11 Oct 2021, 13:21
ބޮމުގެ ހަމަލާއިން ލިބިވަޑައިގަތް ޒަހަމްތަކަށް ފަރުވާ ހޯއްދެވުމަށް ރާއްޖެއިން ބޭރަށް ވަޑައިގެންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު، ފަސް މަސް ފަހުން މިއަދު ރާއްޖެ ވަޑައިގަންނަވާއިރު، މަރުހަބާ ދެންނެވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެއާޕޯޓަށް ވަޑައިގަތުމަށް ހަމަޖެހިފައިވާކަން ކަށަވަރުވެއްޖެއެވެ.
މޭ މަހުގެ ހަ ވަނަ ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާގައި ލިބުނު ޒަހަމްތަކަށް އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ހޯއްދެވުމަށްފަހު އެ މަހުގެ 13 ވަނަ ދުވަހު ރައީސް ނަޝީދު ވަނީ އިތުރު ފަރުވާއަށް ޖަރުމަނަށް ވަޑައިގެންފައެވެ. އަދި ޖުލައި މަހުގެ 21 ވަނަ ދުވަހު އިތުރު ފަރުވާއަށް ރައީސް ނަޝީދު ވަނީ އިނގިރޭސިވިލާތަށް ވަޑައިގެންފައެވެ.
މިހާރު ރައީސް ނަޝީދު ހުންނެވީ ދުބާއީގައެވެ. އެއީ ދުބާއީ އެކްސްޕޯގައި ބައިވެރިވެވަޑައިގަތުމަށެވެ. އެނގިފައިވާ ގޮތުގައި، ދުބާއީން މިއަދު މެންދުރު ފަހު ރައީސް ނަޝީދު މާލެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
އެނގިފައިވާ ގޮތުގައި ރައީސް ނަޝީދު، މިއަދު މާލެ ވަޑައިގަންނަވާނީ 2:50 ހާއިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖައްސާ އެމިރޭޓަސްގެ ފްލައިޓުންނެވެ.
އެމަނިކުފާނަށް މަރުހާބާ ދެންނެވުމަށް ރައީސް ސޯލިހު، އެއާޕޯޓަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަން ސަރުކާރުގެ އިސް އޮޮފިޝަލަކު ވަނީ 'ސަން' އަށް ކަށަވަރުކޮށްދެއްވާފައެވެ.
މިހާރު ވެސް އެމްއެންޑީއެފްގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ)އާ އެކު ސިފައިން އަންނަނީ އެއާޕޯޓުގައި ހަރަކާތްތެރިވަމުންނެވެ.
ގާތް ދެ އެކުވެރިންގެ ގޮތުގައި ފެނިފައިވާ ރައީސް ސޯލިހާއި ރައީސް ނަޝީދުގެ ގުޅުން ހީނަރުވެފައިވާކަން ރައީސް ނަޝީދު ވަނީ އިއުލާނު ކުރައްވާފައެވެ. ސިޔާސީ ބައެއް ކަންކަމުގައި ހިޔާލުތަފާތުވުން ބޮޑުވެ، އެކުގައި ސިޔާސީ މަސައްކަތް ނުކުރެވޭނެ ކަމަށް ވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރައީސް ނަޝީދަށް ޖަލު ހުކުމެއް އިއްވާފައިވަނިކޮށް ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ވަޑައިގެން، ފަހުން އިނގިރޭސިވިލާތުން ހިމާޔާތް ހޯއްދެވުމަށްފަހު އެގައުމުގައި ދިރިއުޅުއްވައި ވެރިކަން ބަދަލުވުމުން ރާއްޖެ ވަޑައިގަތުމުން ވެސް ރައީސް ނަޝީދަށް މަރުހަބާ ދެންނެވުމަށް އެންމެ ކުރީގައި ހުންނެވީ އޭރުގެ އިންތިހާބީ ރައީސް ސޯލިހުއެވެ. އަދި މިއަދު ވެސް އެމަނިކުފާނު ރައީސް ނަޝީދަށް މަރުހަބާ ދެންނެވުމަށް އެއާޕޯޓަށް ވަޑައިގަންނަވާނެއެވެ.