ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަޙީދު، އިންޑިއާގެ ފޮރިން ސެކްރެޓަރީ ރާޖަން މަތާއީއާ ބައްދަލުކުރައްވައިފި އެވެ.

މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި، ރާއްޖޭގެ މިހާރުގެ ސިޔާސީ މަސްރަޙާ ބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވި އެވެ. މިގޮތުން ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކާ ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާތަކުގެ މަޢުލޫމާތު، އިންޑިޔާގެ ފޮރިން ސެކްރެޓަރީ ރައީސުލްޖުމްހޫރިއްޔާއަށް ދެއްވި އެވެ.

ރާއްޖޭގެ ސިޔާސީ މަސްރަޙު ރަނގަޅުކުރުމަށް ޓަކައި ހުރިހާ ފަރާތްތަކެއް ވެސް ގުޅިގެން މަސައްކަތްކުރަމުން ގެންދެވުމަށް ފޮރިން ސެކްރެޓަރީ މަތާއީގެ ވާހަކަފުޅުގައި ބާރު އެޅުއްވިއެވެ. އަދި ރާއްޖޭގެ ސިޔާސީ މަސްރަޙު ރަނގަޅުކުރުމަށް އިންޑިޔާ ސަރުކާރުން ވެދެއްވެން އޮތް އެހީތެރިކަމެއް ދެއްވަމުން ގެންދަވާނެ ކަމުގައި ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ހާލަތު ރަނގަޅުކުރުމަށްޓަކައި މިހާތަނަށް ވެސް އިންޑިޔާ ސަރުކާރުން ކޮށްދެއްވަމުން ގެންދެވި މަސައްކަތްތައް ފާހަގަކުރައްވައި އެކަމަށްޓަކައި އިންޑިޔާ ސަރުކާރަށް ޝުކުރު އަދާކުރެއްވި އެވެ.