28 Feb 2012, 23:58
އެމްޑީޕީގައި އަންހެނުންގެ ހަރަކާތްތައް މިހާރަށް ވުރެ ވަރުގަދަ ކުރާނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.
އެމްޑީޕީގެ އަންހެނުނަށް ހާއްސަކޮށްގެން މިރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާއެއްގައި އެމްޑީޕީ އަންހެނުން ރޫހުގެ ފަރާތުން ކޮންމެ ދުވަހަކު ހަވީރު ސުނާމީ ބިނާ ސަރަހައްދުގައި އަންހެނުނަށް ހާއްސަވެފައި އޮންނަ ހަރަކާތްތައް ދެން އިތުރުކޮށް، ވަރުގަދަ ކުރާނެ ކަމަށެވެ.
އަދި ސަރަހައްދުގައި އަންހެނުންނަށް ހަބަރު ކިޔުމުގެ ފުރުސަތު ހުޅުވާލައި އެ ސަރައްދަށް ޖަމާވާ މީހުނާއި މުހާތަބުކޮށް ސްޓޭޖްގައި ވާހަކަ ދައްކަން ބޭނުންވާ އަންހެނުންނަށް އެ ފުރުސަތު ދޭނެ ކަމަށް ވެސް ބުންޏެވެ.
ކުރީގެ އެޑުކޭޝަން މިނިސްޓަރު ޝިފާ މުހައްމަދު ވިދާޅުވީ އެމްޑިޕީ ސަރުކާރަކީ ހުދުމުހުތާރު ސަރުކާރެއް ކަމަށް ބައެއް ފަރާތްތަކުން ބުނަނީ ފަސް އަހަރުގެ ތެރޭގައި ވެފައިވާ ވައުދުތައް އަވަސް ސްޕީޑެއްގައި ފުއްދަން މަސައްކަތްކޮށްފައިވާތީ ކަމަށާއި އެއީ ހުދުމުހްތާރުވުން ނޫން ކަމަށެވެ.
އޭނާ ވިދާޅުވީ އެޑިއުކޭޝަން މިނިސްޓްރީގައި ސިޔާސީ ހިޔާލު ތަފާތު މީހުން އުޅުނު އިރުވެސް އެމްޑީޕީ ސަރުކާރުން އެއްވެސް މީހަކު މަގާމުން ވަކި ކޮށްފައި ނުވާނެ ކަމަށެވެ.