28 Feb 2012, 22:53
އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަންގެ ނާއިބު އަދި އެ ޕާޓީގެ ކެމްޕެއިން ކޮމެޓީގެ މުގައްރިރު މުހައްމަދު އިމްތިޔާޒު ]އިންތި[ ޖުމްހޫރީ ޕާޓީ އަށް މިރޭ ސޮއިކުރައްވައިފި އެވެ.
އިންތި މިރޭ ވިދާޅުވީ އޭނާ އެމްޑީޕީގެ ޗެއާޕާސަންގެ ނާއިބުގެ މަގާމުންނާއި ކެމްޕެއިން ކޮމެޓީގެ މުގައްރިރު ކަމުންނާއި ގައުމީ މަޖިލީހުގެ މެންބަރުކަން ދޫކޮށްލައްވައި ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތީ އެމްޑީޕީގެ ލީޑަޝިޕްގެ "އިނާކޯ" އިން އިންތިމެން ފަދަ ބޭފުޅުން ބާކީކޮށް ޑިމޮކްރެޓިކް އުސޫލުން ޕާޓީގެ ތެރޭގައި ކަންކަން ނުހިނގާތީ ކަމަށެވެ.
އޭނާ ވިދާޅުވީ، އެހެން ވަނީ ފަހަރުގައި އިންތިމެން ފަދަ އަތޮޅުތަކުން ވަޑައިގެން ތިއްބެވި ބޭފުޅުންނަށް ޕާޓީގެ އެތެރެކޮއިލުން ތަރުހީބު ދެއްވުމަށް ދަތިތަކެއް ހުރުމުން ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ އެ ހިތްހަމަނުޖެހުން އޭނާގެ އޮންނަތާ ދުވަސްތަކެއް ވެއްޖެ ކަމަށާއި ނަމަވެސް ޕާޓީން ވަކިވި ވަގުތަކީ އެމްޑީޕީ ސަރުކާރު ވެއްޓިފައި އޮތް ވަގުތަކަށް ވުމަކީ އިއްތިފާގެއް ކަމަށެވެ.
އިންތި ވިދާޅުވީ ޕާޓީގެ މެންބަރުން އިންތިހާބު ކުރި މަސްއޫލިއްޔަތު އަދާ ކުރުމަށް ފުރުސަތު ނުލިބޭ ތަނެއްގައި ހުންނެވުމުގެ ބޭނުން ނެތް ކަމަށާއި މައިގަނޑު ގޮތެއްގައި އިސްތިއުފާ ދެއްވީ އެހެންވެގެން ކަމަށެވެ.
އެމްޑީޕީގެ ޗެއާޕާސަންނަކަށް މެންބަރުން އިންތިހާބު ކުރި، މާރިޔާ ދީދީ އެ މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު ޗެއާޕާސަންގެ މަގާމު ވަގުތީ ގޮތުން އަދާކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކެވެ.