11 Oct 2021, 10:22
ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓާފައި ހުރި ގައިދީއަކު މަރުވި މައްސަލައިގައި ކަރެކްޝަންސްއިން އިހުމާލު ވެފައިނުވާ ކަަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އައިޖީއެމްއެޗުގައި ފަރުވާދެމުން ދަނިކޮށް މި މަހުގެ ފަސް ވަނަ ދުވަހު މަރުވި ގައިދީ އަކީ މ. މަލަސް, އިސްމާއީލް ޝަބީން ،46، އެވެ. މަރުވިއިރު އޭނާއަކީ ހަކުރު ބައްޔަށް ބޭސްކުރަމުން ދިޔަ މީހެކެވެ.
ޝަބީންގެ މަރާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގައި މެންބަރަކު މިނިސްޓަރު އިމްރާނާ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ މިފަދަ ކޮންމެ ރިޕޯޓަކާއެކު އިންސްޕެކްޓާ އޮފް ކަރެކްޝަންސްއިން އެ މައްސަލަ މިނިވަން ކަމާއެކު ބަލައި، އެޗްއާރްސީއެމާއެކު އެ މައްސަލަ އިތުރަށް ތަހުގީގުކުރާނެ ކަމަށެވެ.
އިންސްޕެކްޓާ އޮފް ކަރެކްޝަންސް އާއި އެޗްއާރްސީއެމުން އުފައްދާ ރިޕޯޓަކީ ކަރެކްޝަންސްގެ ރިޕޯޓާ މުޅިން ތަފާތު ރިޕޯޓެއް ކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވީ މި ރިޕޯޓު ބެލި ބެލުމުން މިހާތަނަށް އެއްވެސް މީހެއްގެ އިހުމާލު އޮތް ކަން އެނގިފައިނުވާ ކަމަށެވެ.
"އަޅުގަނޑު ބަލައިފިން، އެ ކަމުގައި އެއްވެސް ފަރާތަކުން ކުޑަކޮށްގެން، އަދާކުރަން ޖެހޭ ޒިންމާއެއް އަދާނުކޮށްގެން އަދި އެއްވެސް ފަރާތެއްގެ ޒިންމާ ވާން ޖެހޭ ފަދަ ކަމެއް އޮވެގެން އެ މައްސަލަ ދިމާވި ކަމަށް ގަބޫލުކުރެވޭ އެއްވެސް ރެކޯޑެއް ނެތް،" މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ގައިދީންނަށް ބޭސް ފަރުވާ ރަނގަޅަށް ދެމުން ދޭތޯ ބެލުމަކީ އެ މިނިސްޓްރީން ކުރާ ކަމެއް ކަމަށާއި ގުދުރަތީ ގޮތުން އެ މީހެއްގެ އަޖަލު ޖެހުމަކީ އެންމެންނަށް ވެސް ދިމާވާނެ ކަމެއް ކަމަށެވެ.
ބައެއް ގައިދީންނަށް ބޭސް ފަރުވާ ނުދީގެން މައްސަލަތައް ފެންމަތިވެގެން ރެކޯޑުތައް ބަލާއިރު، ދައްކަން ޖެހޭ މިންވަރަށް ވުރެ އިތުރަށް ވެސް ދައްކައިފަައި ހުންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"އެންމެ ފަހުން ޖަލުން ދޫކޮށްލި ފަރާތެއް ޑޮކްޓަރަށް ނުދައްކައިގެން އަޅުގަނޑުމެން ބެލި އިރު އެއް އަހަރު ތެރޭގައި 40 ފަހަރަށް ޑޮކްޓަރަށް ދެއްކިފަ ހުރީ. އަޅުގަނޑުމެން ބޭރުގަ ތިބޭ ފަރާތްތަކުން ވެސް ހިޔެއް ނުވޭ އެވަރަށް ޑޮކްޓަރަށް ދެއްކޭނެ ހެނެއް،" މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު އިމްރާން ވިދާޅުވީ ޝަބީންގެ މައްސަލައިގައި ޑޮކްޓަރަށް ދެއްކިތޯ އާއި ޑޮކްޓަރު ބުނި ގޮތަށް އަމަލުކުރިތޯ ކަށަވަރު ކޮށްފައިވާނެ ކަމަށެވެ. އަދި އެކަން ހުރީ އެންމެ ފުރިހަމައަށް ކޮށްފައިކަމަށް އިމްރާން ވިދާޅުވިއެވެ.
ޝަބީންގެ ބަލި ހާލަތު ހުރިގޮތުން މީގެ ކުރިން ވެސް އޭނާ ގެއަށް ބަދަލުކޮށްދިނުމަށް ޝަބީންގެ ފަރާތުން ކޯޓުގައި އެދިފައިވެއެވެ. އެގޮތުން އޭނާގެ ވަކީލް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް އެކަމާ ގުޅިގެން ސިޓީ ފޮނުވައިފައިވާއިރު، ޝަބީންގެ ބަލި ހާލަތު ބަޔާންކޮށް އެކަމަށް ލިބެން ޖެހޭ އެއްވެސް ފަރުވާއެއް ނުލިބޭ ކަމަށް އެ ސިޓީގައި ބުނެފައިވެއެވެ.
ވަކީލު ފާހަގަކޮށްފައިވާ ގޮތުގައި ޝަބީނަކީ ޓީބީ ބަލީގެ ގައިން ގަޔަށް ނާރާ ވައްތަރެއް ޖެހިފައި ހުންނަ މީހެކެވެ. އަދި އޭނާގެ ބައެއް ނަފްސާނީ މައްސަލަތައް ވެސް ހުންނަ ކަމަށް ބުނެފައިވެއެވެ. އެހެންނަމަވެސް އެކަމަށް އެއްވެސް ފަރުވާއެއް ހޯދައިދީފައި ނުވާ ކަމަށް ވަކީލު ވިދާޅުވިއެވެ.