29 Feb 2012, 08:49
ރައީސް ނަޝީދު އިސްތިއުފާދެއްވިތާ 24 ގަޑިއިރު ނުވަނީސް އެންމެ ބާރަށް އިވެން ފެށީ ބަޑީގެ އަޑެވެ.
"މުޅީން ބަޑީގެ އަޑު، އެނޫން އަޑެއް މިހާރަކު ނީވޭ. އެކަމަކު އެއަށް އެއްވެސް ޖަސްޓިފިކޭޝަނެއް މިހާތަނަށް ދެވިފައެއް ނުވޭ،" އާ ސަރުކާރުގެ އިސް ބޭފުޅަކު ޓީވީ ޗެނަލެއްގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވި އެވެ.
ސިފައިން އެމަނިކުފާނަށް ބަޑީގެ ބިރު ދެއްކުމުން، މަޖުބޫރުވެވަޑައިގެން އިސްތިއުފާދެއްވަން ޖެހިވަޑައިގެންނެވި ކަމުގެ ވާހަކަތަކެވެ. އިސްތިއުފާ ދެއްވި ދުވަހު އެފަދަ އެއްވެސް ވާހަކަތަކެއް ވިދާޅުނުވެ، ބޭރުގެ ބައެއް މީޑިއާތަކުން ރައީސް ނަޝީދުގެ އިސްތިއުފާއާ ގުޅިގެން ކުރަމުންދިޔަ ސުވާލުތަކަށް ޖަވާބުދެއްވަމުން ރައީސް ނަޝީދު ވިދާޅުވަމުން ގެންދެވީ އެފަދަ ވާހަކަތަކެވެ. ރައީސް ނަޝީދުގެ އެ ވާހަކަތައް ސަލާމާތީ ބާރުތަކުން ގެންދިޔައީ އޭރުވެސް ދޮގުކުރަމުންނެވެ. ނަމަވެސް އެ ވާހަކަތަކަށް ހުއްޓުމެއް އައިސްފައެއް ނުވެއެވެ. މިދިއަ 22 ދުވަހު މުޅިން ވެސް އޮތީ ބަޑީގެ ވާހަކަ އެވެ.
"އެ މީހުން ބުނީ އަޅުގަނޑު އިސްތިއުފާ ނުދީފި ނަމަ ޖެހޭނީ ހަތިޔާރު ބޭނުންކުރާށޭ! އަޅުގަނޑު އެ ވާހަކަ ނެގީ ވަރަށް ބޮޑު ނުރައްކަލެއްގެ ގޮތުގައި،" އިސްތިއުފާއަށްފަހު އޭއެފްޕީއަށް ރައީސް ނަޝީދު ދެއްވި އިންޓަވިއެއްގައި ވިދާޅުވެފައިވެ އެވެ.
ރައީސް ނަޝީދުގެ ފަރާތްޕުޅުން ބަޑީގެ ވާހަކަތައް އިވެން ފެށުމާއެކު ބްރިގޭޑިޔާ ޖެނެރަލް އިބްރާހިމް ދީދީ ވިދާޅުވެފައި ފެބްރުއަރީ 7 ވަނަ ދުވަހުގެ ހާދިސާގައި އޮޕަރޭޝަން ކޮމާންޑަރެއްގެ ހައިސިއްޔަތުން މަސައްކަތްކުރެއްވީ އޭނާ ކަމަށާއި ރައީސް ނަޝީދު ވެރިކަމުން ދުރު ކުރުމަށް އެއްވެސް ހަތިޔާރެއްގެ ބޭނުން ހިފާފައި ނުވާ ކަމަށެވެ.
"ދިވެހިރައްޔިތުންނަށް [އަޅުގަނޑު] ދޭ ޔަގީންކަމަކީ އެމަނިކުފާނު [ނަޝީދު] ވެރިކަމުން ދުރުކުރުމަށް ހަތިޔާރުގެ ބޭނުންކޮށްގެން ދިވެހި ސިފައިން އެއްވެސް އަމަލެއް ނުހިންގަވާކަން،" ބްރިގޭޑިއާ ޖެނެރަލް ވިދާޅުވި އެވެ.
ރައީސް ނަޝީދުގެ ވެރިކަން ވެއްޓުނު ދުވަހުގެ ހެނދުނު ޖުމްހޫރީ މައިދާނުގައި ޣައިރު ގާނޫނީ އަމުރުތަކަށް ތަބާނުވުމަށް އަޒުމް ކަނޑައަޅައި، ހަޅުތާޅުކުރަމުން ދިޔަ ފުލުހުންތަކެއްގެ ތެރެއަށް ރައީސް ނަޝީދު ވެސް ވަޑައިގެންނެވި އެވެ. އޭގެ ފަހުން ހިނގައިދިޔަ އެތައް ކަމަކަށް ފަހު އެމަނިކުފާނު އިސްތިއުފާ ދެއްވީ ރައީސް އޮފީހުގައި ގައުމާ މުހާތުބު ކުރައްވަ އެވެ. އިސްތިއުފާ އެމަނިކުފާނު އިއުލާން ކުރެއްވީ ރާއްޖޭގެ ރައްޔިތުންނަށް އެތައް ގިނަ ގުނަ ގެއްލުންތަކެއް ވެދާނެތީ ކަމަށް ވިދާޅުވެ އެވެ. އެ ސްޓޭޓްމަންޓްގައި ބަޑީގެ ވާހަކަ ވިދާޅުވެފައެއް ނުވެއެވެ.
ރައީސް ކަމުގެ މަގާމުން ނަޝީދު އިސްތިއުފާ ދެއްވި ދުވަހު ބަނޑޭރި ކޮށީގައި ހިނގާދިޔަ ބައެއް ކަންތައްތަކުގެ ވީޑިއޯ ކްލިޕްތަކާއި ރައީސް ނަޝީދު އެތަނުގެ ތެރޭގައި ސިފައިންނާ މުހާތަބުކޮށް ދައްކަވާފައިވާ ބައެއް ވާހަކަތައް ވަނީ ސޯސަލް ނެޓްވޯކްތަކުގައި އާއްމުވެފަ އެވެ. ނަމަވެސް އެދުވަހު ސިފައިން އެއްވެސް މީހަކަށް ނުވަތަ ރައީސް ނަޝީދަށް ވެސް ބަޑިން ބިރު ދެއްކި ކަމުގެ އެއްވެސް އަޑެއް އަދި އެފަދަ އެއްވެސް ވާހަކައެއް، މަންޒަރެއް އަދި ފޮޓޯއެއް ވެސް އަދި ފެނިފައެއް ނުވެ އެވެ.
ރައީސް ނަޝީދުގެ ކިބައިން ބަޑީގެ އަޑު އިވެން ފެށި ހިސާބުން އެމްޑީޕީގެ އެކިއެކި ޕޯޑިއަމްތަކުގައި އަބަދު އިވެމުން ދިޔައީ ބަޑީގެ އަޑެވެ. ފެބުރުއަރީ އަށް ވަނަ ދުވަހުން ފެށިގެން މުޅިން ވެސް އިވެނީ ބަޑީގެ ވާހަކަ އެވެ. ބްރިގޭޑިއާ ޖެނެރަލް ވިދާޅުވި އެއްޗެއް ފިޔަވައި އެއަށް ރައްދު ދެއްވާ ސީދާ ގައުމީ ދިފާއީ ބާރުގެ ސްޓޭޓްމެންޓެއް ނުކުތީ ބަޑީގެ އަޑު އިވޭތާ އެތައް ދުވަހެއް ފަހުންނެވެ.
ބަޑިން ބިރުދެއްކި ވާހަކަ އެކި މީހުން ތަރުޖަމާ ކުރަމުން ދިޔައީ އެކިގޮތް ގޮތަށެވެ. ރައީސް ނަޝީދު ވިދާޅުވަމުން ގެންދެވީ އެމަނިކުފާނު އިސްތިއުފާ ނުދެއްވައިފިނަމަ، ޖުމްހޫރީމައިދާނުގައި އެދުވަހު ހިނގަމުން ދިޔަ ހަމަނުޖެހުންތައް ކޮންޓްރޯލްކުރުމަށް ސިފައިންނަށް ބަޑި ނަގަންޖެހިދާނެ ކަމަށެވެ.
އެއަށް ބާރު ލިބޭ ގޮތަށް ރައީސް ނަޝީދުގެ އިސްތިއުފާއަކީ ސައްހަ އިސްތިއުފާއެއް ނޫން ކަމަށާއި އެމަނިކުފާނު އިސްތިއުފާދެއްވީ ބަޑިން ބިރުދައްކަވައިގެން ކަމަށް ރައީސް ނަޝީދުގެ ސަރުކާރުގެ ހޯމް މިނިސްޓަރު ހަސަން އަފީފުގެ އިތުރުން އެމްޑީޕީގެ އިސް ގިނަ ބޭފުޅުން އަންނަނީ ވިދާޅުވަމުންނެވެ.
ނަޝީދު ތަކުރާރުކޮށް ވިދުވަމުން ގެންދެވި ސިފައިން ބަޑިން ބިރުދެއްކި ވާހަކަތަކަށް ފަހު، ދެން އިވިގެން ދިޔައީ ސިފައިންގެ ބަޑިގުދަން ހުޅުވުމުގެ ހުއްދައަށް ސިފައިން އެދުނު ވާހަކައެކެވެ.
"ބަޑި ގުދަނުގެ ތަޅުދަނޑި ދިނުމަށް ތަކުރާރުކޮށް އެދެމުން ދިޔަ" އިސްތިއުފާ ދެއްވި ފަހުން ނަޝީދު ވަނީ މިޖުމްލަ އެތައް ފަހަރަކު ތަކުރާރު ކުރައްވާފަ އެވެ.
ބަޑީގެ އަޑުހާ އަވަހަށް ބާރަށް ދެކެވެމުން ދިޔަ ބަޑީގެ ވާހަކަތަކަށް ރައްދުދީ ގައުމީ ދިފާއީ ބާރުން ބަޔާނެއް ނެރުނީ އެ ހިސާބުންނެވެ. އެބަޔާން ބުނެ އެވެ: ... ބަޑިގުދަން ހުޅުވުމަށް ސިފައިންގޭގައި ހަމަޖެހިފައި އޮންނަ ގަވާއިދު ކުރީގެ ރައީސް މުހައްމަދު ނަޝީދުއަށް ވަރަށް ރަނގަޅަށް އެގިވަޑައިގެން ހުންނަވައި، ސިފައިންގެ ބަޑިގުދަނާ ބެހޭ ގޮތުން ދައްކަވާފައިވާ ވާހަކަފުޅަކީ ހަގީގަތާއި ޚިލާފު ދޮގު ވާހަކަފުޅުތަކެއް،"
ސިފައިންގެ ގާނޫނުގެ 21 ވަނަ މާއްދާގެ ދަށުން ސިފައިންގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގައި ހަތިޔާރު ގެންގުޅުމާއި އަދި އޭގެ ބޭނުންކުރުމުގެ ހުއްދަ އެ ގާނޫނުގެ ދަށުން ހަދާ ހަތިޔާރު ގެންގުޅުމާ ބެހޭ ގަވާއިދާއި، ރޫލްސް އޮފް އެންގޭޖްމަންޓް ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ސިފައިންނަށް ލިބެ އެވެ.
އެގަވާއިދުގެ ދަށުން ބަޑި ގުދަން ހުޅުވުމަށް ސިފައިންގެ ވެރިޔާ އަދި ޑިފެންސް މިނިސްޓަރުގެ ހުއްދައެއް ހޯދާކަށް ނުޖެހެ އެވެ. ބަޑިގުދަން ހުޅުވާ ލައްޕާ ކޮންމެ ފަހަރަކު ރައީސް އަކަށް ހުންނެވި ބޭފުޅެއްގެ އަރިހުގައި ދަންނަވަންޖެހޭނެ އުސޫލެއް ނޯވެ އެވެ.
"އެދުވަހު ޖުމްހޫރީ މައިދާނުގައި ހަތިޔާރުގެ ބޭނުން ފަހަރެއްގައި ވެސް ހިފަންޖެހޭ ފަދަ ހާލަތެއް މެދުވެރިވެފައެއް ނުވެ އެވެ،" ގައުމީ ދިފާއީ ބާރުން ބުނެފައި ވެއެވެ.
ރައީސް ނަޝީދު ދައްކަވަމުން ގެންދަވާ ބަޑީގެ ވާހަކަ އާއި ބަޑި ގުދަނުގެ ވާހަކަތަކަށް އިތުރުވެގެން ދިޔަ ބޮޅެއްގެ ގޮތުގައި ހަތިޔާރު ހުރި ސިފައިންގެ އެކިއެކި މަރުކަޒުތަކުންނާއި އުޅަނދުފަހަރުތަކުން ބަޑި އެތެރެކުރި ވާހަކަ ވަނީ އިތުރުވެފަ އެވެ.
"ސިފައިންގެ ތެރެއިން ކިތަންމެ ބަޔަކު ބަޑި ގުދަނުގައިހުރި ބަޑިތަކުގެ އިތުރުން ބަޑި ހުރި އެހެން ސިފައިންގެ މަރުކަޒުތަކުންނާއި އުޅަނދުފަހަރުން ބަޑި ގެނެސްފައި ސިފައިންގެ ތެރެއިން ބަޣާވާތް ކުރަމުން ދިޔަ ފަރާތްތަކުގެ އަތުގައި ހުރިކަން ވެސް އަޅުގަނޑަށް އެނގުނު،" ނަޝީދު ވިދާޅުވެފައިވެ އެވެ.
ކާނަލް އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ސިފައިންގެ އުޅަނދުފަހަރާއި މަރުކަޒުތަކަކީ ހަތިޔާރު ހިފައިންގެން ފޯރިމަރަމުންދާ ތަންތަން ކަމުގައިވާތީ އެ އުސޫލުން އެއެއްޗެހީގައި އަދި އެތަންތަނުގައި ހަތިޔާރު ގެންގުޅެމުންދާނެ އެވެ.
" ސިފައިން ނޫން ބަޔެއްގެ އަތުގައި ހަތިޔާރެއް ނުހުންނާނެ، ހަތިޔާރޭ މި މާނަ ކުރަނީ ލައިވް ވަޒަން ހުންނަ ބަޑި. ބަނޑާރަ ކޮއްޓަކީ ސިފައިން ހަތިޔާރު ހިފައިގެން ޑިއުޓީ މަރާތަންތަން. އަދި އިތުރަށް ބަޑި ގުދަނުން ހަތިޔާރު ނެރުނަސް ނުނެރުނަސް ޑިއުޓީ މަރާތަނެއް ކަމުގައިވާނަމަ އެ ހަތިޔާރު ހުންނާނެ، ނަމަވެސް ބަޑިގުދަން ހުޅުވައިގެން ބަޑި ނެރުމުގެ ހުއްދައަކަށް އެދިފައެއް ނޯންނާނެ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ރައީސް ނަޝީދުގެ އިސްތިއުފާއާ ގުޅިގެން އެންމެ ބާރަށް ދެކެވެމުން އައި ވާހަކަތަކުގެ ތެރޭގައި ހިމެނޭ ބަޑީގެ ބިރު ދެއްކި ކަމުގެ ވާހަކަތަކަކީ އެމަނިކުފާނު މިހާރު އެންމެ ގިނައިން ވިދާޅުވާ ވާހަކަ އެވެ. ބަޑީގެ އަޑުހާ ބާރަށް ބަޑީގެ ވާހަކަ ފެތުރެމުން އިވެމުން ދެއެވެ.