12 Oct 2021, 18:06
ވޮޝިންޓަން (އޮކްޓޯބަރު 12): އާޓިފިޝަލް އިންޓެލިޖެންސް ނުވަތަ މަސްނޫއީ ސިކުނޑީގެ ޓެކްނޮލޮޖީ ތަރައްގީ ކުރުމުގެ ހަނގުރާމައިގާ އެމެރިކާގެ މައްޗަށް ޗައިނާ ބޮޑުތަނުން ކުރިއެރުން ހޯދައިފިކަމަށް އެމެރިކާގެ ކުރީގެ ފަންނީ އިސް މަސްއޫލުވެރިއަކު ވިދާޅުވެއްޖެއެވެ.
ރޮއިޓާސްއަށް ދެއްވި ބަސްދީގަތުމެއްގައި އެމެރިކާގެ ދިފާއީ ވުޒާރާ (ޕެންޓަގަން) ގެ ސޮފްޓްވެއާގެ ކަންތައްތަކާބެހޭ ކުރީގެ އިސްވެރިޔާ ނިކޮލަސް ޗީލަން ވިދާޅުވީ މަސްނޫއީ ސިކުނޑީގެ ޓެކްނޮލޮޖީ ގައި ޗައިނާ މިހާރު އުޅެނީ އެމެރިކާއަށްވުރެ މާކުރީގައި ކަމަށާ އެމެރިކާއަށް ނުއުފެއްދޭވަރުގެ ބާރުގަދަ އާޓިފިޝަލް އިންޓެލިޖެންސް ޑިވައިސްތައް (މަސްނޫއީ ސިކުނޑިތައް) ޗައިނާ މިހާރު އުފައްދާ ކަމުގައެވެ.
މިދާއިރާގައި އެމެރިކާގެ މައްޗަށް ޗައިނާ ކުރިހޯދުމަށްފަހު ޗައިނާ އަކީ މިހާރު އާޓިފިޝަލް އިންޓެލިޖެންސް ސިނާއަތުގައި ދުނިޔޭގެ ޑޮމިނެންޓް ސުޕަޕަވާ ކަމަށް ނިކޮލަސް ޗީލަން ސިފަކުރެއްވިއެވެ.
ޗީލަން ވިދާޅުވިގޮތުގައި އާޓިފިޝަލް އިންޓެލިޖެންސް ގެ ޓެކްނޮލޮޖީގައި ޗައިނާ ކުޑަކުއްޖެއްގެ ގޮތުގައި އޮތްއިރު އެމެރިކާ އޮތީ މިދާއިރާގެ ޑޮމިނެންޓް ސުޕަޕަވާ ގެ މަގާމުގައެވެ. ނަމަވެސް ޗައިނާ ސަރުކާރުން މިދާއިރާއަށް ޚާއްސަ ސަމާލުކަމެއްދީގެން މިދާއިރާގައި މަސައްކަތްކުރާ ޗައިނާގެ ކުންފުނިތަކަށް ފައިސާއާއި ވަސީލަތްތައް ފަހިކޮށްދީ ރީސާޗްތަކަށް އިންތިހާއަށް އިސްކަންދިންއިރު އެމެރިކާ އޮތީ ފަރުވާ ކުޑަކޮށްލައިގެންނެވެ.
އެމެރިކާގެ ސަރުކާރުތަކުން އާޓިފިޝަލް އިންޓެލިޖެންސްގެ އެމެރިކާ ކުންފުނިތަކަށް ފައިސާއާއި ވަސީލަތްތައް ފަހިކޮށްދިނުމުގައި އިހުމާލުވުމާއި މަތިފެންވަރުގެ ރިސާޗްތައް މަދުކޮށްލުމުގެ ނަތީޖާއަކީ މިދާއިރާގައި އެމެރިކާއަށްވުރެ ޗައިނާގެ ކުންފުނިތައް ކުރިއަރައި ގެންދިޔުންކަމަށާ މިހާރު އެމެރިކާ ގެ މަސްއޫލުވެރިން މިކަމާމެދު ހިތާމަކުރައްވާ ކަމަށް ޗީލަން ވިދާޅުވިއެވެ.
އެމެރިކާގެ ދިފާއީ ވުޒާރާ (ޕެންޓަގަން) ގެ ސޮފްޓްވެއާގެ ކަންތައްތަކާބެހޭ އިސްވެރިއާގެ މަގާމުގައި ހުންނެވުމަށްފަހު ޗީލަން އިސްތިއުފާ ދެއްވީ އެމެރިކާ ސިފައިންގެ ލަޝްކަރަށް ބޭނުންވާ ޓެކްނޮލޮޖިކަލް ޓްރާންސްފޮމޭޝަންގެ ކަންތައް މާބޮޑަށް ލަސްވެގެންވެގެންނެވެ. މިމަހުގެ ކުރީކޮޅު ޗީލަން މަގާމުން އިސްތިއިފާ ދެއްވީ އެމެރިކާ ސިފައިންގެ ހަރަކާތްތަކަށް ބޭނުންވާ ޓެކްނޮލޮޖިކަލް ޓްރާންސްފޮމޭޝަން އަވަސްކުރުމަށް އޭނާއާއި އޭނާގެ ޓީމުން ކުރި މަސައްކަތްތަކަށް އެމެރިކާ ސަރުކާރުގެ ފަރާތުން އެކަށީގެންވާ އެއްބާލުމެއް ނުލިބިގެންނެވެ.
ޗީލަން މަގާމުގައި ހުންނެވިއިރު އޭނާވަނީ އެމެރިކާ ސިފައިންގެ ތެރޭގައާއި އަސްކަރީ މުއައްސަސާތަކުގައި ޓެކްނޮލޮޖިކަލް ޓްރާންސްފޮމޭޝަން އަވަސްނުކޮށްފިނަމަ މިދާއިރާގައި އެމެރިކާ ފަހަތަށްގޮސް އެމެރިކާ ގެ ދިފާއު ނުރައްކަލުގެ ތެރެއަށް ހުށަހެޅޭނެކަމުގެ އިންޒާރު އެތަށްފަހަރަކު ދެއްވާފައެވެ.
ރޮއިޓާސް އަށް ދެއްވި ބަސްދީގަތުމުގައި ޗީލަން ވިދާޅުވީ އެމެރިކާ ދެން ކިތަންމެ ވަރަކަށް މަސައްކަތް ކުރިނަމަވެސް އާޓިފިޝަލް އިންޓެލިޖެންސްގެ ދާއިރާގައި ކުރިޔަށްއޮތް 15 އަހަރު ނުވަތަ 20 އަހަރު ތެރޭގައި ޗައިނާގެ މައްޗަށް އެމެރިކާއަށް ކުރި ނުހޯދޭނެކަމުގައެވެ.
މީގެ މައިގަނޑު ސަބަބަކީ އެމެރިކާއާ އަޅާބަލާއިރު ޗައިނާގެ އާބާދީ އެތަށް ގުނައެއް ބޮޑުވެފައި އާޓިފިޝަލް އިންޓެލިޖެންސްގެ ދާއިރާގައި މަސައްކަތްކުރާ އެމެރިކާގެ ކުންފުނިތަކަށްވުރެ މިދާއިރާގައި މަސައްކަތްކުރާ ޗައިނާގެ ކުންފުނިތަކާއި ފަންނީ މީހުންގެ އަދަދު އެތަށް ގުނައެއް އިތުވެފައިވާތީއެވެ.
ޗީލަން ވިދާޅުވިގޮތުގައި އާޓިފިޝަލް އިންޓެލިޖެންސްގެ އެހީގައި ޗައިނާ ދަނީ ދުނިޔޭގައި ލީޑް ރޯލު އަދާކޮށް ދުނިޔޭގެ މީޑިއާއާއި ޖިއޮޕޮލިޓިކްސް ގެ ކޮންޓްރޯލް ވެސް ނެގުމަށް ވަރުގަދައަށް މަސައްކަތް ކުރަމުންނެވެ. ޗީލަން ވިދާޅުވިގޮތުގައި އެމެރިކާ ސަރުކާރާއި އެމެރިކާގެ ކުންފުނިތަކާ ދެމެދު މައްސަލަތައް އޮތްއިރު ޗައިނާގެ ކުންފުނިތައް ގެންދަނީ ޗައިނާ ސަރުކާރާ ގުޅިގެން އާޓިފިޝަލް އިންޓެލިޖެންސްގެ ދާއިރާގައި އާދައިގެ އިންސާނަކަށް ޚިޔާލަށްވެސް ނުގެނެވޭ ފެންވަރުގެ ބޮޑެތި ޕްލޭންތައް ހަދައި އިންވެސްޓްމަންޓްތައް އެދާއިރާގައި އެތަށް ސަތޭކަ ބިލިޔަން ޑޮލަރެއް އިންވެސްޓް ކުރަމުންނެވެ.
ޗައިނާގެ ޓެކްނޮލޮޖީގެ ކުރިއެރުމަށް ބަލާއިރު އެމެރިކާގެ އަސްކަރީ ދާއިރާތަކުގައި މިހާރުހުރި އިލެކްޓްރޯނިކް ނިޒާމުތައް އުޅެނީ ކިންޑެގާޓެން ލެވެލްގައިކަމަށްވެސް ޗީލަން ވިދާޅުވިއެވެ.
އެމެރިކާގެ ގައުމީ ސަލަމާތާބެހޭ ކޮމިޓީއާ ހަވާލާދީ އެމެރިކާގެ ނޫހެއްކަމަށްވާ "ދަ ޓައިމްސް" ބުނާގޮތުން ޗައިނާ މިހާރުދަނީ އާޓިފިޝަލް އިންޓެލިޖެންސް ދާއިރާގައި އެމެރިކާއާ ވަރަށް ބޮޑަށް ވާދަކުރަމުންނެވެ. މި ރޭހުގައި އެމެރިކާގެ މައްޗަށް ޗައިނާ ދާދިއަވަހަށް ކުރި ހޯދާނެކަން އެމެރިކާގެ މަސްއޫލުވެރިންވެސް މިހާރު ގަބޫލުކުރައްވާކަމަށް އެމެރިކާގެ ގައުމީ ސަލަމާތާބެހޭ ކޮމިޓީގެ ނަންހާމަކުރަން ނޭދޭ މަސްއޫލުވެރިއަކު ވިދާޅުވި ކަމަށް "ދަ ޓައިމްސް" ބުނެފައިވެއެވެ.