ސިޔާސީ ޕާޓީތަކުގެ މެދުގައި މިރޭ ކުރިއަށްދިޔަ ވާހަކަތަކުގައި އިންޑިއާގެ ފޮރިން ސެކްރެޓަރީ ރާޖަން މަތާއީ ބައިވެރިވެ ވަޑައިގަތުމުން ޕާޓީތަކުގެ ހިޔާލު ތަފާތުވެ މިރޭގެ މަޝްވަރާތައް ހުއްޓާލަންޖެހިއްޖެ އެވެ.

މިއަދުގެ ވަގުތެއްގައި ރާއްޖެ ވަޑައިގަތް މަތާއީ މިރޭގެ މަޝްވަރާތަކަށް ވެލާނާގެ އަށް ވަޑައިގެން ދެއްކެވި ވާހަކަތަކާ ގުޅޭ ގޮތުން މަޝްވަރާތަކުގެ ވިލަރެސް ވެރިޔާ އަހުމަދު މުޖުތަބާ ވިދާޅުވީ އިންޑިއާގެ ފޮރިން ސެކްރެޓަރީ އެ ބައްދަލުވުމުގައި ފާޅުކުރެއްވީ ރާއްޖޭގެ މަސްރަހު ހައްލުކުރުމަށް އިންޑިއާގެ ނަޒަރުގައި ދެކޭ ގޮތްތަކެއްގެ ވާހަކަތައް ކަމަށެވެ. އަދި އެވާހަކަތަކާ ގުޅިގެން ބައެއް ބޭފުޅުން "ހިތްހަމަޖެހިވަޑައިނުގެން" އުޅުއްވި ކަމަށް ވެސް މުޖުތަބާ ވިދާޅުވި އެވެ.

"ދިވެހިރާއްޖޭގެ މަސްރަހު އޮތް ގޮތުން ހައްލެއް ގެނައުމަށް އެމަނިކުފާނަށް ވެސް ފެނިވަޑައިގަންނަވާ ބައެއް ކަހަލަ ވާހަކަ ދެއްކެވީ. އެކަމަކު އެއީކީ ރަސްމީގޮތުން ހުށަހެޅި އެއްޗިހިތަކަކަށް ނުވެވޭނެ. އެއީ އަޅުގަނޑުމެންގެ ވާހަކަތަކުގެ އެޖެންޑާ ވެސް މިއަންނަނީ ބޭފުޅުންގެ ވާހަކައިން އެޖެންޑާ މި އައީ،" މިރޭގެ ބައްދަލުވުމަށްފަހު ވެލާނާގޭގެ ތިރީގައި ހުންނަވާ މުޖުތަބާ މީޑިއާ ތަކަށް ވިދާޅުވި އެވެ.

ހުރިހާ ސިޔާސީ ޕާޓީތަކުން ވެސް ބައިވެރިވި އެ ބައްދަލުވުމާ ގުޅޭގޮތުން ފޮރިން ސެކްރެޓަރީ އެއްވެސް އެއްޗެއް ވިދާޅެއް ނުވި އެވެ. ބައްދަލުވުމުން ނުކުންނެވި ވަގުތު ފޮރިން ސެކްރެޓަރީ އަށް ސަން އޮންލައިނުން ސުވާލު ދެންނެވުމުން ނުރުހުންވެ ހުންނަވައި ވިދާޅުވީ "ފަހަރުގައި މާދަމާ ކޮމެންޓެއް ދެއްވިދާނެ" ކަމަށެވެ. އިތުރު އެއްޗެއް ވިދާޅު ނުވެ ދެން އެމަނިކުފާނު ވަޑައިގެންނެވީ އެވެ.

މަޝަވަރާތަކަށް ފަހު ނަން ނުޖެހުމަށް އެދި ސަން އޮންލައިނަށް ވާހަކަ ހިއްސާ ކުރެއްވެވި ބައެއް ބޭފުޅުން ވިދާޅުވީ އިންޑިއާގެ ފޮރިން ސެކްރެޓަރީ ވަނީ ރިޔާސީ އިންތިހާބު ޑިސެމްބަރު މަހު ތެރޭ ބާއްވާ ގާނޫނު އަސާސީއަށް ގެންނަން ޖެހޭ ބަދަލުތައް މަސްދުވަހެއްގެ ތެރޭގައި ގެނައުމަށް ކަރުދާހެއް ހުށަހަޅާފައި ކަމަށެވެ. ނަމަވެސް އެމްޑީޕީ ފިޔަވާ ހުރިހާ ޕާޓީތަކުން ވަނީ ފޮރިން ސެކްރެޓަރީގެ ވާހަކަތަކަށް ދެކޮޅުހެދި ކަމަށާއި އެ ހިސާބުން މަސްރަހު ހޫނުވެ ޕާޓީތަކުގެ މަންދޫބުންނާއި ފޮރުން ސެކްރެޓަރީ އާ ދެމެދު ހޫނު ބަހުގެ ހަމަލާތަކެއް ހިނގި ކަމަށެވެ. މިރޭގެ ބައްދަލުވުން ނިންމާލުމުގެ ކުޑަ އިރުކޮޅެއް ކުރިން ބަންޑާރަ ނައިބު އައިސަތު އާޒިމާ ޝުކޫރު ވެސް ވެލާނާގެއަށް ވަނީ ވަޑައިގެންނެވި އެވެ.

މިރޭގެ ބައްދަލުވުމުގައި އެމްޑީޕީގެ ފަރާތުން އެ ޕާޓީގެ ކުރީގެ ރައީސް އިބްރާހިމް ހުސެން ޒަކީ ބައިވެރިވެ ވަޑައިގަތެވެ.

ސިޔާސީ ޕާޓީތަކުން އެޖެންޑާގައި ހިމެނުމަށް އެއްބަސްވެފައިވާ ކަންތައްތަކުގެ ތެރޭގައި އަވަސް އިންތިހާބެއްގެ ތާރީހު ކަޑައެޅުމާއި ގާނޫނީ އަސާސީ އިސްލާހުކުރުން ފަދަ ހިޔާލުތަފާތުވެފައިވާ ކަންކަން ހިމެނެ އެވެ. މިރޭގެ ވާހަކަތަކާ އެކު ސިޔާސީ ޕާޓީތަކުން ވަނީ މަޝްވަރާ ބައްދަލުވުންތަކުގެ ފަސް ބައްދަލުވުމެއް ބާއްވާފަ އެވެ. އެމްޑީޕީން ފުރަތަމަ ބައްދަލުވުމުގައި ބައިވެރިވެފައެއް ނުވެ އެވެ. ނަމަވެސް މިހާރު ކުރިއަށްދާ ވާހަކަތަކުގައި އެ ޕާޓީން ވެސް އަންނަނީ ބައިވެރި ވަމުންނެވެ.

މިރޭގެ ބައްދަލުވުމުގައި ހަމަޖެހިފައި އޮތީ އެޖެންޑާ އައިޓަމްތައް ތަރުތީބު ކުރުމެވެ. މުޖުތަބާ ވިދާޅުވީ އެ މަސައްކަތް ކުރާނީ މާދަމާ ހަވީރު ބާއްވާ ބައްދަލުވުމެއްގައި ކަމަށެވެ.