12 Oct 2021, 09:18
ހަތަރު މަސް ދުވަހަށް ފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހަށް ވަޑައިގެން، ރިޔާސަތާ ހަވާލުވެވަޑައިގެންފިއެވެ.
މަޖިލީހުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުން ދެއްކެވި ވާހަކަފުޅުގައި ރައީސް ނަޝީދު ވަނީ ކޮމިޓީތަކުގެ މަސައްކަތްތައް ކުރިއަށްދާ ބާރުމިން ފާހަގަކުރައްވާ، މެންބަރުން ކުރައްވަމުން އަންނަ މަސައްކަތަށް ޝުކުރު އަދާކުރައްވައިފައެވެ.
"ކޮމިޓީތަކުގެ މަސައްކަތްތައް މި ދިޔަ ދުވަސްތަކުގައި އިއްޒަތްތެރި މެންބަރުން ބާރު ސްޕީޑުގައި ކުރައްވަމުން ގެންދަވައިފައި އެބަވޭ. އިއްޒަތްތެރި މެންބަރުންނަށް އެކަމަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ހަމައެހެންމެ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވި ނައިބު ރައީސް އީވާ އަބްދުﷲ އާއި މަޖިލީހުގެ އަމީންއާމަށް ވެސް ޝުކުރު އަދާކުރެއްވިއެވެ.
"އަދި މަޖިލީހުގެ ނައިބު ރައީސަށާއި އާމީންއާމަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. އެނގިވަޑައިގަންނަވާނެ މި މަޖިލީހުގެ ރިޔާސަތު ނުބެލެހެއްޓި 150 އަށް ވުރެ ގިނަ ދުވަސް އަޅުގަނޑަށް ހިނގައްޖެ،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ މަޖިލީހުގެ މަސައްކަތްތަކުގެ ތެރެއިން ދެން ކުރިއަށް އޮތް އެންމެ މުހިންމު މަސައްކަތަކީ ބަޖެޓުގެ މަސައްކަތް ކަމަށެވެ. އެގޮތުން މިދިޔަ އަހަރުގެ ބަޖެޓުގައި ލިބޭނެ ކަމަށް އަންދާޒާ ކުރެވުނު އަދަދުތަކާއި އާމްދަނީއާއި އަހަރުގެ މިހާތަނަށް އައިރު ލިބިފައިވާ އާމްދަނީއާ އަޅާ ބަލާއިރު ބައެއް ބާވަތުގެ އާމްދަނީ ވަރަށް ރަނގަޅަށް ލިބިފައިވާ ކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.
"އަންދާޒާކުރި މިންވަރަށް ވުރެ ރަނގަޅަށް އެބަހުރި، މިސާލަކަށް ފަރުދުންގެ އާމްދަނީން ނަގާ ޓެކްސް، އިންކަމް ޓެކްސްގެ އާމްދަނީ އަންދާޒާ ކުރި މިންވަރަށް ވުރެ ރަނގަޅަށް ލިބިފައިވަނީ" ރައީސް ނަޝީދު ވިދާޅުވިއެވެ.
މޭ މަހުގެ ހަ ވަނަ ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާގައި ލިބުނު ޒަހަމްތަކަށް އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ހޯއްދެވުމަށްފަހު އެ މަހުގެ 13 ވަނަ ދުވަހު ރައީސް ނަޝީދު ވަނީ އިތުރު ފަރުވާއަށް ޖަރުމަނަށް ވަޑައިގެންފައެވެ. އަދި ޖުލައި މަހުގެ 21 ވަނަ ދުވަހު އިތުރު ފަރުވާއަށް ރައީސް ނަޝީދު ވަނީ އިނގިރޭސިވިލާތަށް ވަޑައިގެންފައެވެ.
ރައީސް ނަޝީދު އެނބުރި ރާއްޖެ ވަޑައިގެންނެވީ އިއްޔެގެ ވަގުތެއްގައެވެ.