އަންނަ ހުކުރު ދުވަހުން ފެށިގެން، އިންޑިއާއަށް ދިޔުމަށް ދިވެހިންނަށް ވިސާ ބޭނުން ނުވާނެކަމަށް ރާއްޖޭގައި ހުންނަ އިންޑިއަން ހައި ކޮމިޝަނުން ބުނެފިއެވެ.

އެ ކޮމިޝަނުން ބުނީ ބޭސްފަރުވާ އަށާއި ވިޔަފާރި ކުރުމަށް އަދި ފަތުރުވެރިއެއްގެ ގޮތުގައި ވިޔަސް އިންޑިޔާއަށްދާ އިރު، ދެން ވިސާއާ ނުލައި ތިން މަސް ދުވަހަށް ތިބެވޭނެ ކަމަށެވެ.

އިންޑިއާގެ ހައި ކޮމިޝަނުން ބުނީ، މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައި ކޮވިޑާ ގުޅިގެން ފިޔަވަޅުތައް ވަރުގަދަ ކުރި ފަހުން، އިންޑިއާއަށް ވިސާއާ ނުލައި ދަތުރު ކުރެވޭނެ ގޮތަށް ފަހިކޮށްދިން ފުރަތަމަ ގައުމަކީ ރާއްޖެ ކަމަށެވެ.

ސިއްހީ ފަރުވާއަށް އިންޑިއާއަށް ދިއުމަށް މެޑިކަލް ވިސާ ހޯދުމުގައި ދިމާވާ ދަތިތަކަށް ވަރަށް އަވަހަށް ހައްލު ލިބޭނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ އިއްޔެ ވިދާޅުވެފައެވެ.

ޝާހިދު މިހެން ވިދާޅުވީ، ގިނަ އަދަދެއްގެ ދިވެހިން އިންޑިއާ އަށް ބޭސް ފަރުވާއަށް ދާއިރު، ވިސާ ފޯމު ހުށަހެޅުމަށް އިންޑިއަން ހައި ކޮމިޝަން ކައިރީގައި ކިޔުގައި ތިބެން ޖެހޭ ކަމުގެ ޝަކުވާ ބޮޑުފެވައި ވަނިކޮށެވެ.

ކޮވިޑްގެ ތެރޭގައި 14،000 އަށް ވުރެ ގިނަ ދިވެހިން ވިސާއާއެކު އިންޑިއާއަށް ބޭސްފަރުވާއަށް ގޮސްފައިވެއެވެ.