10 Oct 2021, 10:29
މިއަދު ހަވީރު އޮންނަ ސާފް ޗެމްޕިއަންޝިޕް މުބާރާތުގައި ރާއްޖެއާއި ސްރީ ލަންކާ ބައްދަލުކުރާ މެޗު ބެއްލެވުމަށް ލަންކާގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު ނާމަލް ރާޖަޕަކްސަ ރާއްޖެ ވަޑައިގެންފިއެވެ.
ލަންކާގެ މިހާރުގެ ބޮޑުވަޒީރު އަދި ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ދަރިކަލުން ނާމަލްއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ވިދާޅުވީ ރާއްޖޭގެ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފެވެ. ނާމަލް ރާއްޖެ ވަޑައިގަތީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ.

ލަންކާ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު ނަމާލް ރާޖަޕަކްސްއަށް ރާއްޖޭގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު މަރުހަބާ ދަންނަވަނީ.
ސާފް ޗެމްޕިއަންޝިޕްގައި ލަންކާއަށް އަދި މިހާތަނަށް އެއްވެސް މެޗަކުން ތިން ޕޮއިންޓް ލިބިފައި ނުވާއިރު، ރާއްޖެ ވަނީ އެންމެ ފަހުން ބަންގްލަދޭޝްއާ ދެކޮޅަށް ކުޅެ ތިން ޕޮއިންޓް ހޯދާފައެވެ.
ލަންކާ ޓީމުން ތިން މެޗު ކުޅުނުއިރު، ދެ މެޗުން ބަލިވެ، އެންމެ ފަހުން އިންޑިޔާއާ ބައްދަލުކުރި މެޗުން ވަނީ އެއްވަރުވެފައިއެވެ. އެހެންކަމުން އެއް ޕޮއިންޓާ އެކު، މިރޭ ރާއްޖެއާ ކުޅުމަށް ފަހު ލަންކާ ޓީމަށް ވަނީ މުބާރާތުން އަލްވަދާއު ކިޔަން ޖެހިފައެވެ.
ލަންކާ ޓީމަށް ސާފް ޗެމްޕިއަންޝިޕްގެ ތަށި ކާމިޔާބު ކުރެވުނީ އެންމެ ފަހަރަކުއެވެ. އެއީ 1995 ވަނަ އަހަރުގައެވެ.
މިއަދު އޮންނަ މެޗަށްފަހު ނާމަލް މިރޭގެ ވަގުތެއްގައި ރާއްޖެއިން ފުރާވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.