29 Feb 2012, 09:11
ހަވާނާ (ފެބްރުއަރީ 29): ވެނެޒުއެލާގެ ރައީސް ހޫގޯ ޗާވޭޒްގެ ހަށިކޮޅުގައި އުފެދިފައިވާ ކެންސަރު ޓިޝޫތަކެއް ނެގުމުގެ ކާމިޔާބު އޮޕަރޭޝަނެއް ކިޔުބާގައި އިއްޔެ ކޮށްފި އެވެ.
ކިޔުބާގެ އެންމެ އިސް ޑޮކްޓަރުން ޓީމަކުންކުރި މިއޮޕަރޭޝަން ކާމިޔާބުކަމަށާއި ޗާވޭޒްގެ ޙާލުކޮޅު މިހާރު އަންނަނީ ރަނގަނޅުވަމުން ކަމަށް އޭނާގެ ނައިބު އިލްޔާސް ޚާވް ވިދާޅުވި އެވެ. އުމުރުން 57 އަހަރުގެ ޗާވޭޒްގެ މިއޮޕަރޭޝަނަށް ހޭދަވީ 90 މިނިއްޓު ކަމަށާއި އޭނާގެ ހަށިކޮޅުގައި ކެންސަރުގެ އެއްވެސް އަސަރެއް މިހާރު ނެތްކަން ކެންސަރާ ބެހޭ ކިޔުބާގެ ސުޕެޝަލިސްޓުންގެ ޓީމަކުން ހާމަކޮށްފައިވާ ކަމަށް ވެސް އިލްޔާސް ވިދާޅުވި އެވެ.
ޗާވޭޒަށް ވަނީ މީގެކުރިން ވެސް ކެންސަރާ ބެހޭ ދެ އޮޕަރޭޝަނެއް ކިޔުބާގައި ކުރައްވައި ކިމޯ ތެރަޕީގެ މަރްޙަލާތަކެއް ވެސް ފުރިހަމަ ކުރައްވާފަ އެވެ. (ރޮއިޓާސް)