ރާއްޖޭގެ އިގުތިސާދީ ކަނޑުގެ ސަރަހައްދަށް ވަދެ ދާ އަޅައިގެން މަސްވެރިކަން ކުރަން އުޅުނު އިންޑިޔާގެ މަސް ބޯޓެއް ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު ފަސްޓް ލެޕްޓިނެންޓް އަބްދުﷲ އަލީ މިއަދު ވިދާޅުވި ގޮތުގައި އިއްޔެ ހެނދުނު އެބޯޓުގެ މައުލޫމާތު ކޯސްޓްގާޑަށް ލިބުމާ ގުޅިގެން ކޯސްޓްގާޑް އެސަރަހައްދަށް ދިޔައިރު އެސަރަހައްދުގައި ރާއްޖޭގެ މަސް ދޯނިތަކެއް ވެސް ހަރަކާތްތެރިވަމުން ދިޔަ އެވެ.

އޭނާ ވިދާޅުވީ އެ މަސްބޯޓުގައި 11 މީހުން ތިބި ކަމަށާއި އެމީހުންގެ ތެރޭގައި 18 އަހަރުން ދަށުގެ ކުޑަ ކުއްޖަކު ވެސް ހިމެނެ އެވެ. އެ އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް ވެސް ވިދާޅުވި އެވެ.
ކޯސްޓްގާޑުން ވަނީ ރޭގެ ވަގުތެއްގައި އެ ބޯޓް ހދ. ކުޅުދުއްފުށީ ބަނދަރަށް ވައްދާފަ އެވެ.

އަބްދުﷲ އަލީ ވިދާޅުވީ ލަކުޑިން ބަނދެފައިވާ އެ މަސް ބޯޓަކީ ގަވާއިދާ ހިލާފަށް ވަދެގެން އުޅުނު ބޯޓެއް ކަމެއް އަދި ސާފުނުވާ ކަމަށާއި ނަމަވެސް ބޯޓުގައި ގިނަ އަދަދަކަށް މަސް ހުރި ކަމަށެވެ.
" ލޭނުއަޅަން ގެންގުޅުނު ލަލުން ބައެއް ވެސް ވަނީ ކަނޑައިގެން ގޮސްފައި. ބޯޓްގެ ތެރޭގައި ގިނަ އަދަދަކަށް ހިމަރާއި، މިޔަރުވެސް ހުރި، އެކަންތައް އިތުރަށް ބަލަމުން މިގެންދަނީ އެއެންމެންވެސް މިހާރު ތިބީ ކުޅުދުއްފުށީގައި ސިފައިންގެ ބެލުމުގެ ދަށުގަ،" އަބްދުﷲ އަލީ ވިދާޅުވި އެވެ.

ހއ. ދިއްދޫ ” ގުރުވަ” ދޯނީގެ މަސްވެރިންނަށް އެންމެ ފުރަތަމަ އެ ބޯޓް ފެނުނުއިރު އޮތީ ލޭނު އަޅައިގެން ކަމަށް އެދޯންޏާ ހަވާލާދީ އެސަރަހައްދުގައި ހަރަކާތްތެރިވި ހދ. މަކުނުދޫ ” އާއިލާ” ދޯނީގެ ކެޕްޓަން މޫސާ ފަތުހީ ކޯސްޓްގާޑަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

އެބޯޓް ފެނުނުއިރު އެބޯޓް އޮތީ ހއ. ފިއްލަދޫގެ އިރުމަތިން 60 ނޯޓިކަލް މޭލް ބޭރުގަ އެވެ.