12 Oct 2021, 11:43
އުތުރުތިލަފުޅު ތަރައްގީ ކުރަން އިންޑިއާގެ އަސްކަރިއްޔާ އާއި ދިވެހި އަސްކަރިއްޔާއާ ދެމެދު ސޮއިކުރި އުތުރުތިލަފަޅު އެއްބަސްވުމަކީ ސިއްރެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވައިދެއްވަމުން، ރިޔާސަތުގައި އިންނެވި ރައީސް ނަޝީދު ވިދާޅުވީ އުތުރުތިލަފަޅު އެއްބަސްމުގައިވާ އެއްޗެއް އޮޅުން ފިލުވުމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު އެދިވަޑައިގެންފައިވާ ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން އެ މަސައްކަތް ކުރިއަށް ގެންދިޔަ ކަމަށެވެ.
"އަމީންއާންމު މިއަދު މިނިސްޓްރީ އޮފް ޑިފެންސްގައި އެ އެގްރީމެންޓުގެ ކޮޕީއެއް މި ތަނަށް ދެއްވުމަށް އެދި ދަންނަވާ އަދި އިރާދަކުރެއްވިއްޔާ އިއްޒަތްތެރި މެންބަރަށް އެ އެގްރީމެންޓުގައިވާ ހުރިހާ އަކުރެއް އޮޅުންފިލުވައިދެވޭތޯ އެ ކޮމިޓީގެ ފަރާތުން ބައްލަވާ ވަރަށް ބޮޑަށް މަސައްކަތް އެބަ ކުރައްވާ،" ރައީސް ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން އެ އެއްބަސްވުމަކީ އެއްވެސް ހާލަތެއްގައި ސިއްރު އެއްބަސްވުމެއް ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
"އެއީ އެއްވެސް ހާލެއްގައި ފޮރުވިފައި އޮތް ސިއްރެއް ނޫން، އެއީ ދިވެހި ދައުލަތުގެ އެގްރީމެންޓެއް. ދޭދޭ ގައުމަކާއެކު ކުރެވިފައިވާ. އެއީ ސިއްރެއްގެ ގޮތުގައެއް ނޫން ދައުލަތުން އެ ކަން ކުރަމުން ގެންދިޔައީ،" ރައީސް ނަޝީދު ވިދާޅުވިއެވެ.
އުތުރުތިލަފަޅުގައި ކޯސްޓްގާޑުގެ ބަނދަރަކާއި ޑޮކްޔާޑެއް ތަރައްގީ ކުރުމަށް އިންޑިއާއާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އެތަނުގައި ޒަމާނީ، ނޭވަލް ބަނދަރަކާއިި އެތަނަށް ބޭނުންވާ އެހެނިހެން އުމްރާނީ ވަސީލަތްތައް ތަރައްގީ ކުރާނެއެވެ.