ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ، އަލީ އަޝްފާގު (ދަގަނޑޭ) ކާމިޔާބުކޮށްދިން ގޯލާއެކު ސްރީލަންކާ ބަލިކޮށް ރާއްޖެއިން ފައިނަލުގެ އުންމީދު ދަމަހައްޓައިފިއެވެ.

ގައުމީ ފުޓުބޯޅަ ސްޓޭޑިއަމުގައި މިއަދު ހަވީރު ކުޅުނު ސާފް ޗެމްޕިއަންޝިޕުގެ މެޗުން ދިވެހި ރާއްޖެ ކުރި ހޯދީ 1-0 ގެ ނަތީޖާއަކުންނެވެ. މި މޮޅާ އެކު ރާއްޖެއިން ތާވަލުގެ އެއްވަނައަށް ވަގުތީ ގޮތުން ވަނީ އަރައިފައެވެ. ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބުކޮށް ރާއްޖެ އެއްވަނައިގައި އޮތީ ހަ ޕޮއިންޓާ އެކުއެވެ.

އެކަމަކު މިރޭ އިންޑިއާއާ ދެކޮޅަށް ކުޅޭ މެޗުން ޕޮއިންޓެއް ހޯދައިގެން ވެސް ނޭޕާލަށް އެއްވަނައަށް އެރުމުގެ ފުރުސަތު އެބައޮތެވެ. ނޭޕާލް ދެ މެޗުން މިހާތަނަށް ހަ ޕޮއިންޓް ހޯދާފައިވާ އިރު، އެ ޓީމު ދެވަނައިގައި އޮތީ ބައިކޮޅަށް ވަން ގޯލު ގިނަވީމައެވެ.

މިއަދުގެ މެޗު ފަށައިގެން ކުރީކޮޅު ލަންކާއިން ވަނީ ގޯލެއް ޖަހައިފައެވެ. ކަވިންދު އިޝާން ޖެހި ގޯލު އޮފްސައިޑް ކަމަށް ލައިންސްމަން ވަނީ ނިންމައިފައެވެ.

ޖެހިގެން އައި ބޯޅައިން ރާއްޖެ ވަނީ ލީޑު ނަގައިފައެވެ. ހައިޝަމް ހަސަން ނަގައިދިން މޮޅު ހުރަހަކުން ބޮލުން ޖަހައި ގޯލަށް ފޮނުވާލީ އަޝްފާގުއެވެ. މިއީ މިފަހަރުގެ މުބާރާތުގައި އޭނާ ޖެހި ދެވަނަ ގޯލެވެ. އޭނާ ވަނީ މިހާތަނަށް ސާފް ޗެމްޕިއަންޝިޕުގައި 22 ގޯލު ޖަހައިފައެވެ. މިއީ ސާފުގެ ރެކޯޑެވެ.

ފުރަތަމަ ހާފުގައި ދެން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ އަލީ ފާސިރު ސެންޓޭއަށެވެ. ސެންޓޭ އޭރިއާ ތެރެއިން ފޮނުވާލި ބޯޅަ އަމާޒުވީ ހުރަސް ދަނޑިއަށެވެ.

ދެވަނަ ހާފު ފަށައިގެން ވެސް ރާއްޖެއިން ގިނަ ހަމަލާތަކެއް އުފެއްދިއެވެ. އެގޮތުން ހަމްޒާ ފޮނުވާލި ބޯޅައެއް ވަނީ އަރިމަތީ ދަނޑީގައި ޖެހިފައެވެ. އެއަށްފަހުން ލަންކާއިން ވަނީ ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ހޯދައިފައެވެ.

މެޗު ނިމެންދަނިކޮށް ރާއްޖެއަށް ލިބުނު ހިލޭ ޖެހުމަކުން ސެންޓޭ ވަނީ ދަނޑީގައި ޖަހައިފައެވެ. މިއަދުގެ މެޗުގައި ތިން ފަހަރަށް ރާއްޖެއިން ވަނީ ލަންކާ ގޯލުގެ ދަނޑީގައި ޖަހައިފައެވެ.