12 Oct 2021, 13:23
"ވާނުވާ" ބަންދުގައި މިހާރު އެއްވެސް މީހަކު ނުހުންނާނެ ކަމަށް ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ސައްލެ) ވިދާޅުވެއްޖެއެވެ.
ޝަރީއަތް ނިމެންދެން "ވާނުވާ" ބަންދުގައި ތިބޭ ގައިދީންނަށް ލިބެން ޖެހޭ ބޭސްފަރުވާގެ ހިދުމަތް ހައްލު ކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ހުށަހެޅުއްވި މައްސަލައަށް ބަހުސް ކުރައްވަމުން ސަލީމް ވިދާޅުވީ ފުރަތަމަ މި މައްސަލައިގެ "ވާނުވާ" ބަލަން ޖެހޭ ކަމަށެވެ.
ސަލީމް ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައިރު 300 އަށް ވުރެ ގިނަ މީހުން ވާނުވާ ބަންދުގައި ތިބި ކަމަށެވެ.
"އޭރު ކުށަކަށް ކުރެވޭ ތުހުމަތެއް ނޭނގުނަސް، ފަނޑިޔާރެއްގެ ކުރިމައްޗަށް މީހަކު ހާޒިރު ނުކުރިޔަސް އަދި އޭނާއަށް އޭނާގެ މައްޗަށް ތުހުމަތު ކުރެވުނީ ކޮން ކުށެއް ކަން ނޭނގުނަސް، ޖަލުގައި ހައްޔަރުކޮށްފައި ކިތަންމެ ދުވަހަކު ވެސް ބައިތިއްބަފާނެ." ސަލީމް ވިދާޅުވިއެވެ.
ސަލީމް ވިދާޅުވީ އެކަން ބަދަލު ކުރާނެ ކަމުގެ ވައުދާއެކު މި ސަރުކާރުން ވެރިކަމަށް އައިސް އެކަން މުޅިންހެން ހުއްޓުވައިފައިވާ ކަމަށެވެ.
"ޓެކްނިކަލް ގޮތުން ދަންނަވަންޏާ މިހާރު ރާއްޖޭގެ ވާނުވާ ބަންދުގައި އެއްވެސް މީހަކު ނުހުންނާނެ. އެއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫން. އެކަން ނިމުމަކަށް ގެނައީ މި ސަރުކާރުން، މި މަޖިލީހުން. މާނައަކީ ބަންދެއްގައި ހުންނަ މީހަކު އޭނާގެ ބަންދާ ބެހޭ ގޮތުން އޭނާއަށް އެނގެން ޖެހޭ މައުލޫމާތު ނޭނގި އަދި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރު ނުކުރާ މީހަކު ގައިދީއެއްގެ ގޮތުގައި ނުހުންނާނެ" ސަލީމް ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ ޝަރީއަތް ނިމެންދެން ބަންދުގައި މީހުން ބަހައްޓަނީ ބޮޑެތި ޖިނާއީ ކުށްތަކުގައި ތުހުމަތު ކުރެވޭ މީހުން ކަމަަށެވެ.
އެހެން ނަމަވެސް ޝަރީއަތް ނިންމުން އަވަސްކޮށް، ހުކުމް ކުރުން އަވަސް ކުރަން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށް ސަލީމް ވިދާޅުވިއެވެ.