ޒުލައިހާ ސަހުމީނާގެ ދަރިފުޅު މަރާލާފައި ވަނީ ނޭވާ ހާސްކޮށްގެން ކަމަށް ބެލެވޭކަމަށް ޑޮކްޓަރު ވިދާޅުވެފައިވާ ކަމަށް އެ މައްސަލައިގައި ހެކިބަސް ދިން މީހަކު ބުނެފި އެވެ.

ސ. ހިތަދޫގައި ވިހާފައި ދަރިފުޅު މަރާލި މައްސަލައެއްގައި އެ ކުއްޖާގެ މަންމަ. ހިތަދޫ ކަސީރާގޭ ޒުލައިހާ ޝަހުމީނާގެ މައްޗަށް ދައުލަތުން ކޮށްފައިވާ ގަސްތުގައި ކުއްޖަކު މަރާލުމުގެ ކުށުގެ ދައުވާގެ މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި އޮތީ ހާދިސާ ހިނގިތަނަށް ދިޔަ ފުލުހެއްގެ ހެކިބަސް ނެގުމެވެ.

ހެކިބަސް ދެމުން ފުލުސް މީހާ ބުނީ އެ ކުއްޖާ މަރުވިކަން ފުލުހުންނަށް އެނގުނީ ހޮސްޕިޓަލުން ބުނުމުން ކަމަށެވެ. އަދި ބުނީ އެ ޚަބަރު ލިބުމާއެކު އެވަގުތު އޭނާ ހޮސްޕިޓަލަށް ގޮސް ޑޮކްޓަރާއި ވާހަކަދެއްކުމުން އެ ކުއްޖާ މަރުވެފައިވަނީ ގުދުރަތީ މަރަކުން ނޫން ކަމަށާއި، އެ ކުއްޖާ ބެލިބެލުމުން މަރާލާފައިވަނީ ނޭވާ ހާސްކޮށްގެން ކަމަށް ބެލެވޭކަމަށް ޑޮކްޓަރު ވިދާޅުވި ކަމަށެވެ.

ފުލުހުން އެ ކުއްޖާ ބެލިބެލުމުން އެ ކުއްޖާގެ މޫނު ރަތްވެފައި ހުއްޓާ ފެނުނު ކަމަށް ވެސް ހެކިބަސް ދެމުން އޭނާ ބުންޏެވެ.

އޭނާ ބުނީ ހޮސްޕިޓަލަށް ގޮސް ސަހުމީނާ ކައިރިން ކަންހިނގިގޮތާއި މެދު ސުވާލުކުރި ކުރުމުން ކަން ހިނގިގޮތް ސަހުމީނާ ކިޔައިދީފައި ވަނީ ތަފާތު ގޮތްގޮތަށް ކަމަށެވެ.

ސަހުމީނާއާ އެދުވަހު ކުރީ ކޮންސުވާލުތަކެއްތޯ ގާޒީ އެއްސެވުމުން އޭނާ ބުނީ ހާދިސާ ހިނގިތާ ގިނަ ދުވަސްތަކެއް ވެފައިވާތީ ކުރި ސުވާލުތަކެއް މިހާރު ހަނދާނެއް ނެތް ކަމަށެވެ.
ސަހުމީނާ އެ ދުވަހު ފުލުހުންނަށް ކިޔައިދިން ވާހަކަތަކުން ސުވާލުއުފެދޭ ކަންތައްތަކެއް ހުރުމުން ސަހުމީނާ ދިރިއުޅޭ ކޮޓަރި ފުލުހުން ބަލާ ފާސްކުރިކަމަށާއި އެ ކޮޓަރިތެރެއިން ބާލީހެއް ފެނުނު ކަމަށާއި އެބާލީހަކީ އެކުއްޖާގެ މޫނުމަތީގައި އެޅި ބާލީހެއް ކަމަށް ފާހަގަކުރެވުނުކަމަށް ވެސް އޭނާ ބުންޏެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ހެކިބަސް ދިން މީހާއާއި ސުވާލުކުރަން ސަހުމީނާއަށް ފުރުސަތު ދިނުމުން އޭނާ ބުނީ ކުރާނެ ސުވާލެއް ނެތް ކަމަށާއި، އޭނާއާ ބެހޭގޮތުން ހެކިބަސްދިން މީހާ ދައްކާފައިވާ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލެއްވީ ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި އިތުރު ފުލުހުންގެ ހެކިބަސް ނަގާނެކަން އިއުލާން ކުރެއްވުމަށް ފަހު އެވެ.

މި މައްސަލައިގެ ދައުވާ ހުށަހެޅުމުން ސަހުމީނާ ވަނީ ދައުވާއަށް އިންކާރު ކޮށް ދަރިފުޅު މަރާ ނުލާ ކަމަށް ބުނެފައެވެ. ދައުލަތުން އޭނާގެ މައްޗަށް ދައުވާކޮށްފައި ވަނީ އޭނާ އެކަން ކުރިކަމަށް އިއުތިރާފް ވެ ތަހުގީގުގައި ދީފައިވާ ބަޔާނެއްގެ މައްޗަށް ބިނާކޮށެވެ.

އޭނާ ފުލުހުންގެ ތަހުގީގަށް ދިން އިއުތިރާފު ބަޔާނުގައި ބުނަނީ އޭނާ އަކީ މީހަކާ އިނދެގެން ފަސް ކުދިން ލިބިފައިވާ މީހެއް ކަމަށާއި އެއް ދުވަހަކު ފިރިހެނަކަށް ފޯނު ނަންބަރު ދިނުމުން ގުޅުން ބަދަހިވެ، އެ ފިރިހެން މީހާއާ އެއްކޮށް ޖިންސީ ގުޅުން ހިންގީ ކަމަށެވެ. އަދި އޭނާވިހެއި ކުއްޖަކީ އެމީހާގެ ކުއްޖެއް ކަމަށާއި ވިހެއި ދުވަހުން ފެށިގެން ކުއްޖާ މަރާލުމުގެ ހިޔާލު އައިސްފައިވާ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

އަދި ބުނެފައި ވަނީ ދަރިފުޅު މަރުވުމަށްފަހު ސަހުމީނާގެ މަންމަ އަށް ގޮވި ކަމަށާއި މަންމަ ބަލައިފައި ކުއްޖާގެ ނެޕީ ބަދަލުކޮށް ގައިގައި ގަނޑުފެން އުނގުޅި އިރުގައި ވެސް އޮތީ މަރުވެފައިވާކަން އޭނާއަށް އެނގޭ ކަމަށެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ ވިދާޅުވެފައިވަނީ އެކަން ކުރިކަމަށް އިއުތިރާފުވެ ތަހުގީގަށް އޭނާ ބަޔާން ދިންނަމަވެސް ޝަރީއަތުގައި އެ އިއުތިރާފުން ޒުލައިހާ ސަހުމީނާ ބަރީއަވެފައިވާތީ ޝަރީއަތަށް އެ ބަޔާން ބަލައި ނުގަނެވޭނެ ކަމަށެވެ.