29 Feb 2012, 09:32
މާދަމާއަކީ މިއަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވާ ދުވަހެވެ. މަޖިލީސް އަލަށް ހުޅުވާއިރު އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮވެ ހުކުމާއި އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުދާތީ ރާއްޖޭގައި އޮތް އެންމެބޮޑު ސިޔާސީ ޕާޓީގައި ހިމެނިވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާގެ ގޮނޑި ވަނީ ގެއްލިފަ އެވެ. ކާށިދޫ ދާއިރާގެ ގޮނޑި ވެސް ވަނީ ހުސްވެފަ އެވެ.
ދެ ގޮނޑި ހުސްވެ ބައި އިލެކްޝަނަކަށް ގޮސްފައިވާއިރު މިހާރު މަޖިލީހުގެ މެންބަރުން ސިޔާސީ ޕާޓީތަކަށް ބެހިފައިވާގޮތަށް ބަލާއިރު އެމްޑީޕީގައި 32 މެންބަރުންނެވެ. އަނެއްކޮޅުން މަޖިލީސް ޗުއްޓީއަށް ދިޔުމުގެ ކުރީގައި އޮތް ސަރުކާރު ވަނީ ބަދަލުވެފަ އެވެ. މިހާރު ވެރިކަމުގައި މިއޮތީ މުޅިން އާ ސަރުކާރެކެވެ. މި ސަރުކާރަށް ނިސްބަތްވާ އެއްވެސް މެންބަރަކު މަޖިލީހަށް އިންތިޚާބުވެފައެއް ނުވެއެވެ. މަޖިލީހުގެ ގަވާއިދު ބުނާގޮތުން މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅަންޖެހޭ ބިލުތައް ވެސް ހުށަހަޅަންޖެހެނީ އެ ސަރުކާރު ނިސްބަތްވާ ޕާޓީގެ މެންބަރެކެވެ.
ވޭތުވެދިޔަ ތަނުގައި ވެސް ފެނިފައިވާ މަންޒަރުތަކުން މަޖިލީހުގެ މަސައްކަތްތައް އެންމެ ފައިދާ ހުރިގޮތުގައި ކުރެވިފައި ނުވާކަމަށް ގިނަބަޔަކު ބުނާއިރު މިހާރުގެ ހާލަތުގައި މަޖިލީހުގެ މަސައްކަތްތައް އަލުން ފަށާއިރު ގައުމަށާއި، ރައްޔިތުންނަށް ފައިދާ ހުރިގޮތެއްގައި މަޖިލީހުގެ މަސައްކަތްތައް ބިނާކުރެވިދާނެތޯ ބައެއް މީހުން ސުވާލު ކުރެ އެވެ. އަދި މާދަމާއަކީ ރާއްޖޭގެ ޕާލަމެންޓްރީ ހަޔާތުގައި "ބޮޑު ދުވަހެއް" ކަމަށް ސިފަ ކުރާ މީހުން އުޅެ އެވެ.
މަޖިލީހުގެ ޖަލްސާތައް ކުރިއަށް ނުގެންދެވި، މަސައްކަތްތައް ހުއްޓާލަން ޖެހުމަކީ އާންމު ކަމެކެވެ. ގިނަ ދުވަސްވަންދެން މަޖިލީހުގައި އެއްވެސް މަސައްކަތެއް ނުކުރެވި މެންބަރުންގެ މެދުގައި ޚިޔާލުތަފާތުވެ މާރާމާރީ ހިންގާ ހިސާބަށް ވެސް ވަނީ ގޮސްފައެވެ. ހަމަ މިއާއެކު ސަރުކާރު ބަދަލުވުމާއި ގުޅިގެން އެމްޑީޕީ މިވަނީ އިދިކޮޅު ސިޔާސީ ޕާޓީއަކަށްވެފަ އެވެ.
އެމްޑީޕީން ވަނީ މަޖިލިސް ހުޅުވާ ހިސާބުން ވެސް މަންޒަރު ބަދަލު ކުރުވާނެ ކަމުގެ އިންޒާރު ދީފަ އެވެ. އެމްޑީޕީން ބުނާ ގޮތުގައި ގާނޫނުގެ އިމުގެ ތެރޭގައި މިވަގުތު އޮތް ހަމައެކަނި ބާރަކީ މަޖިލީހެވެ. އާ ސަރުކާރުގެ ރައީސް، ޑރ. ވަހީދު މަޖިލިސް ހުޅުވައި ދެއްވާ ހިސާބުން އެ މަޖިލިސް ވެސް ތަޣައްޔަރުވާނެ އެވެ. އެކަން އެހެން ވިޔަކަ ނުދޭނެ ކަމަށެވެ.
ސަރުކާރާއި ދެކޮޅަށް އެމްޑީޕީން ބޭއްވި ހިނގާލުމެއްގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ރީކޯ މޫސާމަނިކު ވިދާޅުވި ގޮތުގައި ދައުލަތުގެ ތިން ބާރުގެތެރެއިން ކޮރަޕްޓް ނުވެ މިވަގުތު އޮތީ ހަމައެކަމި ގާނޫނު ހެދުމުގެ ބާރެވެ. ރައްޔިތުންގެ މަޖިލިސް ހުޅުވުމާއެކު އެ މަޖިލީހުގެ މައްޗަށް މީހުންގެ އިތުބާރު ގެއްލިގެންދިޔަ ނުދޭނެ އެވެ.
"ދައުލަތުގެ ތިން ބާރުގެ ތެރެއިން ކޮރަޕްޓް ނުވެ އޮތީ ހަމައެކަނި ގާނޫނު ހެދުމުގެ ބާރު. އެހެންވީމާ ރައްޔިތުންގެ މަޖިލީހުގެ މައްޗަށް މީހުންގެ އިތުބާރު ގެއްލުނަކަ ނުދޭނަން،" މޫސަ ވިދާޅުވި އެވެ.
ވެރިކަމުން އިސްތިއުފާދެއްވުމަށް ފަހު ފުރަތަމަ ފަހަރަށް އައްޑޫ ސިޓީއަށް ވަޑައިގެން އެ ސިޓީގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ މަޖިލީހުގެ ގާނޫނީ ހައިސިއްޔަތު ގެއްލިދާފަދަ އެއްވެސް ކަމެއް އެއްވެސް ބަޔަކު ކުރަން ދޫކޮށްލުމަކީ ކޮށްގެންވާނެ ކަމެއް ނޫންކަމަށް ވިދާޅުވެ މާޗް އެއްވަނަ ދުވަހަށް ތައްޔާރުވެގެން ތިބުމަށް އެމްޑީޕީގެ މެންބަރުންނަށް ގޮވާލައްވާފަ އެވެ.
"ރައްޔިތުންގެ މަޖިލީހުގެ ގާނޫނީ ހައިސިއްޔަތު ގެއްލިދާފަދަ އެއްވެސްކަމެއް އެއްވެސް ބަޔަކު ކުރުމަށް ދޫކޮށްލުމަކީ އަޅުގަނޑުމެން ކޮށްގެންވާނެ ކަމެއް ނޫން. ރައްޔިތުންގެ މަޖިލީހުގެ ދިފާއުގައި އަޅުގަނޑުމެން އެންމެން ނުކުންނަން ޖެހޭނެ. އަޅުގަނޑު ތިޔަ އެންމެ ބޭފުޅުންގެ ކިބައިން އެދެން މާޗް އެއްވަނަ ދުވަހަށް ތިޔަބޭފުޅުން ތައްޔާރުވެ ވަޑައިގަންނަވަން،" ނަޝީދު ވިދާޅުވި އެވެ.
އަނެއް ކޮޅުން ރައީސް ވަހީދު ވިދާޅުވެފައި ވަނީ އެމަނިކުފާނު މާދަމާ މަޖިލީހުގައި ރިޔާސީ ބަޔާން ދެއްވާނެ ކަމަށައި އެއީ ކަމަށް މެންބަރުން އެއްބާރުލުން ދެއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމު އަހުމަދު މުހައްމަދު ވިދާޅުވި ގޮތުގައި ސަރުކާރަށް ނިސްބަތްވާ މެންބަރަކު މަޖިލީހުގައި ނެތުމުން ސަރުކާރުން ބިލްތައް ހުށަހަޅުމުގައި އަމަލުކުރާނެ ގޮތާއި މެދު އަމަލުކުރާނީ މަޖިލީހުގެ ކައުންސިލާ ޖެނެރަލްގެ ލަފާގެ މަތިންނެވެ. އަދި މަޖިލީހުގައި ހަމަނުޖެހުންތައް ހިނގާނަމަ ގާނޫނު އަސާސީގައިވާ ގޮތުން އެކަންކަން ހައްލުކުރާނީ ސިފައިންނެވެ.
"ސަރުކާރުން މަޖިލީހަށް ބިލްތައް ހުށަހެޅުމާއި މެދު މަޖިލީހުން އަމަލުކުރާނީ މަޖިލީހުގެ ކައުންސިލާ ޖެނެރަލްގެ ލަފާގެ މަތިން،" އަހުމަދު މުހައްމަދު ވިދާޅުވި އެވެ.
ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ވިދާޅުވި ގޮތުގައި މަޖިލީހަކީ ޣައިރުގާނޫނީ ތަނެއްކަމަށް އެއްވެސް މީހަކަށް ކަނޑައެއް ނޭޅޭނެ އެވެ. އެފަދަ ނިންމުމެއް ނިންމާނީ ޝަރުއީ ކޯޓަކުންނެވެ. މަޖިލީހުގެ ކަންކަން މީގެކުރިން ހިނގާފައިވާގޮތަށް ބަލާއިރު އަދި މިހާރު ކަންތައް ވަމުން މިދާގޮތުން އަލަށް މަޖިލިސް ހުޅުވުމާއެކު މަޖިލީހުގައި އިތުރު ހަމަނުޖެހުންތަކެއް ނުހިނގާނެ ކަމަށް ދެންނެވެން ނެތް ކަމަށް ވެސް އޭނާ ވިދާޅުވެ އެވެ.
"މަޖިލީހަކީ ޣައިރު ގާނޫނީ ތަނެއްކަމަށް އެއްވެސް މީހަކަށް ކަނޑައެއް ނޭޅޭނެ. އެކަން ނިންމާނީ ޝަރުއީ ކޯޓަކުން. މަޖިލީހުގެ ކަންތައް މީގެކުރިން ހިނގާފައިވާ ގޮތައް ބަލާއިރު އިތުރު ހަމަނުޖެހުމެއް ނުހިނގާނެ އެކޭ ނުދެންނެވޭނެ،" އާމިރު ވިދާޅުވި އެވެ.
ކެލާ ދާއިރާގެ މެންބަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވިގޮތުގައި އަލަށް މަޖިލީހުގެ މަސައްކަތްތައް ފެށޭއިރު ރައްޔިތުން އެދޭފަދަ ގޮތަކަށް މަސައްކަތްތައް ކުރެވޭނެކަމަށް ގަބޫލުކުރެވެ އެވެ. އަދި ރައްޔިތުންނަށް ފައިދާހުރި ގޮތުގައި މަޖިލީހުސް މެދުވެރިކޮށް ސަރުކާރުން ކުރަން ބޭނުންވާ ކަންތައް ތަކަށް މަޖިލީހުގެ މެންބަރުންގެ އެއްބާރުލުން ލިބޭނެ އެވެ.
"މަޖިލީހުގެ މަސައްކަތްތައް އަލަށް ފެށޭއިރު ރައްޔިތުން އެދޭފަދަ ގޮތަކަށް މަޖިލީހުގެ ކަންތައް ކުރެވޭނެ ކަމަށް ގަބޫލުކުރަން،" މައުސޫމް ވިދާޅުވި އެވެ.
ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އެމްޑީޕީގެ އަމަލުތައް މިހާރު ހުރިގޮތުން މަޖިލީހުގެ މަސައްކަތްތައް މި ދައުރުގައި ވެސް އޮމާންކަމާއި އެކީ ކުރިއަށް ގެންދެވިދާނެކަމަށް ގަބޫލު ނުކުރެވެ އެވެ. މިދައުރުގައި ވެސް މަޖިލީސް ހަލަބޮލިވެ ޖަލްސާތައް ހުއްޓި ސިފައިން ވަދެ މެންބަރުން "އުރާލައިގެން" ގެންގުޅޭ މަންޒަރު ފެންނާނެ އެވެ.
"މިދައުރުގައި ވެސް އޮމާންކަމާއި އެކީ މަޖިލީސް ކުރިއަށް ގެންދެވިދާނެކަމަށް ގަބޫލު ނުކުރަން. އެއީ އެމްޑީޕީގެ އަމަލުތައް މިހާރު ހުރިގޮތުން،" އަބްދުއް ރަހީމް ވިދާޅުވި އެވެ.