10 Oct 2021, 16:58
އިންޑިއާގެ ދަނޑުވެރިން ކުރިއަށްގެންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން މުޒާހަރާއެއްގައި ބަޔަކު މަރާލި މައްސަލައާ ގުޅިގެން އެގައުމުގެ ބޮޑުވަޒީރު ނަރެންދަރު މޯދީގެ ސަރުކާރުގެ ޖޫނިއާ މިނިސްޓަރެއްގެ ދަރިފުޅު ހައްޔަރުކޮށްފިއެވެ.
އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ އިންޑިއާގެ ޖޫނިއާ ހޯމް މިނިސްޓަރު އަޖޭ މިޝްރާގެ ދަރިފުޅު އާޝިޝް މިޝްރާއެވެ.
އާޝިޝް ހައްޔަރު ކުރީ އިންޑިއާގެ ދަނޑުވެރިކަމާ ބެހޭ ގާނޫނުތަކާ ދެކޮޅަށް އެގައުމުގެ އުއްތަރަ ޕްރަދޭޝްގައި މިދިޔަ އަންގާރަ ދުވަހު ދަނޑުވެރިން ބޭއްވި މުޒާހަރާގައި ނުވަ މީހަކު މަރުވި ހާދިސާއަކާ ގުޅިގެންނެވެ.
އެ މުޒާހަރާގެ ބައިވެރިން ބުނާ ގޮތުގައި، އެ ހާދިސާ ހިނގީ މިނިސްޓަރު މިޝްރާއަށް ނިސްބަތްވާ ކާރަކުން މުޒާހަރާ ކުރަން ތިބި މީހުންގެ ގައިގައި ޖެއްސުމުންނެވެ. އަދި އެ ހާދިސާ ހިނގި ވަގުތު އާޝިޝް ކާރުގައި އިން ކަމަށް އެމީހުން ބުނެއެވެ.
އެ މުޒާހަރާގެ ބައިވެރިން މަރުވި ފަހުން އެ ސަރަހައްދުގައި ހިނގި ހަމަނުޖެހުންތަކުގައި ކާރުގެ ޑްރައިވަރާއި ކާރުގައި ތިބި އިތުރު ތިން މީހަކު މަރުވި ކަމަށް މިނިސްޓަރު މިޝްރާ ވިދާޅުވިއެވެ. އަދި އޭނާ ވަނީ އެ ހާދިސާ ހިނގި ވަގުތު އޭނާގެ ދަރިފުޅު ކާރުގައި އިން ކަމަށް ބުނާ ތުހުމަތުތައް ދޮގު ކުރައްވާފައެވެ.
މިޝްރާ ވިދާޅުވި ގޮތުގައި އެ ހާދިސާ ހިނގީ މުޒާހަރާ ކުރަމުން ދިޔަ މީހުން ކާރާ ދިމާލަށް ގާ އުކުމުގެ ސަބަބުން ކާރު ކޮންޓްރޯލުން ނެއްޓުމުންނެވެ.
އިންޑިއާގެ ފުލުހުން ބުނީ އާޝިޝް ހައްޔަރުކުރީ، މުޒާހަރާ ތެރެއަށް ވަން ކާރުގައި އާޝިޝް ނެތް ކަމަށް އޭނާއަށް ސާބިތުކޮށް ނުދެވުމުން ކަމަށެވެ.
އާޝިޝް ހައްޔަރުކޮށްފައިވަނީ އޭނާ ހައްޔަރު ނުކޮށްގެން އިންޑިއާގެ ސުޕްރީމް ކޯޓުން މައި ސަރުކާރަށް ފާޑުކިޔާފައި ވަނިކޮށެވެ.
އެ ހާދިސާއާ ގުޅިގެން ފުލުހުން ވަނީ އިތުރު ހަ މީހަކު ހައްޔަރުކޮށްްފައެވެ. އަދި އެ ހާދިސާގައި މަރުވި ބީޕީޖީގެ މެމްބަރުންނާއި ޑްރައިވަރުގެ މަރާ ގުޅިގެން އެޕާޓީން ވަނީ މުޒާހަރާ ކުރަމުން ދިޔަ ދަނޑުވެރިންނާ ދެކޮޅަށް ފުލުހުންނަށް ޝަކުވާ ހުށަހަޅާފައެވެ.
އިންޑިއާގެ ދަނޑުވެރިކަމާ ބެހޭ ގާނޫނުތަކާ ދެކޮޅަށް އެގައުމުގެ ދަނޑުވެރިން މުޒާހަރާ ކުރާތާ ނުވަ މަހަށް ވުރެ ގިނަ ދުވަސްވެއްޖެއެވެ.
އިންޑިއާގެ ޕާލިމެންޓުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ފާސްކުރި ދަނޑުވެރިކަމާ ބެހޭ ގާނޫނުތަކުގައި ވަނީ ދަނޑުވެރިންނަށް ސަރުކާރުގެ މާކެޓުތަކުގެ ބޭރުން، އެ ދާއިރާއާ ގުޅުން ހުރި ބޮޑެތި އެކްސްޕޯޓް، ހޯލްސޭލް އަދި ރީޓެއިލް ކުންފުނިތަކަށް އެމީހުންގެ އުފެއްދުންތައް ވިއްކޭނެ ކަމަށެވެ.
ސަރުކާރުން ދެކޭ ގޮތުގައި އެއީ ދަނޑުވެރިން ބޭނުންވާ އަގުތަކުގައި ތަކެތި ވިއްކަން ފުރުސަތު ދޭނެ ގާނޫނުތަކެކެވެ.
ނަމަވެސް އިންޑިއާގެ ދަނޑުވެރިން ވަނީ އެ ގަވާއިދުގެ ސަބަބުން އެމީހުންނަށް ބޮޑެތި ކުންފުނިތަކަށް ރަނގަޅު އަގެއްގައި ތަކެތި ވިއްކުމަށް ދަތި ތަކެއް ދިމާވާނެ ކަމުގައި ބުނެފައެވެ. އެގޮތުން ދަނޑުވެރިން ބޮޑެތި ކުންފުނިތަކާއެކު މަޝްވަރާ ކުރާ އިރު ދަނޑުވެރިންގެ މައްޗަށް އެ ކުންފުނިތަކުގެ ބާރު އޮންނަ މިންވަރު މާ ބޮޑުވާނެ ކަމަށް ފާޑު ކިޔާ މީހުން ބުނެއެވެ.
އިންޑިއާގެ 2.7 ޓްރިލިއަން ޑޮލަރުގެ އިގުތިސާދުގެ 15 ޕަސަންޓު ހޯދަނީ ދަނޑުވެރިކަމުންނެވެ.