އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ފުރާވަޑައިގެންފިއެވެ.

ހަތަރު ދުވަހުގެ ދަތުރުފުޅަކަށްފަހު ޝާހިދަށް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން އަލްވަދާއު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރެވެ.

މި ދަތުރުފުޅުގައި ޝާހިދު ވަނީ ރައީސް ސޯލިހުއާއި ޑިފެންސް މިނިސްޓަަރު މާރިޔާ އަހުމަދު ދީދީއާއި ރައްޔިތުންގެ މަޖްލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އަދި އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާނާ ވެސް ބައްދަލުކުރައްވައިފައެވެ.

މީގެ އިތުރުން ގައުމީ ދުވަހު ބޭއްވި ޖަލްސާގައި ޝާހިދަށް ވަނީ ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަމުގެ ލަގަބު ވެސް އަރުވައިފައެވެ.

އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ މަޖިލީހުގެ ރައީސްކަމާ ޝާހިދު ހަވާލުވެވަޑައިގެންނެވީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

އަފްޣާނިސްތާނުގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ. ޒަލްމާއީ ރަސޫލްއާ ވާދަކުރައްވައި، ޝާހިދު އެ މަގާމަށް ހޮވިވަޑައިގަތީ 191 ވޯޓުގެ ތެރެއިން 143 ވޯޓު ހޯއްދަވައިގެންނެވެ.