އަވަސް އިންތިހާބަކަށް ގޮވާލައި މުޒާހަރާކުރަމުންދާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން އަންނަ މޭމަހު ފަސް ވަނަ ދުވަހު ބާއްވާ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނީ އެންމެ ކެންޑިޑޭޓެއް ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.

ލޮނުޒިޔާރަތްކޮޅު ރާޅުގަނޑު ސަރަހައްދުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ އިންތިހާބާ ބެހޭ ކޮމިޓީގެ މުގައްރިރު އިބުރާހިމް ވަހީދު ވިދާޅުވީ ޕްރައިމަރީގައި ބައިވެރިވުމަށް ހުޅުވާލި ފުރުސަތު މިއަދު ހަމަވިއިރު ކުރިމަތިލައްވާފައި ވަނީ އެންމެ ކެންޑިޑޭޓެއް ކަމަށެވެ. އެއީ އެޕާޓީގެ އެންމެ އިސްލީޑަރު ގ. ކެނެރީގެ މުހައްމަދު ނަޝީދު ކަމަށެވެ.

އެމްޑީޕީގެ ޕްރައިމަރީ ވާދަވެރި ގޮތެއްގައި ބޭއްވުމަށް އެހެން ބޭފުޅަކު ޕްރައިމަރީއަށް ކުރިމަތި ނުލެއްވި ސަބަބަކާ މެދު ދެކެވަޑައިގަންނަވަނީ ކިހިނެތްތޯ ނޫސްވެރިއަކު ސުވާލު ކުރުމުން ވަހީދު ވިދާޅުވީ އެއީ އެމްޑީޕީގެ ހުރިހާ މެމްބަރުން ސަރުކާރަށް ދިން ޖަވާބެއް ކަމަށެވެ. އެ ޖަވާބަކީ ސަބަބަކީ އެމްޑީޕީގެ ހުރިހާ މެމްބަރުން ވެސް ތިބީ ރައީސް ނަޝީދުގެ ފަހަތްޕުޅުގައި ކަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑަށް ހީވަނީ އެއީ އެމްޑީޕީގެ މެމްބަރުން [ރައީސް] ވަހީދަށް ދިން ޖަވާބެއް ކަމަށް އެކަމުން އެ ދައްކައި ދިނީ. އެމްޑީޕީގެ ހުރިހާ މެމްބަރުން ވެސް ތިބީ ރައީސް ނަޝީދުގެ ފަހަތްޕުޅުގައި އެމަނިކުފާނަށް ތާއީދުކޮށްގެން ކަން ކަމަށް އަޅުގަނޑު ދެކެނީ. އެމްޑީޕީގައި ބައިބައި ވުމެއް ނެތްކަން ދެއްކުން ކަމަށް އަޅުގަނޑަށް ހީވަނީ ކުރިމަތި ނުލީ ސަބަބަކީ،" ވަހީދު ވިދާޅުވި އެވެ.

ޕްރައިމަރީއަށް ކުރިމަތި ލެއްވީ އެންމެ ކެންޑިޑޭޓަކަށް ވެއްޖެ ނަމަ އެބޭފުޅަކު ހޯއްދަވަން ޖެހިވަޑައިގަންނަ ވާނީ ވޯޓްގެ 10 ޕަސެންޓް ކަމަށާއި އެއް ކެންޑިޑޭޓާ އެކުގައި ވެސް އެމްޑީޕީން ޕްރައިމަރީގެ ވޯޓްލުން މުޅި ރާއްޖޭގައި ވެސް ބާއްވާނެ ކަމަށް ވަހީދު ވިދާޅުވި އެވެ. އަދި ކެމްޕޭން ކުރެއްވުމުގެ ފުރުސަތު މާދަމާއިން ފެށިގެން ނަޝީދަށް ހުޅުވާލާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަވަސް އިންތިހާބެއް ބާއްވާ ނަމަ އެމްޑީޕީގެ ފަރާތުން ކުރިމަތިލާނެ ރިޔާސީ ކެންޑިޑޭޓެއް ހޮވުމަށް ޕްރައިމަރީއެއް ބޭއްވުމަށް ނިންމީ މިމަހުގެ 20 ވަނަ ދުވަހު އޮތް އެމްޑީޕީގެ ގައުމީ މަޖިލީހުގެ 101 ވަނަ ޖަލްސާއިންނެވެ. އަދި އެޖަލްސާއިން އެގޮތަށް ފާސްކުރުމާ ގުޅިގެން ކުރިމަތި ލުމުގެ ފުރުސަތު ޖެހިގެން އައި 21 ވަނަ ދުވަހު ވަނީ ހުޅުވާލާފަ އެވެ.

އަވަސް އިންތިހާބެއް ބޭއްވުމަށާއި އެ އިންތިހާބު ބާއްވާނެ ތާރީހެއް ކަނޑައަޅައި ދިނުމަށް ގޮވާލާއި އެމްޑީޕީން މުޒާހަރާތައް ކުރަމުން އަންނަތާ މިއަދަށް 18 ދުވަސް ވެފައި ވާއިރު ސަރުކާރުން އަދި އެކަމަށް އެއްވެސް އިޖާބަދީފައެއް ނުވެއެވެ.