ޖެނީވާ (ފެބްރުއަރީ 29): އިންސާނީ ޙައްޤުތަކާ ބެހޭ ބައިނަލްއަޤްވާމީ ކައުންސިލަކީ އިންސާނީ ހައްޤުތަކަށް އަރައިގަތުމަށް ހިއްވަރުދޭ ކައުންސިލެއް ކަމަށް ސިފަކުރައްވައި ސޫރިޔާގެ މަންދޫބު އެކައުންސިލްގެ ޖަލްސާއަކުން ނުކުމެވަޑައިގެންފި އެވެ.

ސޫރިޔާގެ ސަރުކާރު ވައްޓާލުމަށް މަސައްކަތްކުރާ އިދިކޮޅު ހަނގުރާމަވެރިންނާއި ސަރުކާރުގެ ސަލާމަތީ ބާރުތަކާ ދެމެދު ހިނގަމުންދާ ކުރިމަތިލުންތަކުގައި ކޮންމެ ދުވަހަކު މަރުވެ އަދި ޒަޚަމްވާ މީހުންގެ ޢަދަދު އެތައް ސަތޭކައަކުން ދަނީ ގުނެމުންނެވެ. ސޫރިޔާގައި ހިނގަމުންދާ ކަތިލުންތައް މިހިސާބަށް ދިޔުމުން އެކަން ހުއްޓުވޭނެ ގޮތްކަކާބެހޭ ގޮތުން މަޝްވަރާކުރުމަށް ޖެނީވާގައި ރޭ ބޭއްވި ޖަލްސާ އިން ސޫރިޔާގެ މަންދޫބު ނުކުމެވަޑައިގަތީ ސޫރިޔާގައި އަހްލީ ހަނގުރާމައިގެ ހުޅުގަނޑަށް އިންސާނީ ޙައްޤުތަކާ ބެހޭ ކައުންސިލުގައި ހިމެނޭ ޤައުމުތަކުން ތެޔޮ އަޅައި އެހުޅުގަނޑު އިތުރަށް ބޮޑުކުރުމަށް މަސައްކަތްކުރާ ކަމަށް ތުހުމަތު ކުރެއްވުމަށްފަހުގަ އެވެ.

މިބައްދަލުވުމުގައި ސޫރިޔާ އިން ބައިވެރިވެވަޑައިގަތީ ޖެނީވާގައި ހުންނަ އދ.ގެ މަރުކަޒުގައި ހުންނަވާ އެޤައުމުގެ ދާއިމީ މަންދޫބު ޑރ. ފައިސަލް ޚައްބާޒް އަލްޙަމްވީ އެވެ. ޖަލްސާ ބޮއިކަޓް ކުރެއްވުމުގެ ކުރިން ޑރ. ފައިސަލް ވިދާޅުވީ ސޫރިޔާގައި ހިނގަމުންދާ ކަތިލުންތަކާއި ލޭއޮހޮރުވުންތައް ހުއްޓުވޭނީ އިދިކޮޅު ފަރާތްތަކަށް ހަތިޔާރާއި ތަމްރީން ފޯރުކޮށްދިނުން ފްރެންޑްސް އޮފް ސީރިޔާގެ ނަމުގައި ޙަރަކާތްތެރިވާ ޤައުމުތަކުން ހުއްޓާލުމުންނެވެ.

ފްރެންޑްސް އޮފް ސީރިޔާގެ ނަމުގައި ޙަރަކާތްތެރިވާ ޤައުމުތަކުގެ ތެރޭގައި ހިމެނެނީ އެމެރިކާ އާއި ޔޫރަޕްގެ ޤައުމުތަކާއި ބައެއް ޢަރަބި ޤައުމުތަކެވެ. މިޤައުމުތަކުން ސޫރިޔާގައި ދާޚިލީ ފިތުނައާއި މަޒްހަބީ ފިތްނަ އުފައްދައި އިދިކޮޅު ފަރާތްތަކަށް ހަނގުރާމައިގެ ތަމްރީންތައްދީ ކުދި ހަތިޔާރާއި ބަރުހަތިޔާރު ދިނުމުގެ ސަބަބުން މުޅި ސޫރިޔާ އަހްލީ ހަނގުރާމައަކަށް ވެއްޓި ލޭގެ ކޯރެއްގައި ރައްޔިތުން ފަތަންޖެހިފައިވާ ކަމަށާއި ސޫރިޔާގައި ކުރިޔަށްދަނީ ސަރުކާރާ އިދިކޮޅު އަދި ޑިމޮކްރަސީއަށް ގޮވާލާ ސުލްޙަވެރި ޙަރަކާތްތަކެއް ނޫން ކަމަށް ޑރ. ފައިސަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސޫރިޔާގެ ރައްޔިތުންނާ އަދި ހަނގުރާމައިގާ ޒަޚަމްވާ ރައްޔިތުންނަށް ވެސް ބޭނުންވާ ބޭހާއި އިންސާނީ އެހެން ވަސީލަތްތަކާއި އަދި ފިއުލް ގަތުމަށް ވެސް ފްރެންޑްސް އޮފް ސީރިޔާގެ ނަމުގައި ޙަރަކާތްތެރިވާ ޤައުމުތަކުން ހުރަސްއަޅަމުން ގެންދާ އިރު އިންސާނީ ޙައްޤުތަކާ ބެހޭ ކައުންސިލްގައި ތިބެގެން އިންސާނީ ހައްޤުތަކުގެ ނަމުގައި އަޑުއުފުލުމުގެ ޙައްޤު އެޤައުމުތަކަށް ނެތް ކަމުގަ އެވެ.

އަނެއްކޮޅުން އެމެރިކާގެ ޚާރިޖީ ވަޒީރާ ހިލަރީ ކްލިންޓަން ވަނީ ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދަކީ ހަނގުރާމައިގެ މުޖްރިމެއް ކަމަށް ސިފަކުރައްވައި ފުރަތަމަ ފަހަރަށް ވާހަކަ ދައްކަވާފައެވެ. ހިލަރީ ވަނީ ސޫރިޔާގެ އިދިކޮޅު ފަރާތްތަކަށް ހަތިޔާރު ފޯރުކޮށްދިނުމަށް ފްރެންޑްސް އޮފް ސީރިޔާގެ ނަމުގައި ޙަރަކާތްތެރިވާ ޤައުމުތަކަށް ގޮވާލައްވާފަ އެވެ.

ސޫރިޔާގައި ހިނގަމުންދާ ކުރިމަތިލުންތަކުގައި އިއްޔެވެސް 130 މީހުން މަރުވެ އެތައް ސަތޭކަ ބަޔަކު ޒަޚަމްވެފައިވާ އިރު މިކަމުގެ ޒިންމާ އުފުލަން ޖެހޭނީ ސޫރިޔާ ސަރުކާރުން ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ. (ރޮއިޓާސް)