11 Oct 2021, 19:15
ވިޔަފާރިއާއި އިގްތިސާދުގެ ދާއިރާއިން ރާއްޖެއާއި މިސްރާ ދެމެދު އޮންނަ ގުޅުން ފުޅާކޮށް ވަރުގަދަ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި، މިސްރުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ހުސައިން އަލް ސަހާޓީ މަޝްވަރާކުރައްވައިފިއެވެ.
މިއަދު ރައީސް އޮފީހުގައި ރައީސް ސޯލިހާ، ސަހާޓީ ބައްދަލުކުރައްވާފައިވަނީ ރައީސްގެ އަރިހަށް ވަދާއީ ޒިޔާރަތްކުރެއްވުމުގެ ގޮތުންނެވެ.
މި ބައްދަލުކުރެއްވުމުގައިރާއްޖޭގައި ބޭރުގެ އިންވެސްޓަރުންނަށް އެކިދާއިރާތަކުން ހުރި ފުރުސަތުތަކާ ގުޅޭގޮތުން ވެސް ވަނީ ވާހަކަފުޅުދައްކަވާފައެވެ.
މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރައްވަމުން ދެ ބޭފުޅުން ވެސް ވަނީ ވިޔަފާރީގެ އިތުރުން އެހެން ދާއިރާތަކުން ގުޅުން ބަދަހުކުރުމަށް ވެސް މަޝްވަރާކުރައްވާފައެވެ.
އެގޮތުން ބައިނަލްއަގްވާމީ މައިދާނުގައި އިސްލާމްދީނާ ގުޅުންހުރި ކަންކަމުގައި އެއްބާރުލުން ދިނުމާއި، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)އާ ގުޅޭ ކަންކަމުގައި ދެ ގައުމު އެކުގައި މަސައްކަތްކުރުމަށް ވަނީ މަޝްވަރާކޮށްފައެވެ.
އިތުރަށް ވާހަކަފުޅުދައްކަވަމުން ރައީސްވަނީ މިސްރުގެ ރައީސް އަބްދުލް ފައްތާހް އަލް ސީސީއަށް އެމަނިކުފާނުގެ ހެޔޮއެދުންތައް ފޮނުއްވާފައެވެ.
އަދި ރައީސްވަނީ މިސްރުގެ ސަރުކާރުން ވޭތުވެދިޔަ އަހަރުތަކުގައި އެކި ގޮތްގޮތުން ރާއްޖެއަށް ދިން އެހީތެރިކަމާއި ބެހެއްޓި ގުޅުން ފާހަގަކުރައްވާފައެވެ. އަދި އެކަމަށް ޓަކައި މިސްރުގެ ސަރުކާރާއި، ސަފީރު ސަހާޓީއަށް ޝުކުރުއަދާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ސަފީރު ސަހާޓީވަނީ ރައީސް ސޯލިހާއި، ދިވެހި ސަރުކާރުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ދިން އެއްބާރުލުމާއި އެހީތެރިކަން ފާހަގަކުރައްވައި އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.