11 Oct 2021, 14:13
ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް މުހައްމަދު އަމީން ދީދީގެ މަރަށް އިންސާފު ހޯދުމަށްޓަކައި އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހަށް ހުށަހެޅި މައްސަލަ ބަލައިގަނެފިއެވެ.
އެމައްސަލަ ހުށަހަޅައިފައިވަނީ އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)އެވެ.
މި މައްސަލަ އެ އޮފީހަށް ހުށަހަޅާފައިވަނީ ދައުލަތުގެ މުއައްސަސާއަކުން ނިޒާމީ ގޮތެއްގައި ހިންގި އަމަލެއްގެ ސަބަބުން އިންސާނީ ހައްގެއް ނިގުޅައިގެންފައިވާކަމަށް ބުނެއެވެ. އަދި އެފަދަ އަމަލެއްގެ ސަބަބުން މީހެއްގެ އަސާސީ މިނިވަންކަން ނިގުޅައިގެންފައިވާކަމަށް ބުނެއެވެ.
އެގޮތުން ބޮންޑޭ ވަނީ ރައީސް އަމީނާ މެދު ދައުލަތުން އަމަލުކޮށްފައިވާ ގޮތް އިތުރަށް ސާފުކޮށްދޭންޖެހޭކަމަށް ވިދާޅުވެފައެވެ.
ހަމައެއާއެކު ރައީސް އަމީނަކީ ހާއިނެއްކަމަށް ބުނެ ކޮށްފައިވާ ހުކުމް ބާތިލުކުރުމަށް ވެސް އެ މައްސަލަ ހުށަހަޅަމުން އޭނާ ވަނީ އެދިވަޑައިގެންފައެވެ.
އެ މައްސަލަ ބަލައިގަނެފައިވާކަން އަންގައި ބޮންޑޭއަށް ފޮނުވި ސިޓީގައި ބުނެފައިވަނީ، އެ މައްސަލައަކީ އާންމު މަސްލަހަތާއި ގުޅުންހުރި މައްސަލައެއްކަމަށްވުމާ އެކު ގިނަ ދުވަސްތަކެއް ވެފައިވާ މައްސަލައަކަށްވުމުން، އެކަމާ ގުޅުންހުރި ފަރާތްތަކުގެ ހައްގުތަކާއި ގުޅުންހުރި ފަރާތްތަކުން މައުލޫމާތު ހޯދުމަށްފަހު ތަހުގީގު ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.
ރައީސް އަމީން ރާއްޖޭގެ ވެރިކަން ކުރައްވާފައިވަނީ 1953ވަަނަ އަހަރު އަށް މަސް ދުވަހުގެ މުއްދަތަކަށެވެ. އެއާއެކު ވެރިކަމުން ދުރުކުރެވުމަށްފަހު އެމަނިކުފާނު އަވަހާރަަވީ ވިހަމަނާފުށީގައެވެ. އެއީ މިހާރުގެ ކުރުނބާ އައިލެންޑް ރިސޯޓެވެ.
އިންތިގާލީ އިންސާފުގެ އޮފީހުގެ މަގްސަދަކީ ދައުލަތުގެ މުއައްސަސާތަކުން، ދިވެހިރައްޔިތުންގެ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފަށް ހިންގާފައިވާ އަމަލުތައް ދެނެގަތުމެވެ. އަދި އެފަދަ ކަންތައްތައް ތަހުގީގުކޮށް ހަގީގަތާ ހަމައަށް ވާސިލްވުމެވެ.