09 Oct 2021, 15:48
ގަލޮޅު ދަނޑު ސަރަހައްދުގައި އާއްމުން ހިންގި އިހުތިޖާޖާ އެކު އެފްއޭއެމްއިން މިރޭ ވިއްކަން ހަމަޖެހިފައިވާ 1000 ޓިކެޓް ހޯދުމަށް ސޯޝަލް ސެންޓަރުގައި ކިޔޫ ހަދަން ފަށައިފިއެވެ.
މާދަމާގެ މެޗަށް ޓިކެޓް ވިއްކުން ފަށަން އޮތީ މިއަދު ހެނދުނު 10:00 އެވެ. އެހެން ނަމަވެސް ޓިކެޓް ހޯދުމުގެ އުންމީދުގައި ހެނދުނު 7:00 ޖެހުމުގެ ކުރިން ގިނަ ބަޔަކު ވަނީ ގަލޮޅު ދަނޑު ސަރަހައްދުގައި ކިޔު ހަދައިފައެވެ.
ނަމަވެސް ޓިކެޓް ދޫކުރަން ފެށިތާ ގަޑިއެއްހާއިރު ތެރޭގައި ޓިކެޓް ހުސްވެފައިވާ ކަމަށް އެތަނުގައި ތިބި އެފްއޭއެމްގެ އޮފިޝަލުން ވަނީ އަންގައިފައެވެ.
މާދަމާގެ މެޗަށް ވަނުމަށް ގިނަ އަދަދެއްގެ މީހުން އެދެމުންދާތީ އެކަމަށް ހައްލެއް ހޯދުމަށް އެފްއޭއެމުން ނިންމާފައިވާ ކަމަށް ވަނީ ބުނެފައެވެ. އެގޮތުން ސްޕޮންސަރުންނާއި ފުޓްބޯޅަ ކުލަބްތަކަށް ވިއްކުމަށް ހަމަޖެހިފައިވާ ޓިކެޓްތަކުގެ ތެރެއިން 1000 ޓިކެޓް ސަޕޯޓަރުންނަށް ވިއްކުމަށް އެފްއޭއެމްއިން ވަނީ ނިންމާފައެވެ.
މިރޭ 20:00 ޖަހާއިރު ސޯޝަލް ސެންޓަރުގައި ވިއްކާ ޓިކެޓް ގަތުމަށް މިހާރުވެސް އެ ސަރަހައްދުގައި ވަނީ ކިޔޫ ހަދައިފައެވެ.
އެފްއޭއެމުން ބުނީ, ކުޅުންތެރިންނާއި އާއިލާ އަދި ސްޕޮންސަރުންނާއި ފުޓްބޯޅަ ކުލަބްތަކަށް ވިއްކުމަށް ހަމަޖެހިފައިވާ 2500 ޓިކެޓްގެ އިތުރުން، ބެލުންތެރިންނަށް ވިއްކުމަށް ހަމަޖައްސާފައިވާ ހުރިހާ ޓިކެޓެއް މިހާރު ވިކި ހުސްވެފައިވާ ކަމަށެވެ.
މިފަހަރުގެ މުބާރާތުގެ ފޯރި ގަދަވެފައިވާ އިރު، މެޗަކަށް ފަހު މެޗަކަށް ވަންނަން ބޭނުންވާ ސަޕޯޓަރުން ވެސް އިތުރުވަމުންދާއިރު، ޓިކެޓްގެ ޑިމާންޑް ވަނީ އިންތިހާއަށް ބޮޑުވެފައެވެ.