29 Feb 2012, 11:00
ޑިމޮކްރަސީގެ އުސޫލުން އެމްޑީޕީގައި އެއްވެސް ކަމެއް ނުހިނގާ ކަމާއި އެމްޑީޕީއަކީ ޑިމޮކްރެޓިކް ޕާޓީ އެއްނޫން ކަމަށް ރޭ އެމްޑީޕީން ވަކިވެވަޑައިގެން ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވި މުހައްމަދު އިމްތިޔާޒް ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ ނާއިބުގެ މަގާމުންނާއި ކެމްޕެއިން ކޮމެޓީގެ މުގައްރިރު ކަމުންނާއި އަދި ގައުމީ މަޖިލީހުގެ މެންބަރުކަން ދޫކޮށްލައްވައި މަޝްހޫރު ވިޔަފާރިވެރިޔާ، ގާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވުމަށްފަހު އިންތި ވިދާޅުވީ އެމްޑީޕީ ހިންގަމުންދަނީ "ވަކި މީހެއްގެ މައްޗަށް ބަރޯސާވެފައި އޮންނަ ކުންފުންޏެއް" ގެ ގޮތުގައި ކަމަށެވެ.
އޭނާ ވިދާޅުވީ އެމްޑީޕީގެ އަސާސީ ގާވާއިދަށް ބޯ ލެނބުމެއް ނެތި ޕާޓީގެ ވަކި ވަކި ބަޔަކު އިސްކޮން ތިއްބަވައިގެން ކަންކަން ކުރައްވަމުންދިޔަ ދިއުން ޕާޓީގެ ތެރެއިން ފެންނަދާ ކަމަށެވެ.
"ޗެއާޕާސަންގެ ނައިބު އިދާރީގެ މަގާމުގައި އަޅުގަނޑު ހުއްޓާ ޗެއާޕާސަން ކަމުގެ މަގާމުން މާރިޔާ އަހްމަދު ދީދީ އިސްތިއުފާ ދެއްވީ. ދެން މަގާމުގެ މަސްއޫލިއްޔަތު އަދާކުރުން އޮންނާނީ އަޅުގަނޑަށް ކަމަށް ގަބޫލު ކުރެވެނީ. އެއީ ޗެއާޕާސަންގެ ނައިބު ކަމުގައި ހުރީ އަޅުގަނޑު. ވަގުތީ ޗެއާޕާސަނެއް ކަމަށް ވިދާޅުވެ ރީކޯ މޫސާމަނިކު އައްޔަން ކުރީ ޕާޓީގެ އަސާސީ ގަވާއިދުގައި އެކަން ކުރަން އޮތް ގޮތަކަށް ނޫން،" އޭނާ ވިދާޅުވި އެވެ.
ޕާޓީގެ ރައީސަކީ ޕާޓީގެ މެންބަރުންގެ އިންތިހާބު ކޮށްފައިވާ ބޭފުޅަކަށްވީ ނަމަވެސް ޕާޓީގެ ރައީސްގެ ބާރުތަކާއި މަސްއޫލިއްޔަތު އަދާކުރައްވަން ރައީސަށް ޕާޓީގެތެރެއިން ހުރަސް އަޅަމުންދާ ކަމަށާއި އެމްޑީޕީގެ ޑިމޮކްރެޓިކް ކަމާމެދު ޕާޓީގެ އެތައް މެންބަރުންނެއް ސުވާލު އުފައްދަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"[މި ސަބަބުތަކާހުރެ] ޕާޓީ ދޫކޮށް ޕާޓީގެ މެންބަރުން ތަކެއް ދާނެ ކަމާއިމެދު ޝައްކު ނުކުރަން،" އޭނާ ވިދާޅުވި އެވެ.
އިންތި ވިދާޅުވީ ޖުމްހޫރީ ޕާޓީގައި އިހްލާސްތެރިކަމާއިއެކު މަސައްކަތް ކުރައްވާނެ ކަމަށާއި އެ ޕާޓީ ކުރިއެރުވަން ގާބިލުކަން ތަން ދިން މިންވަރުން މަސައްކަތްކޮށްދެއްވާނެ ކަމަށެވެ.
"އިރާދަ ކުރެއްވިއްޔާ ޖުމްހޫރީ ޕާޓީގެ ހިންގުން ހަރުދަނާ ކޮށް ޖުމްހޫރީ ޕާޓީއަކީ ޒުވާން ގާބިލު ސިޔާސީ ފަރާތްތަކެއް ތިބި ޕާޓީއެއް ކަމުގައި ހަދާނަން. އަދި ޕާޓީގެ އިދާރީ ހިންގުންތައް ރަނގަޅު ކުރުމަށް އަޅުނޑަށް އެ ފުރުސަތު ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ދެއްވާނެ ކަމުގެ ޔަގީން ވަނީ ލިބިފަ،"
ގިނަ ދުވަސް ތަކެއް ވަންދެން އެމްޑީޕީގައި އިސް ރޯލެއް އަދާކުރައްވަމުން ގެންދެވި އިންތި ވިދާޅުވީ ޕާޓީން ވަކިވި ކަމުގެ މައުލޫމާތު ލިބިގެން ޕާޓީގެ ގިނަ އަދަދެއްގެ މީހުން ގުޅިކަމާށާއި އޭގެ ތެރެއިން 80 ޕަސެންޓް މީހުން އެނާ ޕާޓީން ވަކިވެ ވަޑައިގެންނެވި ސަބަބު ގަބޫލުކުރި ކަމަށެވެ.
"މެންބަރުންނަށް އަދި އެނގޭނެ އަޅުގަނޑު ޕާޓީން ވަކިވި ސަބަބު! އަދި އެމްޑީޕީއަކީ އެންމެ ޑިމޮކުރަޓިކް ޕާޓީ ކަމަށް ދައުވާ ކުރި ނަމަވެސް އެޕާޓީއަކީ އެއްގޮތަކަށް ވެސް ޑިމޮކްރެޓިކް ޕާޓީއެއްނޫންކަން އިތުރަށް ދާނީ ސާފުވަމުން،"