ރައްޔިތުން މަޖިލިހުން ހުސްވެފައިވާ ކާށިދޫ ދާއިރާގެ ގޮނޑިއަށް ޖުމްހޫރީން ޕާޓީ ވާދަކުރާނަމަ އެ ޕާޓީގެ ޓިކެޓް ނައިބު ލީޑަރު އަބްދުﷲ ޖާބިރަށް ދިނުމަށް ޕާޓީ ކައުންސިލުން ރޭ ނިންމައިފި އެވެ.

ޖުމުހުރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ފުވާދު ގާސިމް މިއަދު ވިދާޅުވީ އެ ޕާޓީގެ ކައުންސިލުން އަދި ރަސްމީކޮށް ކާށިދޫ ދާއިރާއަށް ވާދަކުރާނެ ކަން ނިންމާފައި ނުވި ނަމަވެސް ވާދަކުރަން ނިންމައިފިނަމަ އެ ޕާޓީގެ ޓިކެޓްގައި ނުކުމެ ވަޑައިގަންނަވާނީ ޖާބިރުކަމަށް ކައުންސިލުން ނިންމާފައިވާ ކަމަށެވެ.

"ކާށިދޫ ދާއިރާގެ ގޮނޑިއަށް ވާދަކުރުމަށް ކައުންސިލުން ގޮތެއް ނިންމުމުގެ ކުރިން އެބަ ބަލަން ޖެހޭ އިއްތިހާދުގައި ބައިވެރިވާ އެހެނިހެން ޕާޓީތަކުގެ ވިސްނުން ހުރިގޮތް. މިހާރު ކައުން ސިލުން އެ ނިންމީ
ޖުމްހޫރީ ޕާޓީން އެ ގޮނޑިއަށް ވާދަކުރާނަމަ ނުކުންނާނެ ކެނޑިޑޭޓް،" ފުވާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޖުމުހޫރީ ޕާޓީގެ ޓިކެޓްގައި ކެނޑިޑޭޓަކު ނެރުމުގެ ކުރިން އިއްތިހާދުގައި ބައިވެރިވާ އެހެނިހެން ޕާޓީތަކާއި ޕާޓީން މަޝްވަރާކުރާނެ ކަމަށެވެ.

މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު އެމްޑީޕީން ވަކިވެވަޑައިގެންނެވުމަށް ފަހު ޖުމްހުރީ ޕާޓީއާ ގުޅިވަޑައިގެންނެވީ މި އަހަރުގެ ޖެނުއަރީމަހުގެ ތެރޭގަ އެވެ. އެނާ ޖުމުހުރީ ޕާޓިއާއި ގުޅިވަޑައިގަތުމާއި އެކު އެޕާޓީގެ ކައުންސިލުން ވަނީ ނައިބު ލީޑަރުގެ މަގާމު ދެއްވާ ފައެވެ.

ޖާބިރަކީ ކުރިން ރައްޔިތުންގެ ހާއްސަ މަޖިލިސް ތަމްސީލު ކުރައްވާފައިވާ ބޭފުޅެކެވެ.