09 Oct 2021, 22:59
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ސަސްޕެންޑުކޮށްފައި ހުރި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ ސަސްޕެންޝަން އުވައިލައިފިއެވެ.
މަހުލޫފް މިނިސްޓަރުކަމުގެ މަގާމުން އެކަހެރިކޮށްފައިވަނީ މި އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.
ސަސްޕެންޑުކުރިތާ ހަތަރު މަސް ފަހުން އޭނާގެ ސަސްޕެންޝަން އުވައިލައިފައިވަނީ މަހުލޫފްގެ މައްޗަށް މިހާތަނަށް ވެސް ދައުވާކޮށްފައިނުވާތީއެވެ.
އެމްއެމްޕީއާރުސީ މައްސަލައިގައި މަހުލޫފުގެ މައްޗަށް ދައުވާ ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން މިދިޔަ ޖޫން މަހު ޕީޖީއަށް ފޮނުވީ، 2014 ވަނަ އަހަރު މަޖިލިސް މެމްބަރެއްގެ ގޮތުގައި ހުންނަވައި، ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒީ) ބިލަށް ވޯޓު ދިނުމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދެއްވި 33،000 ޑޮލަރުގެ ރިޝްވަތެއް ގަބޫލު ކުރެއްވި ކަމުގެ ތުހުމަތުގައެވެ.
މީގެ އިތުރުން، މަހުލޫފުގެ އެކައުންޓަށް ޖަމާކޮށްފައިވާ 33،000 ޑޮލަަރަކީ ފައިސާ ބަދަލު ކުރުމުގެ މުއާމަލާތެއްކަމަށް ބުނެ، އެސްއޯއެެފްގެ ނަމުގައި ތަައްޔާރުކޮށްފައިވާ "ޕޭމެންޓް ރިސީވްޑް" ސްލިޕެއް މަހުލޫފު އޭސީސީއަށް ހުށަހަޅާފައިވީ ނަމަވެސް، އެ ފައިސާއަކީ ޑޮލަރު ގަތުމުން ދިން ފައިސާކަން ތަހުގީގުން ބެލި ބެލުމުން އެނގެން ނެތް ކަމަށްވެސް އޭސީސީ އިން ބުންޏެވެ.
މަހުލޫފަށް ކުރެވޭ ކޮރަޕްޝަންގެ މައްސަލައިގައި މިހާތަނަށް ވެސް ދައުވާކޮށްފައެއްނުވެއެވެ.
މަހުލޫފް ތުހުމަތު ކުރައްވާ ގޮތުގައި އޭނާގެ މައްސަލައިގެ އަޑީގައި ވަނީ އޭނާ މަގާމުން ދުރު ކުރަން މަސައްކަތް ކުރާ ސިޔާސީ ބަޔެކެވެ. އަދި މައްސަލަ ކޯޓަށް ހުށަހަޅައިފި ނަމަ، މަހުލޫފާ ދެކޮޅަށް ދެއްކޭނެ އެއްވެސް ހެއްކެއް ނޯންނާނެ ކަމަށް ވެސް އޭނާ މީގެ ކުރިން ވިދާޅުވެފައިވެއެވެ. މަހުލޫފް ވިދާޅުވާ ގޮތުގައި އޭނާއަށް ދައުވާ ނުކުރެވިގެން އުޅޭ ސަބަބަކީ ވެސް ހެކި ނެތުމެވެ.
އެމްއެމްޕީއާރުސީ ހިޔާނުތުގެ މައްސަލައާ ގުޅިގެން 2019 ވަނަ އަހަރުވެސް މަހުލޫފް ސަސްޕެންޑުކޮށްފައިވެއެވެ. ނަމަވެސް އޭސީސީއިންނާއި ފުލުހުންގެ އޭނާގެ މައްސަލައެއް ނެތް ކަން ޔަގީން ކޮށްދިނުމުން އެ އަހަރުގެ އޭޕްރިލް މަހުގެ 16 ވަނަ ދުވަހު އޭނާގެ ސަސްޕެންޝަން ވަނީ އުވައިލައިފައެވެ.