28 Feb 2012, 23:05
އަލަށް އަމަލުކުރަން ފެށި މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން އުފެދިފައިވާ ޑްރަގް ކޯޓު ހިންގާނެ އިމާރާތަކަށް ކުރިން އެންސްޕާ ހިންގި އިމާރާތް ސަރުކާރުން ހަމަޖައްސައިފި އެވެ.
ޖުޑީޝަރީގެ މީޑިއާ އެންޑް ޕަބްލިކޭޝަން ޔުނިޓްގެ ސްޕޯކްސް ޕާސަން ލަތީފާ ގާސިމް (ލަތީ) މިރޭ ވަނީ ސަން އަށް އެކަން ކަށަވަރުކޮށްދެއްވައިފަ އެވެ.
ލަތީ ވިދާޅުވީ އެ އިމާރާތް މަރާމާތު ކުރުމަށް ޓަކައި މިހާރު ޓެންޑާ ބޯޑާއި ހަވާލުކުރެވި މަރާމާތުކުރުމުގެ މަސައްކަތް ވަރަށް ހަލުވިކޮށް ކުރިއަށް ދާކަމަށެވެ.
"ޑްރަގް ކޯޓު ހިންގާނެ އިމާރާތަކަށް ކުރިން އެންސްޕާ ހިންގި އިމާރާތް ސަރުކާރުން ވަނީ ހަމަޖައްސާފައި. މިހާރު އެ އިމާރާތް މަރާމާތު ކުރުމުގެ މަސައްކަތް ޓެންޑާ ބޯޑާ ހަވާލުކޮށް ވަރަށް ހަލުވިކޮށް މަސައްކަތް ކުރިއަށް އެބަދޭ،" ލަތީ ވިދާޅުވި އެވެ.
މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ޑްރަގް ކޯޓަށް ވަނީ ސުޕީރިއާ ކޯޓެއްގެ ދަރަޖަ ދީފަ އެވެ.
ޑްރަގް ކޯޓުންގެ އިހުތިސާސްގެ ތެރޭގައި ހިމެނެނީ ހަމައެކަނި މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ މައްސަލަތަކާއި، މަސްތުވާތަކެތި ބޭނުންކުރާ މީހުންކޮށްފައިވާ އެހެނިހެން ކުށްތަކުގެ މައްސަލަތަކެވެ.
ނަމަވެސް މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގައި ބުނާ ގޮތުން މަސްތުވާތަކެތި ރާއްޖެ އެތެރެ ކުރުމުގެ މައްސަލަތަކަކީ ޑްރަގް ކޯޓުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ މައްސަލަތަކެއް ނޫނެވެ.
ޑްރަގް ކޯޓު އުފެދުމާ އެކު ކްރިމިނަލް ކޯޓާއި ޖުވެނައިލް ކޯޓުން ބަލަމުން އައި މަސްތުވާތަކެއްޗާއި ގުޅުން ހުރި މައްސަލަތައް ވަނީ ބެލުން ހުއްޓާލާފަ އެވެ.
ޑްރަގް ކޯޓު ހިންގާނެ އިމާރާތެއް ސަރުކާރުން ހަމަޖައްސާފައިވާ އިރު މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ވަނީ ޑްރަގް ކޯޓަށް ފަސް ފަނޑިޔާރުން އައްޔަންކޮށް، އަދި އެ ފަނޑިޔާރުން ވަނީ ހުވާވެސް ކުރައްވާފަ އެވެ.
ޑްރަގް ކޯޓަށް ހަމަޖެއްސި ފަނޑިޔާރުންނަކީ ޕީޖީ އޮފީހުގައި ވަކީލުކަން ކުރެއްވި މަހާޒު އަލީ ޒާހިރު އާއިހުސެއިން ޝަހާމަތު މާހިރު އާއި އަބްދުއްސައްތާރު އަބްދުލްހަމީދުގެ އިތުރުންމެޖިސްޓްރޭޓް ކޯޓުތަކުގައި ގާޒީކަން ކުރެއްވި ޒުބައިރު މުހައްމަދު އާއިމުހައްމަދު އީސާ ފުޅެވެ.