ޓެލްއަވީވް (ފެބްރުއަރީ 27) : އިސްރާއީލުގެ ޔަހޫދީ އަންހެނުން އިސްލާމް ދީނަށް ވަންނަމުންދާ މިންވަރާމެދު އިސްރާއީލުގެ ސަރުކާރާއި ޔަހޫދީ ފާދިރީން (ރަބީން) ކަންބޮޑުވާކަން އެޤައުމުގެ ނޫހެއް ކަމަށްވާ "ޔަދިއޯތު އަހްރަނޯތު" ހާމަކޮށްފިއެވެ.

އިސްރާއީލުގެ ޔަހޫދީ އަންހެނުން އިސްލާމް ދީނަށް ވަންނަމުންދާ މައްސަލަ ދިރާސީ ނަޒަރަކުން ބައްލަވަމުން ގެންދަވާ އިސްރާއީލުގެ ޕްރޮފެސަރެއް ކަމަށްވާ އިޓިޒެކް ރިޓަރ އާ ޙަވާލާދީ "ޔަދިއޯތު އަހްރަނޯތު" ބުނިގޮތުގައި ޔަހޫދީ އަންހެނުންގެ ތެރެއިން އިސްލާމް ދީން ޤަބޫލުކުރަމުންދަނީ ޢަރަބިންނާ އަދި މުސްލިމުންނާމެދު އެހާބޮޑު ދުޝްމަންކަމެއް ނުގެންގުޅޭ މެދުމިނުގެ ޔަހޫދީ ގިންތިތަކަށް ނިސްބަތްވާ އަންހެނުންނެވެ.

މީގެތެރެއިން ބައެއް އަންހެނުން އިސްލާމްވަނީ މުސްލިމް ފިރިހެނުންނާ ކައިވެނީގެ ގޮތުން ގުޅުމަށްޓަކައި ކަމަށާ އަނެއްބައި އަންހެނުން އިސްލާމްވަނީ އިސްލާމީ ދަޢްވާ ފަތުރާ މުސްލިމް ޓީވީ ޗެނެލްތަކާއި އިންޓަރނެޓާއި އިސްލާމް ދީނަށް ގޮވާލާ ދާޢީން ގެ ތަޤްރީރުތައްފަދަ ވަސީލަތްތަކުގެ އެހީގައި ކަމަށްވެސް މިނޫސް ބުނެއެވެ.

އިސްރާއީލުގައި އިސްލާމް ދީނަށް ގޮވާލުމާއި އިސްލާމީ ދަޢްވާއާބެހޭ ތަޤްރީރުތައް ދިނުމަކީ ދަސްތޫރީ ގޮތުން މަނާކަމެއްނޫނެވެ. ނަމަވެސް އިސްރާއީލުގެ ޤައުމީ ސަލާމަތާ ގުޅުވައިގެންނާއި ފަލަސްތީނުގެ ރައްޔިތުން އިސްރާއީލުގެ އިސްތިއްމާރާ ދެކޮޅަށްކުރާ މިނިވަންކަމުގެ ޖިހާދާ އިސްލާމް ދީނަށް ގޮވާލުމުގެ ކަންތައް ގުޅުވައިގެން އިސްލާމް ދީނަށް ގޮވާލުމުގެ ކަންތައްތަކަށް އިސްރާއީލުގެ ސަލާމަތީ ބާރުތައް ވަރަށް ބޮޑަށް ހުރަސް އަޅަމުން ގެންދެއެވެ.

ޔަހޫދީން އިސްލާމް ވުމަށް ނުސީދާ ގޮތެއްގައި ހުރަސްއަޅާ ބައެއް ޤާނޫންތަކާއި ގަވައިދުތައްވެސް އިސްރާއީލުގައި ވެއެވެ. މީގެއިތުރުން އިސްލާމްވާ ޔަހޫދީންނަށް ބިރުދައްކައި ގޯނާކޮށް ދުއްތުރާ ކުރުމުގައި ޔަހޫދީ ހަރުކަށި ދީނީ ޖަމާއަތްތަކާއި ލާދީނީ ޒަޔަނިސްޓް ޖަމާއަތްތަކުގެ އެކްޓިވިސްޓުންވެސް ވަރަށް ފުޅާދާއިރާއެއްގައި ޙަރަކާތް ތެރިވެއެވެ.

އިސްރާއީލުގައި އިސްލާމްދީން ފެތުރުމަށް މަސައްކަތްކުރަނީ ފަލަސްތީނުގެ ދީނީ ބައެއް ޢިލްމުވެރިންނާއި ޔަހޫދީންގެ ތެރެއިން އިސްލާމްވާ މަދު އަދަދެއްގެ ދާޢީންނެވެ. "ޔަދިއޯތު އަހްރަނޯތު" ނޫސް ބުނާގޮތުން ފާއިތުވި 2011 ވަނަ އަހަރު އިސްރާއީލުގެ 55 ޔަހޫދީއަކު އިސްލާމްދީން ޤަބޫކޮށް އިސްލާމް ދީނަށް ވަދެފައިވާއިރު މީގެތެރޭގައި މުޅިންވެސް ހިމެނެނީ ޔަހޫދީ މެދުމިނުގެ ޚިޔާލުގެ އަންހެނުންނެވެ.

އަހަރަކު އެވްރެޖްކޮށް 50 އެއްހާ ޔަހޫދީ އަންހެނުން އިސްލާމް ދީން ޤަބޫލުކޮށް އިސްލާމްދީނަށް ވަންނަ ކަމަށްވެސް "ޔަދިއޯތު އަހްރަނޯތު" ބުނެއެވެ. -- ޔަދިއޯތު އަހްރަނޯތު