11 Oct 2021, 08:54
ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ ފިކުރާއި އިދިކޮޅު ޕީޕީއެމްގެ ފިކުރުގެ އިތުރުން މިއަދު އެންމެ ބޮޑު ތާއީދެއް އޮތް ތިންވަނަ ފިކުރެއްގެ ގޮތުގައި އޮތީ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ފިކުރުކަމަށް އެ ޕާޓީން ބުނެފިއެވެ.
ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އެ ޕާޓީގެ ނައިބު ރައީސް މިރްފަތު އިސްމާއީލް ޝަފީގް ވިދާޅުވީ، އެ ޕާޓީގެ ޖަލްސާ މިދިޔަ ހުކުރު ދުވަހު ބޭއްވުމާއެކު އެ ޕާޓީގެ ވިސްނުމަކީ ތިންވަނަ ފިކުރުގެ ގޮތުގައި ވެގެން ގޮސްފައިވާކަމަށް އެ ޕާޓީން ގަބޫލްކުރާކަމަަށެވެ.
"އަޅުގަނޑުމެންގެ ސިޔާސަތުތައް ވެސް ތަފާތު. އަޅުގަނޑުމެންގެ ސްޓްރަކްޗާ ވެސް ތަފާތު. އަޅުގަނޑުމެންނަކީ ވަރަށް އިންސްޓިޓިއުޝަނަލައިޒްކޮށް ހިނގާ ޕާޓީއެއް، ހެދިފައިވާ ސިޔާސަތު ވަށައިގެން އެމްއެންޕީ އެނބުރެނީ،" މިރްފަތު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެމްއެންޕީއަކީ ސަރުކާރާ އެއްކޮޅު ނުވަތަ ދެކޮޅު ޕާޓީއެއް ވެސް ނޫންކަމަށެވެ. ނަމަވެސް ސަރުކާރުން ކުރާ ރަނގަޅު ކަންކަމަށް ތާއީދުކުރާ ފަދައިން ގޯސްކަންކަމާ ދެކޮޅުވެސް ހަދާނެކަމަށެވެ.
"އެންމެ ހޮޓް ޓޮޕިކަކީ އަވަށްޓެރި ގައުމެއްގެ މިލިޓަރި ޕްރެސެންސް އޮތުން. މިލިޓަރީ ޕްރެސެންސް ނުވަތަ ފަސްގަނޑުން ބާރެއް ލިބި ރައްޔިތުންނަށް ބޭރު ބައެއްްގެ ނުފޫޒު ހިންގޭކަމަކަށް އަޅުގަނޑުމެންނަކަށް ތާއީދެއްނުކުރެވޭނެ،" އޭނާ ވިދާޅުވިއެވެ.
އިތުރަށް ވާހަކަދައްކަވަމުން މިރްފަތު ވިދާޅުވީ އެ ޕާޓީގެ އަމާޒަކީ ނޮވްމެބަރު މަހުގެ 15ވަނަ ދުވަހުގެ ނިޔަލަށް އެ ޕާޓީއަށް 10،000 މެމްބަރުން ހަމަކުރުންކަމަށެވެ.
އެ އަމާޒަށް ވާސިލްވުމަށް ޓަަކައި އެ ޕާޓީގެ ހަ ނައިބު ރައީސުންގެ މެދުގައި މަސައްކަތްތައް ބަހާފައިވާކަަމަށް މިރްފަތު ވިދާޅުވިއެވެ.
"ވަރަށް ގިނަ ގޭގެއަށް ގޮސް ވެސް ހަދައިފިން މިހާރު. އެކަމަކު އޮފިޝަލް ގޮތެއްގައި އަޅުގަނޑުމެން ކުރިއަށް އޮތް ތަނުގައި ފަށާނަން. ކުރިއަށް އޮތް ތަނުގައި ހުރިހާ ބޭފުޅުންނަށް ވެސް ފެނިވަަޑައިގަންނަވާނެ އެމްއެންޕީގެ ޓީޝާޓާއި ތޮތްޕާއި ނޫ ކުލަތައް މުޅި މާލެއަށް ފެތުރިގެންދާނެ އިނގޭތޯ ކޮކާތަކެއްހެން،" މިރްފަތު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެކި ދާއިރާގެ ފަންނުވެރިންނާއި ޒުވާނުން ނިސްބަތުން ގިނަ އަދަދަކަށް އެމްއެންޕީއާ ގުޅެމުން އަންނަކަމަށެވެ.
މިރްފަތު އިތުރަށް ވިދާޅުވީ އެންމެ ކުރު މުއްދަތެއްގައި އެންމެ ގިނަ މެންބަރުން ހަމަކުރި ޕާޓީއަކީ އެމްއެންޕީކަމަށެވެ. އަދި އެޕާޓީއަށް އާންމުންގެ އިތުބާރު ލިބިފައިވާ ކަމަށާއި ޕާޓީ ރަޖިސްޓްރީކުރީ 5000 މެންބަރުން ހަމަކުރުމަށްފަހުކަން އޭނާ ފާހަގަކުރެއްވިއެވެ.