ހިމާޔަތްކޮށްފައިވާ ދޫނި ހިފާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ދީފިއެވެ.

އީޕީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި އަހަރުގެ މި ދުވަސްވަރަކީ އެކި ކަންކޮޅުތަކުން ރާއްޖެއަށް އެކި ބާވަތުގެ ދޫނި ހިޖުރަ ކުރަމުން އަންނަ ދުވަސްވަރެއް ކަމަށެވެ.

އެގޮތަށް ރާއްޖެއަށް ހިޖުރަ ކުރާ ދޫންޏަކީ "ގުދުރަތީ ގޮތުގައި ނުވަތަ ތަބީއީ ގޮތުގައި ހިމާޔަތްކޮށް ރައްކާތެރި ކުރާ ދިރޭ ތަކެއްޗާ ބެހޭ ގަވާއިދު"ގެ ދަށުން ހިމާޔަތްކޮށްފައިވާ ދޫނި ކަމަށް އީޕީއިން ބުންޏެވެ.

ނަމަވެސް އެ ގޮތަށް އަންނަ ދޫނި ހިފައި، އެއަށް ގޯނާ ކުރާ ކަމުގެ މައްސަލަތައް އެ އެޖެންސީއަށް ލިބޭ ކަމަށާއި އެއީ ކަންބޮޑުވާ މައްސަލައެއް ކަމަށް ވެސް އީޕީއޭއިން ބުނެއެވެ.

"މިގޮތުން ފުޓުބޯޅަ ދަނޑުތަކުގައާއި ހާމައަށް ހުންނަ ބިންތަކުގައާއި ހިއްކާފައިވާ ބިންތަކުގައި މަޅިފައްޗާއި ދަންތުރަައާއި އެކި އާލާތްތައް ބޭނުންކޮށްގެން މި ފަދަ ދޫނިތައް ހިފާކަމުގެ ޝަކުވާ މި އެޖެންސީއަށް ލިބެމުން ދާތީ، ހިމާޔަތްކޮށްފައިވާ ދޫނިތައް ހިފާ، އެ ތަކެއްޗަށް ގޯނާކޮށް ކޮށީގައި ބަންދުކޮށްގެން ނުގެންގުޅުމަށް ހުރިހާ ފަަރާތްތަކަށް ވެސް ނަސޭހަތްތެރިވަމެވެ،" އީޕީއޭގެ ބަޔާނުގައި ބުންޏެވެ.

އީޕީއޭއިން އިތުރަށް ބުނީ ގަވާއިދާ ހިލާފަށް ހިމާޔަތްކޮށްފައިވާ ދޫނި ހިފާނަމަ ފިޔަވަޅެއްގެ ގޮތުގައި ޖޫރިމަނާ ކުރާނެ ކަމަށެވެ. ޖޫރިމަނާ ކުރާނީ ފަސް ރުފިޔާއާއި 500 ރުފިޔާއާ ދެމެދުގެ އަދަދަކުންނެވެ.

އެއާއެކު ދިރޭ ތަކެތި ރައްކާތެރި ކުރުމަށް ހެދިފައިވާ ގާނޫނުތަކަށް އެއްބާރުލުން ދިނުމަށް ވެސް އީޕީއޭއިން އެދިފައިވެެއެވެ.