Last Updated: 4 year 2 month ago
ސާފް ޗެމްޕިއަންޝިޕުގައި މިއަދު ރާއްޖެ އަދި ސްރީލަންކާ ބައްދަލު ކުރާ މެޗަކީ މުބާރާތުގައި ކުރިއަށް ދިއުމަށް ރާއްޖެއަށް މޮޅުވުން މަޖުބޫރު މެޗެކެވެ. ބަންގްލަދޭޝް އަތުން ލިބުނު ތިން ޕޮއިންޓާ އެކު މިވަގުތު ތިންވަނައިގައި އޮތް ރާއްޖެއަށް މިއަދުގެ މެޗުން މޮޅުވެގެން ތާވަލުގެ އެއްވަނައަށް އެރުމުގެ ފުރުސަތު އެބައޮތެވެ.
ފުރަތަމަ މެޗުގައި ނޭޕާލް އަތުން 0-1 އިން ބަލިވުމާ އެކު ރާއްޖެއަށް ފައިނަލަށް ދިއުމަށް އޮތީ އުނދަގޫ މަގެކެވެ. ފައިނަލަށް ދިއުމަށް ބާކީ ހުރި މެޗުތައް ކާމިޔާބު ކުރަން ރާއްޖެއަށް މަޖުބޫރުވެފައިވާ އިރު، މިއަދު ލަންކާއާ ދެކޮޅަށް ކުޅޭ އިރު އެ ޓީމަށް މާބޮޑު ޕްރެޝަރެއް ނެތެވެ. މުބާރާތުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން ބަލިވި ލަންކާއަށް ފައިނަލަށް ދިއުމުގެ ފުރުސަތު އޮތީ ގެއްލިފައެވެ.
ސާފް ޗެމްޕިއަންޝިޕުގައި ލަންކާ އަށް ރާއްޖެ ބަލިކުރެވިފައެއް އަދި ނުވެ އެވެ. މުބާރާތުގައި މި ދެޓީމު ހަތް ފަހަރު ބައްދަލުކުރިއިރު ރާއްޖެ ވަނީ ފަސް ފަހަރު މޮޅުވެފަ އެވެ. ބާކީ ދެ މެޗު ނިމުނީ އެއްވަރު ވެގެންނެވެ.
2013 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕުގެ މެޗެއްގައި އެއް ޓީމަކުން އެންމެ ގިނަ ގޯލު ޖެހި ޓީމުގެ ރެކޯޑް ހަދައި، 10-0 އިން ރާއްޖެ ވަނީ ލަންކާ ބަލިކޮށްފަ އެވެ. އެ މެޗުގައި ރާއްޖޭގެ އަލީ އަޝްފާގު (ދަގަނޑޭ) ވަނީ ހަ ގޯލު ޖަހައިފަ އެވެ. އެހެން ނަމަވެސް 2018 ވަނަ އަހަރުގެ މުބާރާތުގައި މި ދެ ޓީމު ވާދަ ކުރި އިރު ނިމުނީ އެއްވަރުވެގެންނެވެ.
ސްރީ ލަންކާ އާއި ދިވެހި ރާއްޖެ ބައްދަލުކުރާ މެޗު ފަށާނީ މިއަދު ހަވީރު 4 ޖަހާއިރު އެވެ.