'އިންޑިއާ އައުޓް'ގެ ނަމުގައި އެކުލަވާލާފައިވާ ޕެޓިޝަނުގައި ސޮއި ކުރެއްވި އެމްޑީޕީ މާލޭ ސިޓީ ކައުންސިލަރު އޭނާގެ ސޮއި އަނބުރާ ގެންދެވުމުން، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، އޭނާއާށް ޝުކުރު ދަންނަވައިފިއެވެ.

ރާއްޖޭގައި ގާނޫނާ ހިލާފަށް އިންޑިއާގެ އަސްކަރީ ސިފައިންނާއި ވަސީލަތްތައް ތިބި ކަމަށް ބުނެ އެމީހުން ބޭލުމަށް އިންޑިއާ ސަރުކާރުގައި އެދުމަށް 'އިންޑިއާ އައުޓް'ގެ ނަމުގައި އެކުލަވާލާފައިވާ ޕެޓިޝަނުގައި ސޮއި ކުރެއްވީ، މަޖިލީހުގައި ނަޝީދު ތަމްސީލް ކުރައްވާ މައްޗަންގޯޅި މެދު ދާއިރާގެ ކައުންސިލަރު އަހްމަދު ޒަމީރެވެ.

އެމްޑީޕާއާ އިދިކޮޅު ފަރާތްތަކުން އިސްވެތިބެ އެކުލަވާލާފައިވާ "އިންޑިއާ މިލިޓަރީ އައުޓް" ޕެޓިޝަނުގައި އަހުމަދު ޒަމީރު ސޮއި ކުރެއްވުމުން، އެސޮއި އަނބުރާ ގެންދިޔުމަށް ގޮވާލައި މައްޗަންގޯޅި މެދު ދާއިރާއިން ވަނީ ނޫސްބަޔާނެއްވެސް ނެރެފައެވެ.

އެކަމާ ގުޅިގެން ޒަމީރު ވިދާޅުވީ، ޕެޓިޝަނުގައި ސޮއިކުރުމުން އެމްޑީޕީން އެއްޗެއް ނުބުނި ނަމަވެސް އޭނާ ނިސްބަތްވާ މައްޗަންގޯޅި މެދު ދާއިރާގެ މަޖިލިސް މެންބަރު ނަޝީދު، އެކަމާ ރުހިވަޑައިނުގަންނަވާ ކަމަށެވެ. އެހެންކަމުން އެ ޕެޓިޝަނުން އޭނާގެ ސޮއި ނަންގަވާފައިވާ ކަމަށް ޒަމީރު ވިދާޅުވިއެވެ.

އެއާ އެކު ނަޝީދު ވަނީ ޒަމީރަށް ޝުކުރު އަދާކުރައްވައި، ޓްވީޓެއް ކުރައްވާފައެވެ.

އިންޑިއާ އައުޓް ނުވަތަ ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިން ފޭބުމަށް ގޮވާލައި އިދިކޮޅުން އިސްނަގައިގެން އަންނަނީ އެކި ހަރަކާތްތައް ހިންގަމުންނެވެ. އެކަމުގައި އިސްކޮށް އުޅެނީ ޓެރަރިސްޓު ޖަމާއަތް، އައިއެސްގެ ސެލް ތަކުން ކަމަށް މީގެ ކުރިން ނަޝީދު ވަނީ ތުހުމަތުކުރައްވާފައެވެ.