10 Oct 2021, 15:38
އޯގަސްޓު މަހުގެ 19ވަނަ ދުވަހު ކ. ރަސްފަރީ ފަރަށް އުރުނު ބޯޓުގެ ސަބަބުން އެ ފަރަށް ލިބުނު ގެއްލުމުގެ ހިސާބު އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ހަދައިފިއެވެ.
އީޕީއޭގެ ޑިރެކްޓާ ޖެނެރަލް އިބްރާހިމް ނައީމް "ސަން"އަށް ވިދާޅުވީ އެ ފަރަށް ލިބުނު ގެއްލުމުގެ ހިސާބު މިހާރު ހަދާފައިވާކަމަށެވެ.
ނަމަވެސް ޖޫރިމަނާކުރުމުގެ ކުރިން އެ ބޯޓުގެ ވެރި ފަރާތަށް އެ މައްސަލައިގައި ޖަވާބުދާރީ ވުމަށް ފުރުސަތެއް ދީފައިވާ ކަމަށް ނައީމް ވިދާޅުވިއެވެ. އެގޮތުން 20ވަރަކަށް ދުވަހުގެ ތެރޭ ޖަވާބުދާރީ ވުމަށް އަންގާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
"އެ މީހުން އަވަހަށް ޖަވާބު ދީފިއްޔާ އަވަހަށް މި މައްސަލަ ނިމޭނެ. މިހާރު މި ވަނީ މުއްދަތެއް ދެވިފައި،" އޭނާ ވިދާޅުވިއެވެ.
ރަސްފަރީ ފަރަށް ލިބުނު ގެއްލުމުގެ ހިސާބު ހަދާފައިވީ ނަމަވެސް ޖޫރިމަނާކުރާނެ ސީދާ އަދަދެއް އަދި ކަނޑައަޅާފައެއް ނުވެއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީ އާއި އީޕީއޭއިން މީގެ ކުރިން ބުނީ ރަސްފަރީ ފަރަށް އެރި ޕެނަމާގެ ބޯޓަށް ރާއްޖެއިން ފުރުމުގެ ހުއްދަ ދޭނީ އެބޯޓުގެ ސަބަބުން ފަރަށް ލިބިފައިވާ ގެއްލުންތައް ދެނެގަނެ، އެ ގެއްލުމުގެ ބަދަލު ލިބޭ އެއްބަސްވުމަކަށް އާދެވޭ ހިސާބުން ކަމަށެވެ.
މީގެ އިތުރުން ބޯޓު ފަރަށް އެރީ ބޯޓުގެ ކެޕްޓަންގެ އިހުމާލުންކަމަށް ވެސް ޓްރާންސްޕޯޓް މިނިސްޓްރީ އާއި އީޕީއޭއިން އޭރު ބުންޏެވެ. އެއާއެކު އާގު ބޯޓަށް ރާއްޖެއިން ފުރުމުގެ ހުއްދަ ލިބޭނީ 100 މިލިއަން ރުފިޔާގެ ޑިޕޮސިޓެއް ބެހެއްޓުމުންކަމަށްވެސް މިނިސްޓްރީ އާއި އީޕީއޭއިން ބުންޏެވެ.