09 Oct 2021, 15:01
ސާފް ޗެމްޕިއަންޝިޕުގައި މާދަމާ ރާއްޖެ އަދި ސްރީލަންކާ ބައްދަލު ކުރާ މެޗު ބެލުމަށް އެފްއޭއެމްގެ ސްޕޮންސަރުންނާއި، ކުޅުންތެރިންގެ އާއިލާތަކަށް ހާއްސަކޮށްގެން 2500 ޓިކެޓް ނަގާފައިވާކަމަށް އެފްއޭއެމުން ބުނެފިއެވެ.
މާދަމާގެ މެޗަށް ޓިކެޓް ވިއްކަން ފަށާފައިވަނީ މިއަދު ހެނދުނު 10:00 ޖަހާއިރުއެވެ. އެހެން ނަމަވެސް ޓިކެޓް ވިއްކަން ފެށިތާ ގަޑިއިރެއްހާއިރު ތެރޭ މެޗަށް ދޫކުރަން ހަމަޖެހިފައިވާ ޓިކެޓް ވަނީ ހުސްވެފައެވެ. އެއާ އެކު ޓިކެޓް ގަންނަން ގޮސް ތިބި ގިނަ ބަޔަކު ވަނީ ގަލޮޅު ދަނޑަށް ވަދެގަނެ، އެ ސަރަހައްދުގައި ހަމަނުޖެހުން ހިންގައިފައެވެ.
މި މައްސަލައާ ގުޅިގެން އެފްއޭއެމުން ވަނީ ބަޔާނެއް ނެރިފައެވެ. އެ އިދާރާއިން ބުނީ ދަނޑަށް ވަންނަ މީހުންގެ ޖާގައިގެ ތެރެއިން 2500 ޓިކެޓް އެ އިދާރައިގެ ސްޕޮންސާތަކާއި، ކުޅުންތެރިންގެ އާއިލާތަކުގެ އިތުރުން ކުލަބުތަކަށް ނަގާފައިވާކަމަށެވެ.
"މި މެޗުގެ ކުޅި ބެލުމަށް ކުޅުންތެރިންގެ އާއިލާ އާއި އެފްއޭއެމްގެ ސްޕޮންސަރުންނާއި ފުޓުބޯޅަ ކުލަބުތަކަށް ވިއްކުމަށް ހަމަޖައްސާފައިވާ 2500 ޓިކެޓްގެ އިތުރުން ކުޅިބެލުންތެރިންނަށް ވިއްކުމަށް ހަމަޖައްސާފައިވާ ހުރިހާ ޓިކެޓެއް މިހާރު ވިކި ހުސްވެއްޖެއެވެ." އެފްއޭއެމްގެ ބަޔާނުގައި ބުނެފައިވެއެވެ.
އެފްއޭއެމްގެ ބަޔާނުގައި އިތުރަށް ބުނީ އާއްމުންގެ ކަންބޮޑުވުމާއެކު އެފްއޭއެމްއަށް ނެގި 2500 ޓިކެޓުގެ ތެރެއިން 1000 ޓިކެޓް ވިއްކަން ހަމަޖައްސާފައިވާ ކަމަށެވެ. އަދި އެ ޓިކެޓްތައް ވިއްކާނީ މީހަކަށް ޓިކެޓެއްގެ މަގުން މިރޭ 20:00 ޖަހާއިރު، ސޯޝަލް ސެންޓަރުގައި ކަމަށެވެ.
ރާއްޖެ އާއި ބަންގްލަދޭޝްގެ ކުޅުނު މެޗަށް ބަންގްލަދޭޝްގެ ސަޕޯޓަރުންނަށް ވިއްކި ޓިކެޓުތައް ހުސްވުމުން ވެސް މީގެ ކުރިން މައްސަލަ ހޫނުވެފައިވެއެވެ. ބަންގްލަދޭޝްގެ ސަޕޯޓަރުންނަށް ޓިކެޓު ވިއްކީ އަވޭ ސަޕޯޓަރުންނަށް ޓިކެޓު ވިއްކާ އާންމު އުސޫލުގެ ދަށުން 200 ޓިކެޓެވެ.