19:00


ރާއްޖޭގައި މިހާރު މިއޮތް ހާލަތު ހަމައަކަށް އެޅެންދެން ކޮންމެ ރެއަކު ވެސް ސިލްސިލާ މުޒާހަރާތަކެއް ކުރުމަށް ޑީއާރުޕީން ނިންމައިފި އެވެ.


ޑީއާރުޕީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެއްގައި ޑީއާރުޕީގެ ނައިބް ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެންބަރ އިލްހާމް އަހުމަދު ވިދާޅުވީ މިރޭ ފަށާ މި މުޒާހަރާ އަކީ ޤައުމުގެ އަމަންއަމާންކަން ގެއްލި މިނިވަން މުއައްސަސާތަކުގެ ބާރު ކެނޑި އާއްމު ރައްޔިތުންނަށް ހާއްސަކޮށް މާލޭގައި ދިރިއުޅޭ ފަރާތްތަކުގެ ރޭގަނޑުގެ ނިދިން މަހްރޫމްވެގެންދާ ފަދަ ހާލަތަކަށް ކަންތައްތައް ގޮސްފައިވާތީވެ އެ ކަންތައްތައް ހުއްޓުވުމަށް ފަށާ ކަމެއް ކަމަށެވެ. އަދި މިކަމުގެ މަސްއޫލިއްޔަތު މިއަދުގެ ސަރުކާރުން ނޫފުލާތީ އެކަމާ ކަންބޮޑުވާ ކަމަށް ވިދާޅުވެ، މިޤައުމުގައި އަމާން މާހައުލެއް ޤާއިމްކޮށްދިނުމަށް ޤައުމީ ދިފާއީ ބާރުތަކަށް އިލްތިމާސްކުރެއްވި އެވެ. އިލްހާމް އިތުރަށް ވިދާޅުވީ މި ޤައުމުން މިހާރު ފެންނަމުން މި ދަނީ މުޤާބޭގެ ވެރިކަން ކަމަށެވެ.


މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރ އަދި ޑީއާރުޕީގެ ޒުވާނުންގެ ގޮފީގެ ރައީސް އަހުމަދު މަހްލޫފް ވިދާޅުވީ މިގޮތަށް ސިލްސިލާކޮށް މުޒާހަރާ ކުރުމަށް ނިންމީ ޤައުމުގެ ހާލަތު މިއަދު އެމްޑީޕީ އާއި މި ސަރުކާރުން ގެނެސްފައިވާ ހިސާބުން ކަމަށެވެ.


މަހްލޫފް ވިދާޅުވީ ފުލުހުންނާއި ސިފައިން ގުޅިގެން ރޭ މާލޭގެ ސަލާމަތީ ކަންތައްތައް ބެލެހެއްޓުމަށް ހާއްސަ އޮޕަރޭޝަނެއް ފަށައިފައިވާ ކަމަށް ބުނެފައި ވީނަމަވެސް، އެކަމާ ބެހޭ މައުލޫމާތު ނޫސްވެރިންނަށް ދިނުމަށް ބޭއްވި ބައްދަލުވުން ނުނިމެނީސް އެމްޑީޕީއަށް ނިސްބަތްވާ ބަޔަކު ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރ އަހުމަދު ނާޒިމް ދިރިއުޅުއްވާ ގެއަށް ހަމަލާދިނުމަށް އެމްޑީޕީގެ ހަރުގޭގެތެރޭގައި ފާޅުކަން ބޮޑު ގޮތަކަށް ގޮވާލާފައިވާ ކަމަށެވެ. ނަމަވެސް ފުލުހުން ދިޔައީ އެމްޑީޕީއަށް ނިސްބަތްވާ ބަޔަކު ނާޒިމް ގޭ ސަރަހައްދަށް ގޮސް ހަމަނުޖެހުން ހިންގި ފަހުން ކަމަށްވެސް މަހްލޫފް ވިދާޅުވި އެވެ. އަދި މިއީ އަލުން އެކުލަވާލާފައިވާ ވަޒީރުންގެ މަޖިލީހަށް ރުހުން ހޯދުމަށް މިސަރުކާރުން ކުރަމުންދާ ކަމެއް ކަމަށާއި ނަމަވެސް މަޖިލީހުގައި ހިމެނިވަޑައިގެންނަވަން ޖެހޭ މެންބަރަކު ނެތީސް މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދިޔަނުދެއްވާނެ ކަމަށް ވެސް މަހްލޫފް ވިދާޅުވި އެވެ.