިޕްގައި ވާދަކުރާ ދިވެހި ގައުމީ ޓީމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހިތްވަރު ދެއްވައިފިއެެވެ.
ރައީސް ޔާމީން ކުޅުންތެރިންނަށް ހިތްވަރު ދެއްވީ ޓީމު ޕްރެކްޓިސްއަށް ދިޔަ ވަގުތުއެވެ. އެމްއެންޑީއެފް ސެކިއުރިޓީގައި ބޮޑުތަކުރުފާނު މަގުން ޓީމުގެ ބަސް ދިޔަ ވަގުތު އެމަނިކުފާނު ވަނީ ކުޑަދޮރުން ބޯދިއްކުރައްވައިގެން ހުންނަވާ ޓީމަށް ހިތްވަރު ދެއްވައިފައެވެ.
ރައީސް ޔާމީން ވަނީ އެ ކުޅުންތެރިންނަށް އަތުން ސަލާމް ކުރައްވައި ހިތްވަރު ދެއްވައިފައެވެ. އަދި ބަހުގައި ތިބި ކުޅުންތެރިން ވެސް ވަނީ ވަރަށް ހިނިތުންވެފައި ތިބެ ރައީސް ޔާމީނަށް އަތުގެ އިޝާރާތުން ސަލާމް ކުރައްވައިފައެވެ.
އިދިކޮޅު ކޯލިޝަން ހިންގުމާ މިހާރު ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ "ސަން"އަށް ވިދާޅުވީ ރައީސް ޔާމީން އަތް ހިއްލަވައިލެއްވުމުން ކުޅުންތެރިންގެ މޫނުމަތިން ވަރަށް ބޮޑަށް އުފާވެރިކަން ފާޅުވި ކަމަށެވެ.

"އޭގެން އަޅުގަނޑަށް މި ދޭހަވީ ރައީސް ޔާމީން ދިވެހި ގައުމީ ޓީމަށްޓަކައި ކުރެއްވި ހިދުމަތް އެ ބޭފުޅުން ވަރަށް ބޮޑަށް ބަލައިގަނެއޭ،" އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ ރައީސް ޔާމީން ބަސް ދަތުރުކުރައްވާ ވަގުތަށް ތައްޔާރުވެވަޑައިގެން ކުޑަދޮރު ކައިރިއަށް ނުކުމެވަޑައިގެންނެވުމަކީ ވެސް، ރައީސް ޔާމީންގެ ހިތްޕުޅުގައި ގައުމީ ޓީމަށް އޮތް ލޯބި ހާމަކޮށްދޭ ކަމެއް ކަމަށެވެ.
"ރައީސް ޔާމީން މިނިވަނެއްގެ ގޮތުގައި ހުންނެވިނަމަ ހަމަ ޔަގީނުން ވެސް ރައީސް ޔާމީން ގައުމީ ޓީމު ކުޅޭ ތަނަށް ވަޑައިގަންނަވާނެ،" އަދުރޭ ވިދާޅުވިއެވެ.
މިހާރު ކުރިއަށްދާ ސާފްޗެމްޕިއަންޝިޕްގައި ރާއްޖެއާއި އިންޑިއާ ވާދަކުރާ ފޯރިގަދަ މެޗު އޮންނާނީ މާދަމާ ރޭ ނުވައެއް ޖަހާއިރުއެވެ.