01 Oct 2022, 09:32
ވަގުތުން އެކަކު އަނެކަކަށް މެސެޖް ފޮނުވާލެވޭ ޕްލެޓްފޯމެއް ކަމަށްވާ ވަޓްސްއެޕް އިންޑިއާގައި 2010 ވަނަ އަހަރު ތައާރަފްކޮށްފައިވާއިރު މަދު އަހަރުތަކެއްގެ ތެރޭގައި އެ ޕްލެޓްފޯމް ވަނީ އެޤައުމުގައި އެންމެ މަގުބޫލު އެއް ޗެޓިން އެޕްލިކޭޝަނަށް ވެފައެވެ. މިއަދު ވިޔަފާރީގެ ބޭނުންތަކަށާއި، އޯޑިއޯ-ވީޑިއޯ ކޯލްކުރުމާއި ލިޔެކިޔުންތަކާއި ފޮޓޯތައް ހިއްސާކުރުމުގެ އިތުރުން އެހެނިހެން ގިނަ ބޭނުންތަކަށްވެސް އެ އެޕްލިކޭޝަން ބޭނުންކުރެވެއެވެ.
ދެހާސް ނަވާރަ ވަނަ އަހަރު ގާތްގަނޑަކަށް 400 މިލިއަން ވަޓްސްއެޕް ޔޫޒަރުން އިންޑިއާގައި ތިބި އިރު މިހާރު 500 މިލިއަނާ ވަނީ ކައިރިވެފައެވެ. ރިޕޯޓްތައް ބުނާގޮތުން އިންޑިއާގައި މިވަގުތު ވަޓްސްއެޕް ބޭނުންކުރާ މީހުންގެ އަދަދު ގާތްގަނޑަކަށް 490 މިލިއަނަށް އަރައެވެ.
އެ ޕްލެޓްފޯމްގެ ޚިދުމަތްތައް ރަނގަޅުކޮށް ފުޅާކުރުމަށްޓަކައި މުޅި ދުނިޔޭގައި ވަޓްސްއެޕްގެ ފީޗާސްތައް އަޕްޑޭޓް ކުރަމުން އަންނަ ކަމަށް ވަޓްސްއެޕް އިން ބުނެފައިވާއިރު، ދާދި ފަހުން 30 މީހުންނަށް އެއްފަހަރާ ގްރޫޕް ކޯލް ކުރެވޭނެގޮތް ވަނީ ހަދާފައެވެ. އަދި މިހާރު އެފަދަ ގްރޫޕްކޯލް ލިންކް އުފައްދައި އާއިލާއާއި ރަޙްމަތެރިންގެ މެދުގައި ހިއްސާކުރެވޭނެގޮތްވެސް މިވަނީ ހަދާފައެވެ.
މީގެ އިތުރުންވެސް ވަޓްސްއެޕް އިން އިތުރު ގިނަ ފީޗާތަކެއްގެ މަސައްކަތް ކުރަމުން އަންނައިރު މިހާރު ވަނީ އޭގެ ތެރެއިން ފަސް ފީޗާއެއް އިންޑިއާގައި ތައާރަފްކޮށްފައެވެ. އިންޑިއާގެ ޔޫޒަރުންނަށް މި ފީޗާސް ލިބެން ފަށާފައިވަނީ އެންމެ ފަހުގެ އަދާހަމަ ތަކުގެ ޒަރީއާއިންނެވެ. ތިރީގައި އެވަނީ މި ފަސް ފީޗާގެ ކުޑަ ތަޢާރަފެކެވެ.
1. ނުކިޔާ މެސެޖްތައް ތަރުތީބުކުރުން:
ވަޓްސްއެޕްގައި ހުރި މެސެޖްތަކުގެ ތެރެއިން މިހާރު ނުކިޔާ ހުންނަ ނުވަތަ އަންރީޑް ހުރިހާ މެސެޖެއް ތަރުތީބުކޮށް ބަލާލެވޭނެއެވެ. އައިފޯނުންނަމަ ނުކިޔާ މެސެޖުތައް ހޯދުމަށް ވަޓްސްއެޕް ޗެޓް ލިސްޓުން މައްޗަށް ސްކްރޯލްކޮށް ލުމުން ސާޗްބާ ފެންނާނެއެވެ. ދެން، އަންރީޑް ފިލްޓާ އައިކޮން އަށް ފިތާލާށެވެ. އަނެއްކާވެސް އައިކޮން ނިއްވާލުމަށްޓަކައި އަލުން ފިތާލާށެވެ.
އެންޑްރޮއިޑް ބޭނުންކުރާ ފަރާތްތަކުންނަމަ، ސާޗް ބާ އަށް ފިތާލުމަށްފަހު، އަންރީޑް އަށް ފިތާލަން ޖެހެއެވެ. ފިލްޓާ ނިއްވާލުމަށްޓަކައި އެކްސް ނުވަތަ ބެކްސްޕޭސް އަށް ފިތާލާށެވެ. ވަޓްސްއެޕް ވެބް ބޭނުންކުރާ ފަރާތްތަކަށް ސާޗް ބާގެ ވާތްފަރާތުގައިވާ އަންރީޑް ފިލްޓާ އައިކޮން އަށް ފިތާލެވޭނެއެވެ. ވަޓްސްއެޕް ވެބް ބިޒްނަސް ބޭނުންކުރާ ފަރާތްތަކުން ސާޗް ބާގެ ވާތްފަރާތުގައިވާ ފިލްޓާ އައިކޮން އަށް ފިތާލުމަށްފަހު އަންރީޑް އަށް ކްލިކް ކުރަން ޖެހެއެވެ. ފިލްޓާ ނިއްވާލުމަށްޓަކައި އަނެއްކާވެސް އައިކޮންއަށް ފިތާލާށެވެ.
2. ފޮހެލެވިއްޖެ މެސެޖެއް އަލުން ބަލައިލުން:
އޮޅިގެން މެސެޖެއް ޑިލީޓް ކުރެވުނަސް، އަންޑޫ 'ޑިލީޓް ފޯ މީ' ފީޗާ ބޭނުންކޮށްގެން އެމެސެޖް އަލުން މިހާރު ބަލައިލެވޭނެއެވެ. އެ ހާލަތުގައި ވަޓްސްއެޕް އިން މަދު ސިކުންތުކޮޅަކަށް ނޮޓިފިކޭޝަން ނުވަތަ ސްނެކްބާ އެއް ދައްކާނެއެވެ. އެ ނޮޓިފިކޭޝަން ލިބޭނީ މަދު ސިކުންތުކޮޅަކަށް ކަމުން، މެސެޖު އަލުން އިއާދަ ކުރުމަށްޓަކައި އެ މުއްދަތުގެ ތެރޭގައި 'އަންޑޫ' އޮޕްޝަނަށް ފިތާލަން ޖެހެއެވެ. އެ އޮޕްޝަންއަށް ފިތާލުމުން އަލުން އެމެސެޖް އިއާދަ ވާނެއެވެ.
3. ލިންކް ޕްރިވިއުސް:
ވަޓްސް އެޕްގެ އެންމެ ފަހުގެ އަދާހަމަ ލިބިފައިވާ ފަރާތްތަކަށް އެހެން ފަރާތްތަކުން ހިއްސާކުރާ ލިންކެއް ނުވަތަ ޔޫއާރްއެލްއެއްގެ ޕްރިވިއު ފެނިގެންދެއެވެ. މިއީ އެލިންކަށް ފިތާލުމުގެ ކުރިން ލިބޭ ބޭނުންތެރި މުހިންމު މައުލޫމާތެކެވެ.
4. ގްރޫޕަކުން ސިއްރުން ނިކުތުން:
ވަޓްސްއެޕް އިން މިހާރު ވަނީ ގްރޫޕަކުން މީހަކު ނިކުތުމުން އަންނަ ނޮޓިފިކޭޝަން ފީޗާއަށް ބަދަލު ގެނެސްފައެވެ. މިހާރު އެ ގްރޫޕުން ނިކުންނައިރު އެކަން އެނގޭނީ ހަމައެކަނި އެ ގްރޫޕެއްގެ އެޑްމިން ނުވަތަ އެޑްމިން ތަކަށެވެ. ކުރިން އެ ގްރޫޕުގެ ހުރިހާ މެމްބަރުންނަށް ވެސް އެ ގްރޫޕުން މީހަކު ވަކިވާއިރު ނުވަތަ ނިކުންނައިރު އިންޒާރުގެ މެސެޖެއް ލިބެއެވެ.
5. މެމްބަރުންގެ މެސެޖްތައް ފުހެލުމުގެ ބާރު އެޑްމިންއަށް:
ވަޓްސްއެޕް ގްރޫޕެއްގައި ތިބޭ ޢާއްމު މެމްބަރުންގެ މެސެޖްތައް ފުހެލުމުގެބާރު މިހާރު ގްރޫޕްގެ އެޑްމިންއަށް ނުވަތަ އެޑްމިންތަކަށް ލިބިގެން ވެއެވެ. ނަމަވެސް ގުރޫޕްގެ ހުރިހާ ބައިވެރިންނަށް ނުވަތަ މެންބަރުންނަށް މެސެޖު ފޮހެލީ ކާކުކަން ބަލާލެވޭނެއެވެ.