ފާއިތުވި އޯގަސްޓު އަދި ސެޕްޓެމްބަރު މަހުގެ ތެރޭ އަރިދަފުސް ރޯގާ ޖެހިގެން 29،970 މީހަކު ރިޕޯޓްކޮށްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މޭ އަދި ޖޫން މަހު އަރިދަފުސް ރޯގާޖެހިގެން ރިޕޯޓްކޮށްފައިވަނީ 17,384 މީހުންނެވެ. އެއާއެކު މިއީ އޯގަސްޓު އަދި ސެޕްޓެމްބަރު މަހު އަރިދަފުސް ރޯގާ ޖެހުނު މީހުންގެ އަދަދަށްވުރެ 12،585 މީހުން މަދު އަދަދެކެވެ.

އެއާއެކު ވޭތުވެދިޔަ ތިން އަހަރުގެ މިދުވަސްވަރާ އަޅާ ބަލާއިރު ފާއިތުވި ދެ މަހުގެ ތެރޭ އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓުކޮށްފައިވާ މިންވަރު އިތުރުވެފައިވާކަމަށް ކަމަށް އެޗުޕީއޭ އިން ބުންޏެވެ.

އެޗުޕީއޭއިން ބުނީ ވޭތުވެދިޔަ އަހަރު ރޯގާގެ ގޮތުގައި ފެތުރޭ ޑެންގޫ ހުމާއި، އަރިދަފުސް ރޯގާއާއި، ބޭރަށް ހިނގުން ޖެހިގެން ރިޕޯޓްކޮށްފައިވާ މީހުންގެ އަދަދުތައް ދަށްކަމަށެވެ.

އެގޮތުން މިއަހަރުގެ އޯގަސްޓު އަދި ސެޕްޓެމްބަރު މަހު ޑެންގޫ ޖެހިގެން ރިޕޯޓްކޮށްފައިވަނީ ޖުމްލަ 17 މީހުން ކަމަށް އެޗުޕީއޭއިން ބުނެއެވެ.

ހަމައެއާއެކު ބޭރަށް ހިންގުން ޖެހިގެން މިއަހަރުގެ އޯގަސްޓު އަދި ސެޕްޓެމްބަރު މަހު 2،766 މީހަކު ރިޕޯޓްކޮށްފައިވެއެވެ.

އެޗްޕީއޭއިންވަނީ ބަލިތަކުން ރައްކާތެރިވުމުގެ ގޮތުން އެކަށީގެންވާ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފައެވެ. އެގޮތުން ސާފު ތާހިރުކަމަށް އިސްކަންދިނުމާއި، އެއްވެސް ބައްޔެއްގެ އަލާމާތެއް ފެންނަނަމަ ޑޮކްޓަރަށް ދެއްކުމަށް ވަނީ އެދިފައެވެ.