28 Feb 2012, 21:14
އެމްޑީޕީގެ ޒުވާނުންތަކެއް "އަނިޔާއާ ދެކޮޅަށް" މިއަދު ހަވީރު މާލެގައި ހިނގާލުމެއް ބާއްވައިފި އެވެ. މި ހިނގާލުމުގައި މާލޭގެ ޒުވާން ގުރޫޕްތަކާއި އަމިއްލަ ޖަމިއްޔާތައް ބައިވެރިވި އެވެ.
ހަވީރު ބޭއްވި ހިނގާލުން ފަށާފައިވަނީ ސުނާމީ ބިނާ ސަރަހައްދުން ނެވެ.
ގިނަ ޒުވާނުންތަކެއް ބައިވެރިވި ހިނގާލުމުގައި ފުލުހުންނާއި ސިފައިން ކުރާ އަނިޔާތައް ހުއްޓާލުމަށާއި ޒުވާނުން ނިކުތީ އަވަސް އިންތިހާބެއް ބޭނުން ވެގެން ކަމަށް ބުނެ އަޑު ހަރުކުރި އެވެ. ހިނގާލުމަށް ނުކުތް ޒުވާނުން ވަނީ އަމިނީ މަގާއި މަޖިދީ މަގުގައި ހިނގާލުމަށްފަހު އެއްވުން ފެށި ސަރަހައްދަށް ނިންމާލާފަ އެވެ.
ހިނގާލުން ނިންމާލުމުން ކުރީގެ ރައީސް މުހައްމަދު ނަޝީދުވަނީ ހިނގާލުމުގެ ބައިވެރިންނާއި މުހާތަބު ކޮށް އެ ސަރަހައްދުގައި ވާހަކަފުޅު ދައްކަވާފަ އެވެ.
ނަޝީދު ވިދާޅުވީ ވެރިކަމުގެ ކަންކަން ފަހިވާން ޖެހޭނީ ޒުވާނުންނާއި ގުޅޭ ގޮތަށް ކަމަށާއި 2008 ވަނަ އަހަރު ސަރުކާރު ބަދަލުކުރުމުގައި އެންމެ އިސް ރޯލެއް އަދާކުރި ބަޔަކީ ޒުވާނުން ކަމަށެވެ.
މީގެ އިތުރުން މިހާރުގެ ވެރިކަން ދެމެހެއްޓުމަށް މަސައްކުރަނީ ރައްޔިތުން ލޯބި ލިބިގެން ނޫން ކަމަށާއި ފުލުހުންނާއި ސިފައިންގެ ބޭނުން ކޮށްގެން ކަމުގައިވެސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.
އެމްޑީޕީގެ ބޮޑު މުޒާހަރާއެއް މާދަމާ ހަވީރުވެސް ބޭއްވުމަށް ހަމަ ޖެހިފައިވާ ކަމަށް އެމްޑީޕީން މިއަދު ވަނީ އިއުލާން ކޮށްފަ އެވެ. މާދަމާ މުޒާހަރާ ކުރާނީ އެއްގަމު އުޅަނދުފަހަރުތަކުގައި ކަމަށް އެ ޕާޓީން ބުންޏެވެ.