09 Oct 2021, 20:39
ސިއްހީ ފަރުވާއަށް އިންޑިއާއަށް ދިއުމަށް މެޑިކަލް ވިސާ ހޯދުމުގައި ދިމާވާ ދަތިތަކަށް ވަރަށް އަވަހަށް ހައްލު ލިބޭނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ގިނަ އަދަދެއްގެ ދިވެހިން އިންޑިއާ އަށް ބޭސް ފަރުވާއަށް ދާއިރު، ވިސާ ފޯމު ހުށަހެޅުމަށް އިންޑިއަން ހައި ކޮމިޝަން ކައިރީގައި ގިނަ ބަޔަކު ކިޔުގައި ތިބެން ޖެހޭ ކަމުގެ ޝަކުވާއަކީ ގިނަ ބަޔަކު ކުރަމުން އަންނަ ޝަކުވާއެކެވެ.
މިކަމާ ގުޅިގެން މިނިސްޓަރު ޝާހިދު ވިދާޅުވީ ބޯޑަރު ބަންދުކޮށްފައި އޮތް ދުވަސްވަރު ވެސް އިންޑިއާއިން ވިސާ ހޯދުމަށް ދިވެހިންނަށް ފަސޭހަ ގޮތްތަކެއް ހޯދައިދީފައިވާ ކަމަށެވެ. ނަމަވެސް މެޑިކަލް ވިސާ ހޯދުމުގައި ދިވެހިން ތަކުލީފުތަކެއް އުފުލަމުން އަންނަ ކަން އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު ޝާހިދު ވިދާޅުވީ ވިސާގެ މައްސަލައިގެ މަޝްވަރާތައް އިންޑިއާ ސަރުކާރާއެކު ކުރިއަށް ދާ ކަމަށާއި ވަަރަށް އަވަހަށް އެ މައްސަލައަށް ހައްލު ލިބިގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
މީގެ ކުރިން ވެސް ވިސާ ހޯދާ މީހުންގެ އަދަދު އިތުރުވުމުގެ ސަބަބުން އޮންލައިންކޮށް ވިސާ އެޕްލިކޭޝަން ފޯމު ފުރުމަށްފަހު، އެޕޮއިންޓްމަންޓް ބުކް ކުރެވޭ ގޮތަށް ހަމަޖައްސައިފައިވެއެވެ.
ކޮވިޑް19 ބަލިމަޑުކަން ދުނިޔޭގައި ފެތުރެން ފެށުނު ހިސާބުން އިންޑިއާގެ ބޯޑަރުތައް ބަންދުކޮށްފައި އޮތްް ނަަމަވެސް އިންޑިއާ އާއި ރާއްޖޭގެ ދެމެދުގައި އޮންނަ ޒަމާންވީ ގާތް ގުޅުމުގެ ސަބަބުން މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން ދިވެހިންނަށް އިންޑިއާއަށް ބޭސް ފަރުވާއަށް ދިއުމުގެ ފުރުސަތު ވަނީ ހުޅުވާލިއެވެ.