12 Oct 2021, 15:03
މާލެ ސިޓީގެ ބޭރުމަގާއެކު އިތުރު 16 މަގެއްގައި ތާރު އަޅައި ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް މާލޭ ސިޓީ ކައުންސިލުން ރޯޑް ޑިވޮލަޕްމެންޓް ކޯޕަރޭޝަން(އާރުޑީސީ) އާ ހަވާލުކޮށް, އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.
މި އެއްބަސްވުމުގައި ސިޓީ ކައުންސިލުގެ ފަރާތުން ސޮއި ކުރެއްވީ މޭޔަރު ޑރ. މުހައްމަދު މުއިއްޒެވެ. އާރުޑީސީ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ)އެވެ.
މި މަޝްރޫއުގެ ދަށުން މާލޭގެ 105 މަގެއް ހިމެނޭހެން 51.3 ކިލޯމީޓަރުގެ މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ވަނީ ނިންމާފައެވެ.
ހޮޓެލް ޖެންގައި އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި މުއިއްޒު ވިދާޅުވީ، މިއީ ކުރީގެ ކައުންސިލުން ވެފައިވާ އެއްބަސްވުމަށް ބަދަލުތަކެއް ގެނައުމަށް ފަހު ހަދާފައިވާ އެއްބަސްވުމެއް ކަމަށެވެ. އަދި އެ ބަދަލުތަކުގެ އެންމެ ބޮޑު ބޭނުމަކީ ވީހާވެސް ކުރު މުއްދަތެއްގެ ތެރޭގައި މަޝްރޫއުގެ މަސައްކަތް އެއްކޮށް ނިންމާލުންކަމަށް މުއިއްޒު ވިދާޅުވިއެވެ.
"އަޅުގަނޑުމެން ބޭނުންވަނީ މި މަޝްރޫއު ވީހާވެސް ކުރު މުއްދަތެއްގެ ތެރޭގައި، ގިނަ މަގުތަކެއް ހަދާ ރައްޔިތުންނަށް ފަސޭހަކަން ގެނެސްދިނުން. މި މަޝްރޫއުގެ ދަށުން 105 މަގެއް ހެދޭނެ. އަދި ޓްރެފިކް ހައި މާލޭގެ 16 މަގެއްގައި ތާރުއަޅަން ބޭނުންވާތީ މި އެއްބަސްވުމުގައި ސޮއި ކުރީ،" މޭޔަރު ވިދާޅުވިއެވެ.
މުއިއްޒު އިތުރަށް ވިދާޅުވީ ދެ އަހަރު ދުވަހުގެ ތެރޭގައި މި މަޝްރޫއު ނިމޭކަމުގައިވާނަމަ، ތަކުލީފުތަކެއް ރައްޔިތުންނަށް ކުރިމަތިވި ނަމަވެސް ރައްޔިތުންނާއި ގާތުން ރައްޔިތުން ބައިވެރި ކޮށްގެން އެކަން ކުރާނަމަ ކާމިޔާބު ވާނެކަމަށެވެ.
މީގެ އިތުރުން އާރުޑީސީގެ ފަރާތުން ވާހަކަދައްކަވަމުން މުކޭ ވިދާޅުވީ ކައުންސިލުގެ އެދުމާ އެއްގޮތަށް މި މަޝްރޫއު ވީ އެންމެ ފުރިހަމަކޮށް ނިންމުމަަށްޓަކާއި އެކުންފުނީގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށާއި ރައްޔިތުންގެ މަންފާއަށް ކުރާ މިފަދަ މުހިއްމު މަސައްކަތްތަކަށް ކުންފުނީގެ އެއްބާރުލުން އަބަދުވެސް ލިބިގެންދާނެ ކަމަށެވެ.
"އާރުޑީސީގެ މަސައްކަތުގެ ސްޕީޑާ މެދު އަޅުގަނޑަށް ހިތް ހަމަ ޖެހުން އެބައޮތް. އަޅުގަނޑުމެންގެ އަމާޒަކީ އެއްޗަކަށް އެއްޗެއް ހެދުމުގެ ބަދަލުގައި އަޅުގަނޑުމެން ހަވާލުވި މަސައްކަތް ކޮލިޓީ ކޮމްޕްރޮމައިޒްނުކޮށް ނިންމާ ކައުންސިލާ ހަވާލުކުރުން،" މުކޭ ވިދާޅުވިއެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ މި މަޝްރޫއުގެ ދަށުން މާލޭގެ އުތުރު ފަރާތު ބަނދަރު ސަރަޙައްދުގެ ތޮށިގަނޑު ފެއަށްޖައްސާ، މަގުފުޅާކޮށް، އެ ސަރަހައްދުގެ ތޮއްޖެހުން ހައްލު ކުރާނެ ކަމަށެވެ.
ހަމައެހެންމެ މި މަގުތައް ތަރައްގީ ވެގެންދާނީ، ފެހިކަންގަދަ، އަދި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށްވެސް ފަސޭހައިން ބޭނުންކުރެވޭނެ ގޮތަށް ކަމަށާއި، މި މަޝްރޫއުގެ ތެރެއިން ވެހިކަލް ޕާކުކުރުމާއި، މުދާ އަރުވާ ބޭލުމަށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖެހިގެންދާނެކަމަށްވެސް ސިޓީ ކައުންސިލުން ބުންޏެވެ.
މާލޭގެ މަގުތަކުގެ ތެރެއިން ތާރު އެޅުމަށް ސިޓިީ ކައުންސިލުން ނިންމާފައިވާ މަގުތަކަކީ އަމީނީ މަގާއި، ކަނބައި އައިސް ރަނި ހިނގުމާއި، ޝަހީދު އަލީ ހިނގުމާއި، އިއްޒުއްދީން މަގާއި، ހަނދުވަރީ ހިނގުމާއި، ޗާންދަނީ މަގާއި، ބުރުޒުމަގާއި، ލޮނުޒިޔާރާތް މަގާއި، ރަށްދެބައިމަގާއި، މުރަނގަމާއި މުއިވެޔޮ މަގާއި، މާވެޔޮމަގާއި، ހަވީރީ ހިނގުމުގެ އިތުރުން ލިލީމަގާއި ބޮޑު ތަކުރުފާނު މަގު އަދި އަލިކިލޭގެފާނު މަގެވެ.
ހަމައެހެންމެ އާރުޑީސީން ވަނީ މި މަޝްރޫއު ކުރިއަށްދާއިރު ދިމާވާ އެކި އެކި މައްސަލަތައް މީހުން ފާހަގަ ކުރުމުން، އެކަންކަން އިސްލާހު ކުރާނެކަމަށް ބުނެފައެވެ.